އަދާލަތަށް 20 އަހަރު: އިމްރާން ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ޕާޓީ އަބަދުވެސް އޮންނާނެ ކަމަށް
އަދާލަތު ޕާޓީއަކީ މީގެ ކުރިން ވެސް ރައްޔިތުންގެ ހައްގުތައް ދިފާއު ކުރި ޕާޓީއެއް ކަމަށާއި އެ މަސައްކަތުގައި އަބަދުވެސް ދެމިއޮންނާނެ ކަމަށް، އެ ޕާޓީއަށް 20 އަހަރުގެ ފުރުމުގެ މުނާސަބަތުގައި އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. އަދާލަތު ޕާޓީން ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއެއްގައި އިމްރާން ވިދާޅުވީ، 21 ވަނަ ގަރުނު ފެށުނުއިރު ރާއްޖޭގެ ސިޔާސީ ޙާލަތާ މެދު ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަން ބޮޑުވެ އުދާސްތައް އިތުރުވި ކަމަށެވެ. އޭރު އުފެދުނު ސިޔާސީ އިސްލާޙީ ހަރަކާތުގެ ފޯރިއާއި އަޑު ގަދަވުމުގެ ސަބަބުން، ރައީސް ކަމުގައި ދިގު މުއްދަތަކަށް ހުންނެވި މައުމޫން އަބްދުލްގައްޔޫމް، ސިޔާސީ ޕާޓީ ހެދުމަށް ހުއްދަ ދެއްވިކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ހުއްދައާއެކު، އިސްލާމް ދީނުގެ އަގުތަކުގެ މައްޗައް ބިނާކޮށް ސިޔާސީ ޕާޓީއެއް އުފެއްދުމާ މެދު ޢިލްމުވެރިންގެ މެދުގައި ވަރަށް ފުޅާކޮށް މަޝްވަރާކޮށް، ޢަދާލަތު ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށި ކަމަށް އިމްރާން ވިދާޅުވިއެވެ. އޭރު ގިނަ ޢަދަދެއްގެ ޢިލްމުވެރިންނާއި މަދަނީ ތައުލީމީ މީހުން ވެސް ހިމެނޭހެން ކުރި މަސައްކަތުން 2005 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 18 ވަނަ ދުވަހު ރަސްމީކޮށް ޢަދާލަތު ޕާޓީ ރަޖިސްޓްރީ ކުރިކަން އޭނާ ފާހަގަކުރެއްވިއެވެ. "މިއަދަކީ އެ ބޮޑު ތާރީޚީ މަސައްކަތަށް 20 އަހަރު ފުރޭ ޚާއްސަ މުނާސަބާ. ވޭތުވެދިޔަ 20 އަހަރު ރާއްޖޭގެ ގިނަ ރައްޔިތުން ގުޅިގެން ހިންގި ކޮންމެ ބޮޑު ހަރަކާތެއްގައި އަދާލަތު ޕާޓީވާނީ މުހިންމު ދައުރެއް އަދާކޮށްފައި،" އިމްރާން ވިދާޅުވިއެވެ. https://x.com/AdhaalathOffice/status/1957420387987607827 އޭނާ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އަދާލަތުން މެދުކެނޑުމެއްނެތި އިޖުތިމާޢީ، ދީނީ، އިޞްލާޙީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ކޮންމެ ކަމެއް ކާމިޔާބު ވެފައިވަނީ ވެސް ޢަދާލަތު ޕާޓީގެ އިޚްލާސްތެރި މެންބަރުންގެ ބުރަ މަސައްކަތުންކަން އިމްރާން ފާހަގަކުރެއްވިއެވެ. "މިއަދު އަދާލަތު ޕާޓީގެ މެންބަރުން އެންމެ އުފާކޮށް ފަޚުރުވެރިވާންވީ ކަމަކީ ވޭތުވެދިޔަ 20 އަހަރު މެދުކެނޑުމެއްނެތި ރާއްޖެއަށް ޙިދުމަތް ކޮށްފައިވާ ހަމައެކަނި ދެ ޕާޓީގެ ތެރެއިން އެއް ޕާޓީއަކީ އަދާލަތު ޕާޓީ ކަމުގައި ވާތީ،" އޭނާ ވިދާޅުވިއެވެ. "ވެރިކަމުގެ ސިޔާސަތު ތަޣައްޔަރުވެ، ސިޔާސީ ޖައްވު ކިލަނބުވެ ފަސާދަވެ ގިނަ ރައްޔިތުންގެ ޙައްޤާއި މަސްލަޙަތު ގެއްލޭ ކޮންމެ ހިނދަކު ރައްޔިތުންގެ ދިފާޢުގައި ތެދުވެ، ސާބިތުކަމާ އެކު އިސްސަފުގައި އަދާލަތު ޕާޓީ ވަނީ މަސައްކަތް ކޮށްފައި." އިމްރާން ވިދާޅުވީ ވޭތުވެ ދިޔަ ތަނުގައި އަދާލަތު ޕާޓީން މަސައްކަތް ކުރި ފަދައިން، ދެން ވެސް އަދާލަތު ދެމިއޮންނާނީ އަދުލު އިންސާފުގެ މަތީގައި ސާބިތުވެ، ޙައްގައް ނަސްރުދޭ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ރައްޔިތުން ބިކަވެ ނިކަމެތިވާ ކޮންމެ ދަނޑިވަޅެއްގައި އަދާލަތު އޮންނާނީ ފަސްނުޖެހި ރައްޔިތުންނާއެކު ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. ރާއްޖޭގައި މި ސަރުކާރު ފިޔަވާ އުފެދުނު އެހެން ހުރިހާ ސަރުކާރުތަކެއްގެ ކޯލިޝަންގައި އަދާލަތު ޕާޓީ ހިމެނިފައިވެއެވެ. އަދި އެ ޕާޓީގެ ރައީސްކަން ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާ އިމްރާން ވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރައްވައިފައެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ބުނާގޮތުން އެ ޕާޓީގައި މި ވަގުތު 8844 މެންބަރުން އެބަތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ