"ސްކިބިޑީ" އާއި "ޓްރެޑްވައިފް" ހިމެނޭހެން، ކެމްބްރިޖްގެ ބަސްފޮތަށް އިތުރު ބަސްތަކެއް
''ސްކިބިޑީ'' އާއި ''ޓްރެޑްވައިފް'' ހިމެނޭހެން ކެމްބްރިޖް ބަސްފޮތަށް، ސޯޝަލް މީޑިއާގައި މަގުބޫލުވެފައިވާ އެހެން ސްލޭންގް ބަސްތަކެއް އިތުރުކޮށްފިއެވެ. 'ސްކިބިޑީ' އަކީ ޔޫޓިއުބްގައި ވައިރަލްވެފައިވާ އެނިމޭޓެޑް ވީޑިއޯ ސީރީޒަކުން އުފެއްދި ލަފްޒެކެވެ. 'ޓްރެޑްވައިފް' އަކީ ޓްރެޑިޝަނަލް ވައިފް ނުވަތަ ގޭތެރޭގައި ކައްކާ، ސާފުކުރާ އަންހެނުންނަށް ނިސްބަތްކޮށް ކިޔުމަށް ސޯޝަލް މީޑިއާގައި އުފައްދާފައިވާ ލަފުޒެކެވެ. ''ސްކިބިޑީ''މި ލަފުޒު ތަފާތު މާނަތަކެއް އެކުލެވޭ ގޮތަށް ބޭނުންކުރެއެވެ. އޭގެތެރޭގައި ވަރަށް ހަމަޖެހޭ، އަދި "ގޯސް" އެ މާނައިގައި ވެސް ބޭނުންކުރެއެވެ. މަޖަލަށް އެއްވެސް މާނައެއް ނެތް ގޮތަށްވެސް ބައެއް މީހުން އަންނަނީ އެ ލަފުޒު ބޭނުންކުރަމުންނެވެ. ޓެކް ޖަޔަންޓްސް އާއި ގޭގައި ތިބެގެން އޮފީހުގެ މަސައްކަތްތައް ކުރުމާ ގުޅުން ހުރި ލަފުޒުތައް ހިމެނޭ ގޮތަށް 6،000އަށް ވުރެ ގިނަ އާ ލަފުޒު ކެމްބްރިޖް ޑިކްޝަނަރީއަށް އިތުރުކޮށްފައިވެއެވެ. އާ ބަސްތަކުގެ ތެރޭގައި މިހާރު ހުރި ލަފުޒުތަކުގެ ކުރު ގޮތްތައް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި "ޑެލޫލޫ" ހިމެނެއެވެ. އެ ބަހަކީ "ޑެލޫޝަނަލް" މި ލަފުޒަށް ކުރުކޮށް ކިޔާ ގޮތެވެ. އެއް މާނައެއް ދޭހަވާ އެ ބަހުގެ މާނައަކީ ހަގީގަތެއް ނެތް ނުވަތަ ވުޖޫދެއް ނުވާ ކަންތައްތަކެވެ. ކޮވިޑް-19އަށް ފަހު، އޮފީހަށް ހާޒިރުނުވެ، މަސައްކަތް ކުރާ މިންވަރު އިތުރުވެފައިވާއިރު، މަސައްކަތް ނުކޮށް ހުންނައިރު ވެސް، މަސައްކަތް ކުރާކަމަށް ސިސްޓަމަށް ހީވާ ގޮތަށް ބޭނުންކުރާ ޑިވައިސްއެއް ކަމަށްވާ ''މައުސް ޖިގްލާ'' ވެސް ވަނީ ބަސްފޮތުން ޖާގަ ހޯދާފައެވެ. މީގެއިތުރުން ބައެއް ބަސްތައް ގުޅުވައިގެން އުފައްދާފައިވާ "ބްރޯލިގާޗީ" ފަދަ ލަފުޒުތައް ވެސް ބަސްފޮތަށް ވަނީ އިތުރުކޮށްފައިވެއެވެ. އެއީ "ބްރޯ" އާއި "އޮލިގާޗީ" ދެ ލަފުޒު އެއްކޮށްލުމުން އުފެދިފައިވާ ބަހެކެވެ. އޭގެ މާނައަކީ ޓެކްނޮލޮޖީގެ ވިޔަފާރި ވެރިން ނުވަތަ އެ ވިޔަފާރިއެއްގައި ބައިވެރިވާ، އިންތިހާއަށް މުއްސަނދި އަދި ބާރުގަދަ، އަދި ސިޔާސީ ނުފޫޒު އޮތް ފިރިހެނުންގެ ގްރޫޕެކެވެ. އެ ލަފުޒު ބޭނުން ކޮށްފައިވަނީ ޖެނުއަރީ މަހު ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ރަސްމިއްޔާތުގައި ބައިވެރިވި ޓެކް ލީޑަރުން ކަމަށްވާ ޖެފް ބެޒޯސް، އިލޮން މާސްކް އަދި މާކް ޒުކަބާގް ސިފަކުރުމަށެވެ. ކެމްބްރިޖް އެޑްވާންސްޑް ލާނާސް ޑިކްޝަނަރީ (ސީއޭއެލްޑީ) އަކީ އިނގިރޭސި ބަހުގެ ބަސްފޮތެކެވެ. އެއީ ކެމްބްރިޖް ޔުނިވާސިޓީ ޕްރެސްއިން ކެމްބްރިޖް އިންޓަނޭޝަނަލް ޑިކްޝަނަރީ އޮފް އިންގްލިޝްގެ ނަމުގައި 1995ވަނަ އަހަރު ޝާއިއުކުރި ފޮތެކެވެ. މި ބަސްފޮތުގައި 140،000އަށް ވުރެ ގިނަ ބަހާއި އިބާރާތްތަކާއި މާނަތައް ހިމެނެއެވެ. ސްރީ ލަންކާގައި މަގުބޫލު ބައެއް ލަފުޒުތައް އޮކްސްފޯޑް އިނގިރޭސި ޑިކްޝަނަރީ (އޯއީޑީ)އަށްވެސް ރަސްމީކޮށް މިދިޔަ ޖޫން މަހު ވަނީ އިތުރުކޮށްފައެވެ. އޭގެތެރޭގައި ލަންކާގެ މަގުބޫލު ބައެއް ކެއުންތަކަށް ކިޔާ ނަންތަކާ ސަގާފީ އިބާރާތްތައް ވެސް ވަނީ ބަސްފޮތުން ޖާގަ ހޯދާފައެވެ. އޭގެތެރޭގައި ކޮށާފައި ހުންނަ ރޮށިން ހަދާ މަޝްހޫރު ''ކޮއްޓު ރޮޓި'' އާއި ކާށި ބޭނުންކޮށްގެން ހަދާ ފޮނިކާއެއްޗެއް ކަމަށްވާ ''ވަޓައްލަޕަމް" ވެސް އެ ބަސްތަކުގެ ތެރޭގައި ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ