ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ސަރުކާރުން މީޑިއާތަކުގެ ކޮންޓްރޯލް ނަގާ ބިލަށް ވެރިކަން ކުރާ ޕާޓީ އަދި މަޖިލީހުގެ ބައިބޯ ޕާޓީން ޕީއެންސީން ފުރިހަމައަށް ތާއީދުކުރާކަން މިއަދު ހާމަކޮށްފި އެވެ.
ވީ ކިހިނެއް؟ - އެކަން ހާމަކުރެއްވީ، ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެ ބިލްގައި ބަހުސްގައި މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލް - ދައުރުން ބޭރުން މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ބިލަށް ފުރިހަމައަށް ތާއިދުކުރާ ކަމަށާއި އެ ބިލްގައި މީޑިއާގައި މަސައްކަތް ކުރާ ފަރާތަކަށް ހުރަހެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެއްވޭ ކަމަށެވެ. އަދި އޭނާ ވަނީ މިއަދު ބިލް ބަލައިގަންނަން ޕީއެންސީގެ ޕީޖީ ގްރޫޕުން ވޯޓް ދޭނޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"މި ބިލް ތަފްސީލްކޮށް ވިދާޅުވެދެއްވިއްޔާ ރަނގަޅަށް މަސައްކަތް ކުރާ މީހަކު ބިރު ގަންނާކަށް ނުޖެހޭ. މީޑިއާގެ ބިލެއް އޮވެގެން ނެތިގެން ވީކަމެއް ނޫން މީގެ ކުރީ ސަރުކާރުތަކުގައި ނޫސްވެރިން ޖަލަށްލާ ހެދުމަކީ،" ފަލާހު ވިދާޅުވި އެވެ.
އެ ބިލް ދިފާއު ކުރައްވަމުން އޭނާ ވިދާޅުވީ މީޑިއާތަކުން ދޮގު މައުލޫމާތު ފަތުރާ، މީހުންގެ އަނބުރު ނަގާލުމުގެ ސަބަބުން ހުދު އޭނާއަކީ އޭގެ ތަކުލީފު އުފުލަން ޖެހުނު މީހެއް ކަމަށެވެ. ފަލާހު ވިދާޅުވި ގޮތުގައި އޭނާ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކޮށް ހަދާފައިވާ ވީޑިއޯއެއް ދައުރުކޮށް މީޑިއާއިން އޭނާއަކީ އެއްޖިންސުން ގުޅުން ހިންގާ މީހަކަށް ހެދި ކަމަށެވެ.
އެކަމުން އޭނާ އާއި އާއިލާއަށް ފުން އަސަރުކުރިކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ އެކަހަލަ ދޮގު ހަބަރު ފަތުރާ މީހުން އުލު ބައިދަންވީ ކަމަށެވެ.
އެ ބިލް ބަލައިގަންނަން ވޯޓް ނުދޭ މީހަކީ ގައުމު ފަސާދަ ކުރަން އުޅޭ މީހެއްގެ ގޮތުގައި ވެސް ފަލާހު ސިފަކުރެއްވި އެވެ. އަދި ބިލް ހުށަހެޅުއްވި ހަންނާނަށް އޭނާ ތައުރީފް ކުރެއްވި އެވެ. އަދި ވިދާޅުވީ ކޮމިޓީ މަރުހަލާގައި ނޫސްވެރިން ރަނގަޅު ވާހަކައެއް ދައްކާ ނަމަ ބަލައިގަނެ ބިލް އިސްލާހު ކުރެވިދާނެ ކަމަށެވެ.
ޕީއެންސީން މީޑިއާ ކޮންޓްރޯލް ބިލަށް ފުރިހަމައަށް ތާއީދު: ފަލާހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ