ކައުންސިލުތަކުގެ ބާރު ހަނި ކުރަން ގާނޫނަށް ގެނައި އިސްލާހުތަކަށް ގާސިމް ތާއީދުކޮށްފި

ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހަށް ތާއީދު ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލް މި މަހުގެ ހަ ވަނަ ދުވަހު ފާސްކޮށް މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.ތަފާތު ހިޔާލުތައް އެ އިސްލާހުތަކާ މެދު އުޅޭއިރު، ގާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެއީ ވަރަށް މުހިންމު އިސާލާހުތަކެއް ކަމަށެވެ.މާމިގިލި ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގައި ހިންގަން ޖެހެނީ ޔުނިޓަރީ ދައުލަތެއް ކަމަށާއި މިއީ ފެޑަރަލް ދައުލަތެއް ނޫން ކަމަށެވެ. އެހެންވެ، ލާމަރުކަޒީ ގާނޫނު ވެސް އޮންނަން ވާނީ ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭނެ މިންވަރަކަށް އެ ހުދޫދުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި ޔުނިޓަރީ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރުތަކާއި ފްރޭމްވޯކާއި ފުށުއަރާ ގޮތަށް އެއްވެސް ގާނޫނެއް ހެދިފައި އޮވެގެން ނުވާނެ އެވެ."މި [ލާމަރުކަޒީ] ގާނޫނާއެކު ފެޑެރަލް ވިސްނުން ބައެއް ފަރާތްތަކަށް އަންނަކަމަކީ ވެސް ހަގީގަތެއް. އާންމުކޮށް ސަރުކާރާ އިދިކޮޅަށް އޮންނަ ޕާޓީތަކުން އެފަދަ ވާހަކަތައް ޕްރޮމޯޓް ކުރާކަން ވެސް ފާހަކަ ކުރެވޭ،" އޭނާ ވިދާޅުވި އެވެ.އެކަމަކު، ގާސިމް އެހެން ވިދާޅުވި ނަމަވެސް ރަށްތައް ހިންގާނެ ގޮތުގެ ބާރު ރަށު ކައުންސިލަށް ދިނުމަކީ ފެޑެރަލް ސިސްޓަމެއްގެ ސިފައެއް ނޫނެވެ. ފެޑެރަލް ސިސްޓަމެއް ނަމަ، އަތޮޅު ނުވަތަ ރަށު ލެވެލުގައި ގާނޫނު ހެދުމުގެ ބާރު އޮންނާނެ އެވެ. އަދި އެ ލެވެލަށް ލިބިދޭ ބާރު މައި ސަރުކާރުން ބޭނުންވެއްޖެ ނަމަ އަތެއް ވެސް ނުލެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ