ގައުމީ ނިއުސް އޭޖެންސީއާއެކު ރަނގަޅު ކޮންޓެންޓު އުފެއްދުމަށް މީޑިއާތަކަށް ފުރުސަތު ލިބޭނެ: މިނިސްޓަރު
ގައުމީ ނިއުސް އޭޖެންސީ އުފެއްދުމުން އެ އެޖެންސީގެ އެހީތެރިކަމާއެކު މީޑިއާތަކަށް ކޮންޓެންޓު އުފެއްދުމަށް ރަނުގެ ފުރުސަތެއް ލިބޭނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޕީއެސްއެމް އިން ޒުވާނުންނަށް ބީމް ޓްރެއިނިން އިނިޝިއޭޓިވް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ރާއްޖޭގައި މީޑިއާއެއް ފަށައި ކުރިއަށް ގެންދިއުމަށް ދިމާވާ މައިގަނޑު ހުރަހަކީ މަދު މުވައްޒަފުންނާއެކު ކުޑަ އާމްދަނީއެއްގައި ހިންގަންޖެހުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ގައުމީ ނިއުސް އޭޖެންސީގެ އެހީތެރިކަން ލިބެން ފެށުމުން، އަލަށް ގާއިމްކުރެވޭ މީޑިއާތަކަށް ވެސް މަދު މުވައްޒަފުންނާއެކު ރަނގަޅު ކޮންޓެންޓު އުފެއްދުމުގެ ފުރުސަތު ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބީމް ޓްރެއިނިން އިނިޝިއޭޓިވްއަކީ މީޑިއާގެ ފަރާތްތައް ތަމްރީންކުރުމަށް ވަރަށް މުހިންމު އެއްބަސްވުމެއްކަން ވަހީދު ފާހަގަކުރެއްވިއެވެ. އަދި ޕީއެސްއެމްގެ މި މަސައްކަތް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު މިހާރު މުޅި ރާއްޖޭގައި ކުރިއަށްގެންދިއުމުގެ ވިސްނުމުގައި މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓަރުން ވިދާޅުވިއެވެ. މިނިސްޓްރީގެ މަޝްވަރާތަކުން ޒުވާނުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން މިފަދަ ފުރުސަތުތަކަށް ބޭނުންވެފައި ތިބި މިންވަރު އެނގުނުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މި ޕްރޮގްރާމުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ޕްރޮގްރާމެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރާނެ ކަމަށެވެ. މި ކަމުގެ ސަބަބުން ރާއްޖޭގެ މީޑިއާ ދާއިރާ އިތުރަށް ހަރުދަނާވެ، ޒުވާނުންނަށް މީޑިއާގެ ތެރެއިން އުފެއްދުންތެރި މަސައްކަތްތައް ކުރުމުގެ ފުރުސަތު އިތުރުވާނެ ކަމަށް ރައީސް އޮފީހުން ވެސް އުންމީދު ކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ