އަލަށް ތައާރަފުކުރި އިންޓަގްރޭޑެޓް ކޭސް މެނޭޖްމަންޓް ސިސްޓަމް (އައިސީއެމްއެސް) އަކީ ކޯޓުތަކުގައި އެތައް އަހަރުތަކެއްވަންދެން މަޑުޖެހިފައި ހުރި މައްސަލަތައް ނިންމަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށާއި އެ އަމާޒުގައި ކޯޓުތަކުން މަސައްކަތް ކޮށްދެއްވުމަށް އުއްތަމަފަނޑިޔާރު އަބްދުލްގަނީ މުހައްމަދު އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - އަބްދުލްގަނީ މިގޮތައް އެދިވަޑައިގަތީ ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފެށުމަށް އިއްޔެ ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުންނެވެ. އަލަށް ބޭނުންކުރަން ފެށި ކޭސް މެނޭޖްމަންޓް ނިޒާމަކީ ޝަރުއީ ނިޒާމު ޓެކޮނޮލަޖީއަށް އަހުލުވެރިކުރުވައި ޖުޑިޝަރީ ޒަމާނީކުރަން ކުރާ މަސައްކަތުގެ ތެރެއިން ތައާރަފުކުރި ނިޒާމެކެވެ.
މި ނިޒާމު މިހާރު ދަނީ ކްރިމިނަލް ކޯޓުގައި ބޭނުންކުރަމުންނެވެ. ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމާ ގުޅުވާލައިގެން ހަދާފައިވާ މި ނިޒާމުގެ ސަބަބުން ސީދާ ކްރިމިނަލް ކޯޓަށް އޮންލައިންކޮށް މައްސަލަތައް ހުށަހަޅަން ފަސޭހަވާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެ އެވެ. އަދި މި ނިޒާމުގެ ސަބަބުން އިދާރާތަކުގެ މެދުގައި މައްސަލައިގެ ލިޔެކިއުންތައް ބަދަލުކުރަން ވެސް ފަސޭހަވާނެ އެވެ.
ތަފްސީލް - މި ރަސްމިޔާތުގައި ވާހަކަދައްކަވަމުން އަބްދުލްގަނީ ވިދާޅުވީ، ޖުޑިޝަރީ ޒަމާނީކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އަލަށް މި ފެށި ކޭސް މެނޭޖްމަންޓް ނިޒާމުގެ ސަބަބުން ކޯޓުތަކުން ދޭ ހިދުމަތައްތައް ހަލުވިވެގެންދާނެ ކަަމަށް އުންމީދުކުރައްވާ ކަމަށެވެ. އެކަމުގެ ސަބަބުން މައްސަލަތަކުގައި ހިމެނޭ މީހުން އަދުލު އިންސާފަށް ކުރާ ދަތުރު ފަސޭހަވެ ހަލުވިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން ކޯޓުތަކުގެ ހިދުމަތްތަކަކީ އާންމުން ބަލައިގަންނަ ހިދުމަތްތަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅު ވިގޮތުގައި، އަލަށް ފެށި ކޭސް މެނޭޖުމަންޓް ނިޒާމުން:
ކޯޓަށް މައްސަލަ ހުށަހެޅުމާއި ރަޖިސްޓްރީކުރުމާއި ޝެޑިއުލްކުރުމުގައި އަދި މައްސަލަ ހިންގުމުގައި އިތުރު ފުރިހަމަކަން ގެނެވި މައްސަލަ ނިންމުމަށް ހޭދަކުރާ ވަގުތު ބޮޑުތަނުން ކުރުކޮށްލެވޭނެ
މައްސަލަ ހިންގުމުގައި ދިމާވާ އެތައް ގޮންޖެހުންތަކަކަށް ގިނަގުނަ ހައްލުތަކެއް ގެނެސްދޭނެ
މިއަދު ޝަރުއީ ކޯޓުތަކުން ކުރާ ބުރަ މަސައްކަތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ
ހަސްމުންގެ ހައްގުގައި ގިނަ ކޯޓުތަކުގައި ވަކާލާތުކުރާ ވަކީލުންނަށް ވެސް ގިނަ ލުއިތަކެއް ލިބިގެންދާނެ؛ ވަކީލުންގެ ބިޒީ ޝެޑިއުލްތައް ތަރުތީބު ކުރަން ފަސޭހަވެގެންދާނެ
އެހެންކަމުން މިފަދަ ނިޒާމަކުން ހުރިހާ ކޯޓުތަކެއްގެ ތަފާތު އިޖުރާއަތުތައް އެއްހަމަކުރެވި ކޯޓުގެ އިޖުރާއަތަކަކީ ފަރިތަވެލަން ވަރަށް ފަސޭހަ ހިދުމަތަކަށް ވެގެންދާނެ
"މިއީ ކޯޓުތަކުގައި ހުރި ގިނަދުވަސްވީ މައްސަލަތައް މަދުކުރަން ލިބުނު ރަނުގެ ފުރިސަތަކެއް ކަމުގައި ބަލައި އެ އަމާޒުގައި މަސައްކަތް ކޮށްދެއްވުމަށް ހުރިހާ ފަނޑިޔާރުންނާއި ހުރިހާ މުވައްޒަފުންގެ ކިބައިން އަޅުގަނޑު އެދެން،" އަބްދުލްގަނީ ވިދާޅުވި އެވެ.
"މި ހުރިހާ ފައިސޭހަތަކާއި ފައިދާއަކާ އެކު މިއަދު ފެށި ދަތުރުގެ ގިއަރު މަތިކޮށްލައި މި ނިޒާމު ހުރިހާ ކޯޓުތަކެއްގައި ވީ އެންމެ އަވަހަކަށް ބޭނުންކުރަން ފެށޭނެ ކަމަށް އުންމީދުކުރަން."
އަބްދުލްގަނީ ވިދާޅުވީ ޖުޑީޝަރީ ޓެކްނޮލަޖީއާ ރަށްޓެހިކުރަން ކުރާ މަސައްކަތުގެ ތެރެއިން ކޭސް މެނޭޖްމަންޓް ނިޒާމާ އެކު ގިރާކުރެވުނީ މުހިންމު ހަރުފަތެއް ކަމަށެވެ. އުންމީދަކީ ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުން މި ނިޒާމުތަކަށް އަހުލުވެރިވެ، މިބަދަލު ހެޔޮގޮތުގައި ބަލައިގަނެ މިކަމުން ލިބޭނެ ހުރިހާ ފައިދާއެއް އަވަހަށް ލިބިގަތުން ކަމަށް ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގެ ތަސައްވުރަކީ ޒަމާންވީ ފަހުރުވެރި ޝަރުއީ ދާއިރާ ޒަމާނީކުރުމުގެ ތަސައްވުރު ކަމަށާއި ކޭސް މެނޭޖުމަންޓް ސިސްޓަމަކީ މި މަސައްކަތުގެ ފެށުން ކަމަށް އަބްދުލްގަނީ ވިދާޅުވި އެވެ. އެކަމަކު މި މަސައްކަތުގައި ހޭދަކުރި ފައިސާއާ ވަގުތަކީ ހަމަ އެކަނި ކަމަކަށް ކަމެއް ކުރުމުގެ ގޮތުން އަދި ރިބަން ކަނޑައި ވީޑިއޯކުރަން ކުރި ކަމަކަށްވެގެން ނުވާާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެ މަސައްކަތް ހުއްޓުމެއްނެތި ކުރަންޖެހޭ ކަމަށާއި ޓެކޮނަލަޖީއަކީ ވަރަށް ފަސޭހައިން އާވެ، ބާވާ އެއްޗެއް ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ މިއިން ކޮންމެ ކަމަަކަށް ވެސް އިތުރު ފުރިހަމަކަން އަބަދު ވެސް ބޭނުންވާނެ. މި ޒަމާނުގެ ބަހުން ނަމަ މިއިން ކޮންމެ ސިސްޓަމަކަށް ވެސް އަޕްޑޭޓް ބޭނުންވާނެ. ޝަރުއީ ދާއިރާ އަދާހަމަކުރުމަކީ ހަމައެކަނި މި ކޭސް މެނޭޖުމަންޓާ ހަމައިން ހުއްޓޭނެ ކަމަކަށް ބަލައިގެން ނުވާނެ،" އަބްދުލްގަނީ ވިދާޅުވި އެވެ.
ޝަރުއީ ކޯޓުތަކުން ކުރާ މަސައްކަތަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށާއި އެ ހައްގުތައް ކަށަވަރުކޮށްދެވޭނީ ގާނޫނު ނަގަހައްޓައިގެން ކަމަށް އަބްދުލްގަނީ ވިދާޅުވި އެވެ. ގާނޫނު ނެގެހެއްޓުމަށްޓަަކައި ޝަރީއަތުގެ ހުރިހާ މަރުހަލާތަކެއް ދެފުށް ފެންނަގޮތަކަށް ހުރިހާ ފަރާތްތަކަށް ފެންނަގޮތައް ތަރުތީބުކުރެވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ. މިފަދަ ނިޒާމަކުން މައްސަލަތައް ތަރުތީބު ކުރުމަށް ފަހު ކުރިއަށް ހިނގާ އިޖުރާއަތުތައް ހާމަކަން ބޮޑުކޮށް އަދާހަމަކޮށް ހަސްމުންނަށް ސާފުވާނެހެން ފެންނަން ހުރުމަކީ މިކަމުގެ ސަބަބުން ޖުޑިޝަރީއަށް ރައްޔިތުން ކުރާ އިތުބާރު އިތުރުވެގެންދާނެ ކަމެއް ކަމަށް ވެސް އަބްދުލްގަނީ ވިދާޅުވި އެވެ.
ކޭސް މެނޭޖްމަންޓް ނިޒާމުން މައްސަލަތައް ނިންމުން އަވަސްވާނެ: އުއްތަމަފަނޑިޔާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ