ސްޓްރާޑާ މައްސަލަ: ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ދައުލަތުން އެދިގެން ބާތިލުކޮށްފި ސްޓްރާޑާ މައްސަލަ: ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ދައުލަތުން އެދިގެން ބާތިލުކޮށްފި

ނިއުޕޯޓު ރެސްޓޯރަންޓު ހިންގި ސްޓްރާޑާ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ ސިވިލް ކޯޓުން އިސް ނަގައިގެން ކުރިއަށްގެންދިޔަ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން އެދިގެން ބާތިލުކޮށްފި އެވެ.
ލޮނުޒިޔާރަތްކޮޅުގައި ހެދި ބްރިޖް ބަލާ ޕްލެޓްފޯމާއި އެތަނުގައި ހުރި ނިއުޕޯޓު ރެސްޓޯރަންޓު ހިންގި ތަން ސަރުކާރުން އަތުލުމާ ހަމައަށް ނުދައްކާ އޮތް ކުލީގެ ފައިސާއަށްވާ 1.4 މިލިއަން ރުފިޔާ ދައްކަން ސްޓްރާޑާ ކުންފުނީގެ މައްޗަށް ކޯޓުން ހުކުމް ކުރީ ސެޕްޓެމްބަރު، 2019، ގަ އެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުގެ ހުކުމަށް ހައި ކޯޓުން ވެސް އޮތީ ތާއީދުކޮށްފަ އެވެ. އެ މައްސަލައިގައި، ހުކުމް ތަންފީޒު ކުރުމުގެ ބައި ކުރިއަށްގެންދަން ނިންމީ ކޯޓުން އިސް ނަގައިގެންނެވެ. ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ސިވިލް ކޯޓުގެ ހުކުމް ދައުލަތުން މުރާޖައު ކުރަން ބޭނުންވާތީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބާތިލު ކުރަން އެދޭ ކަމަށެވެ.
އެހެންކަމުން، ދައުލަތުން ބޭނުންވި ގޮތަށް ކޯޓުން ވަނީ މައްސަލަ ބާތިލުކޮށްފަ އެވެ.
ސްޓްރާޑާ ކުންފުންޏަކީ ވެރިކަން ކުރާ ޕީއެންސީގެ ސެނެޓުގައި ހިމެނޭ ޒާހިދު ރަމީޒުގެ ވިޔަފާރިއެކެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓްރީން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން އެ ތަނުގައި ފުޑް ކޯޓަކާއި ބްރިޖު ބަލާނެ ތަނެއް އަޅަން ހަވާލުކުރީ ސެޕްޓެމްބަރު، 2016، ގަ އެވެ. އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު އެވެ.
އެ ބިމުގެ ކުލި ނުދައްކާތީ އެއްބަސްވުން ބާތިލުކޮށް ތަން ހަވާލުކުރަން އެ ކުންފުންޏަށް އެންގީ މާޗު 11، 2019، ގަ އެވެ. މި މައްސަލައިގައި ސްޓްރާޑާގެ ފަރާތުން އެއްބާރުލުން ނުލިބިގެން ހައުސިން މިނިސްޓްރީން ސިވިލް ކޯޓަށް ދިޔުމުން އެ ކޯޓުން މައްސަލަ ނިންމީ މިނިސްޓްރީ ކޮޅަށެވެ.
ސިވިލް ކޯޓުން ސެޕްޓެމްބަރު 26، 2019، ގައި ހުކުމް ކުރީ އެ ބިން 15 ދުވަހުގެ ތެރޭގައި ދައުލަތަށް ހަވާލުކުރުމަށާއި އެ ބިން ހަވާލުކުރާ ދުވަހާ ހަމައަށް ބަދަލެއްގެ ގޮތުގައި އިތުރަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި 1،149،271ރ. 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
ސިވިލް ކޯޓުގެ އަމުރު ސްޓްރާޑާއިން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އޮކްޓޯބަރު، 2021, ގައި އެ ކޯޓުން ހުކުމް ކުރީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓާށެވެ. އެ ކުންފުނިން ސުޕްރީމް ކޯޓަށް ދިޔުމުން ވެސް އެޕްރީލް 24، 2024 ގައި ދަށު ކޯޓުގެ ހުކުމް ވަނީ ދަމަހައްޓައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ