ނޫސްވެރިންގެ ކަންބޮޑުވުމަށް ބެލުމެއް ނެތި މީޑިއާ ކޮންޓްރޯލް ކުރަން ހުށަހެޅި ބިލު ބަލައިގެންފި ނޫސްވެރިންގެ ކަންބޮޑުވުމަށް ބެލުމެއް ނެތި މީޑިއާ ކޮންޓްރޯލް ކުރަން ހުށަހެޅި ބިލު ބަލައިގެންފި

މިނިވަން މީޑިއާ ނެތިކޮށްލައި ރައީސް މުހައްމަދު މުއިއްޒު ބޭނުންވާ ގޮތަށް މީޑިއާތައް ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލާމެދު އެތައް ކަންްބޮޑުވުމެއް ނޫސްވެރިން ފާޅުކުރަމުން ދަނިކޮށް އެ ބިލު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ބަލައިގެންފި އެވެ.
އެ ބިލަށް ވޯޓަށް އަހާފައި މިވަނީ ބިލުގެ ބަހުސް މިއަދަށް ނިންމާލީ ކަމަށް އިއުލާން ކުރުމަށް ފަހު އެވެ. އާންމު އުސޫލެއްގެ ގޮތުން ބިލުގެ ބަހުސެއް ނިންމައި ވޯޓަށް އަހާނަމަ އެ ކަން ކުރީ ބައިގައި އިއުލާން ކުރާނެ އެވެ. ނަމަވެސް، ހުސްވަގުތުކޮޅަށް މަޖިލިސް ދިޔައީ އެކަން އިއުލާން ނުކޮށެވެ.
މެންދުރު 01:00 ގައި ޖަލްސާ ފެށުމަށް ފަހު އަލުން ކުރިއަށްގެންދިޔައީ އަނެއްކާ ވެސް އެ ބިލުގެ ބަހުސް އެވެ. ތޮއްޑު ދާއިރާގެ މެންބަރު ހުސައިން ސަމީރުގެ ބަހުސަށް ފަހު އަބްދުއްރަހީމް އިއުލާން ކުރެއްވީ މިއަދު ބަހުސް ނިންމައި ވޯޓަށް އަހާނެ ކަމަށެވެ.
އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރަމުން ދަނިކޮށް ނެގި ވޯޓުގައި މި ބިލު ބަލައިގަތީ ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އާއެކު އެވެ. ބިލާ އެއްކޮޅަށް 49 މެންބަރުން ވޯޓު ދެއްވިއިރު ބިލު ބަލައިނުގަންނަން 12 މެންބަރުން ވޯޓު ދެއްވި އެވެ.
ނޫސްވެރިން ޑިމާންޑް ކުރަމުން ދިޔައީ ބިލު ބަލައިނުގަނެ ބޭޭރުކޮށްލުމަށެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.
މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުންދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރު ވެސް ކޮމިޝަނަށް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ