އިންޒާރަކަށް، ބިރަކަށް ނުބަލައި، މުލީއާގެ ދޮށަށް ވެސް ނޫސްވެރިން އެއްވެއްޖެ
މީޑިއާ 'ކޮންޓްރޯލް ކުރުމަށް' ރައްޔިތުންގެ މަޖިލީހުން ހުށަހަޅައިފައިވާ ބިލާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ނޫސްވެރިންތަކަކަށް ގާނޫނީ އިންޒާރުދިން ފަހުން ވެސް ރައީސް އޮފީސް ދޮށުގައި މުޒާހަރާކުރުމަށްފަހު، މުލީއާގެ ކައިރިއަށް ވެސް އެއްވެ އިހުތިޖާޖުކޮށްފިއެވެ. ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ދައުރުން ބޭއްވި މިއަދު ބައްދަލުވުމެއްގައި ވަނީ ބިލު ބަލައިގެންފައެވެ. އެއީ 49 މެންބަރުންގެ ތާއިދާއެކުގައެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އެ ބިލާ ދެކޮޅަށް މިއަދު ހެނދުނުން ފެށިގެން ނޫސްވެރިން އަންނަނީ މަޖިލިސް ކައިރީގައި މުޒާހަރާ ކުރަމުންނެވެ. އެއަށްފަހު ދެން ނޫސްވެރިން އެއްވީ، ރައީސް އޮފީސް ކުރިމައްޗަށެވެ. https://sun.mv/210524 އެ މުޒާހަރާގެ ބައިވެރިން ރައީސް އޮފީސް ކައިރީގައި ތިއްބައި ފުލުހުން ވަނީ މުޒާހަރާއަށް ހުރަސްއަޅައިފައެވެ. އެގޮތުން، ދައުރުގެ ނޫސްވެރިޔާ މުޒައްޔިން ނާޒިމާއި އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި އަހުމަދު އާއިދުގެ އިތުރުން ސިޓިޒެން ނޫހުގެ ނޫސްވެރިޔާ އަދި މީޑިއާ ކައުންސިލްގެ ކުރީގެ މެންބަރު މޫސާ ރަޝީދު، ހިފަހައްޓައިގެން ގެންގޮސްފައިވެއެެވެ. އޭގެ ތެރެއިން ބައެއް ނޫސްވެރިން ގެންގޮސް ފުލުހުންގެ އުޅަނދަށް އެރުވި ނަމަވެސް، ގާނޫނީ އިންޒާރު ދީފައި ވަނީ ދޫކޮށްލައިފައެވެ. މުލީއާގޭ ކުރިމަތީ ނޫސްވެރިން އިހުތިޖާޖު ކުރަނީ -- ސަން ފޮޓޯ: އަހްމަދު އިޔާދު އޭގެ ފަހުން މިހާރު ނޫސްވެރިން އެއްވެ ތިބީ، މުލިއާގޭ ކުރިމަތީގައެވެ. މުލިއާގޭ ކުރިމަތީގައި ވެސް ނޫސްވެރިން އަންނަނީ މި ބިލާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުންނެވެ. އާދޭހާއެކު ނޫސްވެރިން ގޮވާލަމުން އަންނަނީ, ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމަށްވާ, މިނިވަން މީޑިއާ, ސީދާ ސަރުކާރުން ކޮންޓްރޯލްކުރެވޭ ގޮތަށް ގާނޫނު ނުހެދުމަށެވެ. އެއީ, ގާނޫނުއަސާސީން ދީފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސްއެޅުން ކަމަށް ނޫސްވެރިން ދިޔައީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ