60 އަހަރުގެ މިނިވަންކަން؛ މިއީ "ވަރުގަދަ" ޚާރިޖީ ސިޔާސަތެއްގެ ނަތީޖާތަ؟
އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެއަށް މިނިވަންކަން ލިބި، 60 އަހަރުގެ ދިގު ދަތުރެއް ކުރެވިއްޖެއެވެ. ފަސްދޮޅަސް އަހަރުގެ މާޒީގެ ފެށުމާއި، މިއަދާ ހަމައަށް ކުރި ދަތުރު ބިނާވެފައި އޮތީ މުހިންމު އަސާސްތަކެއްގެ މައްޗަށެވެ. އާމްދަނީ ވައްދާނެ އިގްތިޞާދަކާއި، ގައުމު ހިމާޔަތްކުރާނެ އަސްކަރިއްޔާއަކާއި، ރާއްޖޭގެ ދާޚިލީ ސަލާމަތް ކަށަވަރުކުރާނެ ނިޒާމެއްގެ މައްޗަށެވެ. ދިވެހި ޚާރިޖީ ސިޔާސަތު އިސްކޮށް، އިނގިރޭސީންގެ އަތުން ލިބުނު މިނިވަންކަން ދެމިއޮތްއިރު، ހަގީގަތަކީ މިނިވަންކަމަށް ނުރައްކާވި އެތައް ފަހަރެއް އައިސް ގޮސްފި ކަމެވެ. ހަމައެކަނި ކަނޑިބަޑީގެ ހަނގުރާމައިންނެއް ނޫނެވެ. އިގްތިޞާދީ އަދި ޚާރިޖީ ގުޅުންތަކާއި ވިސްނުމުގެ ތެރެއިން ވެސް ނުރައްކާ ކުރިމަތިވެއްޖެއެވެ. މިއަދު އަދި ދުނިޔޭގެ މަސްރަހު މި އޮތީ އަދި މާ ހަލަބޮލިކޮށެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން ހަނގުރާމައިގެ ތެރޭ އުޅޭއިރު ވެސް ރާއްޖޭގައި، ދިވެހީން މިއަދު ވެސް މި ތިބީ މިނިވަން ކޮށެވެ. ސުވާލަކީ މިއީ 60 އަހަރުން ފައްކާކުރި ދިވެހި ޚާރިޖީ ސިޔާސަތުގެ ވަރުގަދަކަންތޯއެވެ. "ކުޑަކުޑަ ރާއްޖެ" ބޮޑުކުރަން ބޮޑު މަސައްކަތެއް އަޅުވެތިކަމުގެ ތެރެއިން މިނިވަންކަން ލިބި، މި ފަހުގެ ތާރީޚަށް ބަލާއިރު އިނގިރޭސީންގެ ހިމާޔަތުން ލިބުނު މިނިވަންކަމަކީ، ޒަމާނީ ޑިޕްލޮމަސީގެ ތެރެއަށް ރާއްޖެ ވަންނަން ހުޅުވުނު ދޮރެވެ. ޖުލައި 26، 1965 ގައި މިނިވަންކަން ލިބުމާއެކު އެންމެ އަވަހަށް ދިވެހި ސަރުކާރުން ކުރި އެއް ކަމަކީ ދުނިޔެއަށް ރާއްޖެ ހާމަކުރުމެވެ. ފިނި ހަނގުރާމައިގެ އެ ދުވަސްވަރު، އެއިރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު ދެކެވަޑައިގެންނެވި ގޮތުގައި، ރާއްޖެއަކީ ދުނިޔެ ބަލައިގަންނަ ތަނަކަށް ވާން އޮތީ ބާރުގަދަ ގައުމުތަކުގެ ރުހުން ލިބިގެންގެންނެވެ. އެހެންވެ އިނގިރޭސީންނާއެކު ސިޔާސީ ގުޅުން ބަދަހިކުރުމަށްފަހު ފުރަތަމަ އިސްކަން ދެއްވީ ހުޅަނގުގެ ގައުމުތަކާ އެކު ގުޅުން ބަދަހިކުރުމަށެވެ. އޭގެ ތެރޭގައި އެއިރުގެ ސޮވިއެޓް ޔޫނިއަން ނުވަތަ މިހާރުގެ ރަޝިއާ ވެސް ހިމެނެއެވެ. ޚާރިޖީ ދާއިރާގެ ތަޖުރިބާކާރު، އަދި ފޮރިން މިނިސްޓްރީގެ ސެކެޓްރީ މަލްޓިލޭޓަރަލް އަހްމަދު ޝިޔާން ވިދާޅުވި ގޮތުގައި ރާއްޖެއިން، މި ސަރަހައްދުގެ ގައުމުތަކާ އެކު ގުޅުން ގާއިމްކުރަން ފެށީ ވެސް އެއަށްފަހުގައެވެ. މިނިވަންކަމާއެކު ދެން އެންމެ މުހިންމު ކަމަކަށްވީ އދ. ގެ މެންބަރު ގައުމަކަށް ވުމެވެ. އެއީ ސިޔާދަތީ، ޚާރިޖީ، އަދި ދާޚިލީ މިނިވަންކަމަކީ އދ.ގައި ނުހިމެނޭނަމަ އަގެއް ނެތް އެއްޗަކަށް ވާތީއެވެ. ދުނިޔެ ބަލައިގަންނަ ބަޔަކަށް ނުވާނެތީއެވެ. އެހެންވެ ރާއްޖެއިން ގައުމުތަކުގެ ތާއީދު ހޯދާނެ ގޮތެއް ހޯދިއެވެ. އަހުމަދު ހިލްމީ ދީދީއަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ޔޫ ތާންޓް ރާއްޖޭގެ މެންބަޝިޕު ލިޔުން ހަވާލުކުރައްވަނީ -- ޝިއާން ވިދާޅުވި ގޮތުގައި އެ ކަމުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ގައުމުތަކަށް ރާއްޖެ މެންބަރަކަށްވުމުގެ މުހިންމުކަން ވިސްނައިދިނުމެވެ. އެއީ ރާއްޖެ ކުޑަ ވީމައެވެ. މީހުން ވެސް އެހާ މަދުވީމައެވެ. މާ ބޮޑު ވަސީލަތެއް ވެސް ފެންނަ ފެނުމަށް ނެތީމައެވެ. އެހާ ހިސާބުން އދ.ގެ ސަލާމަތީ މަޖިލީހުގެ ގާނޫނީ ލަފައަކަށް ރާއްޖެއިން އެދުނެވެ. އދ.ގެ ޗާޓަރުގައި ވަރަށް ސާފުކޮށް، އެނގޭ އެއް ކަމަކީ ކުޑަ ނުވަތަ ބޮޑު ގައުމެއް ނަމަވެސް ދެވެނީ އދ.ގެ އާންމު މަޖިލީހުގައި އެއް ވޯޓު ކަމެވެ. އެހެންކަމުން ސެކިއުރިޓީ ކައުންސިލުން ދިން ލަފައަކީ، ކުޑަ ގައުމެކޭ ކިޔައި، އދ.ގެ މެންބަރަކަށް ނުވެވޭނެ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ. "އަޅުގަނޑުމެން އދ. އަށް ވަނުމަށް ޓަކައި އެ ގަރާރުގައި ސޮއިކުރި ގައުމުތައް ވަރަށް މުހިންމު ފާހަގަކޮށްލުން. އެއީ މެލޭޝިއާއާއި، އުރުދުންއާއި އިނގިރޭސިންނާ. އެހެންވީމާ މި ތިން ގައުމަށް އަޅުގަނޑުމެން ޝުކުރު އަދައިކުރަންޖެހޭ،" އެއިރު އދ. ގައި މާ ގިނަ ކުދި ގައުމުތައް ނެތްކަން ފާހަގަކުރައްވައި ޝިއާން ވިދާޅުވިއެވެ. އދ.ގައި ރާއްޖޭގެ ފުރަތަމަ ތަގުރީރުން ދިވެހި ޚާރިޖީ ސިޔާސަތުގެ އަސާސްތައް އދ. ގެ މެންބަރުކަން ރާއްޖެއަށް ލިބުމާއެކު އދ.ގައި އެންމެ ފުރަތަމަ ރާއްޖެއިން ދިން ތަގުރީރު ދެއްވީ އދ.އަށް އެއިރު ރާއްޖެއިން ކަނޑައަޅައިފައި ހުންނެވި ރާއްޖޭގެ ފުރަތަމަ ސަފީރު، ކަކާގޭ އަހްމަދު ހިލްމީ ދީދީއެވެ. އަހްމަދު ހިލްމީ ދެއްވެވި ތަގުރީރުގައި ފާހަގަކުރެއްވި ކަންކަމަކީ މިއަދާ ހަމައަށް ވެސް ދިވެހި ޚާރިޖީ ސިޔާސަތުގައި މައިގަނޑު އަސާސްތަކެވެ. "އަޅުގަނޑުމެން ގަބޫލުކުރަނީ ސުލްހައާއި އެކުވެރިކަމުގައި. ހުރިހާ ގައުމުތަކާއި އެ ގައުމުތަކުގެ ރައްޔިތުންނާއެކު ރަނގަޅު ގުޅުމެއް ދަމަހައްޓަން މި ކުރާ މަސައްކަތުގައި އަޅުގަނޑުމެންނަށް، ދެ ކަން [ސުލްހައާއި އެކުވެރިކަން] ވެސް ބޭނުން. އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ދުނިޔެއަށް ކުރިއަށް ވުރެ ވެސް ބޮޑަށް ސުލްހަ ބޭނުންވާކަމަށް،" އެންމެ ފުރަތަމަ ދެއްވި ތަގުރީރުގައި އަހްމަދު ހިލްމީ ވިދާޅުވިއެވެ. އަހުމަދު ހިލްމީ ދީދީ -- ރާއްޖެއަށް މުހިންމީ ހުރިހާ ގައުމަކާ އެކު ވެސް ގުޅުން ބަދަހިކުރުމެވެ. ސުލްހަވެރިކަމާއި އެކުވެރިކަމާއި، މަޝްވަރާގެ އުސޫލެވެ. އދ. ގެ ސަލާމަތީ މަޖިލީހުގެ ނިންމުންތަކަށް ބޯލަނބައި، ހަނގުރާމައާ ދުރު ދުނިޔެއެއް ބިނާކުރުމެވެ. މި ސިޔާސަތުތަކަށް ދިވެހި ޚާރިޖީ ސިޔާސަތުގެ ތައްގަނޑު ބައްޓަންކުރުމުގައި ކޮންމެ ޚާރިޖީ ވަޒީރެއްގެ ދައުރު މިއަދާ ހަމައަށް ވެސް ފެންނަން އެބައޮތެވެ. އެގޮތުން އެންމެ މުހިންމު ޝަޚްސިއްޔަތެއްގެ ގޮތުގައި ފާހަގަވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރުކަން އެންމެ ދިގު މުއްދަތަކަށް ކުރެއްވި، ފަތުހުﷲ ޖަމީލްގެ މަސައްކަތްޕުޅެވެ. ނިއުޔޯކްގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ދާއިމީ މަންދޫބުކަން 14 އޭޕްރިލް 1977 ވަނަ އަހަރު ކުރައްވަމުން ގެންދަވަނިކޮށް ނާސިރުގެ ވެރިކަމުގައި 14 މާޗު 1978 ގައި ރާއްޖޭގެ ޚާރިޖީ ވަޒީރުކަމަށް ފަތުހުالله ޖަމީލް އައްޔަނުކުރެއްވިއެވެ. އަދި ރައީސް މައުމޫން އަބްދުލްގައްޔޫމް އެ އަހަރުގެ ނޮވެމްބަރު މަހު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވެސް ފޮރިން މިނިސްޓަރުކަމުގައި ބެހެއްޓެވީ ފަތުހުالله ޖަމީލެވެ. ފަތުހުﷲ ޖަމީލް --- އޭނާ އެ މަގާމުން ވަކިވެވަޑައިގަތީ 27 އަހަރަށްފަހު, 2005 ވަނަ އަހަރެވެ. އޭގެ ފަހުން ފަތުހުالله ހުންނެވީ ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓްގެ މަގާމުގައެވެ. ހަތާވީސް އަހަރު، ރާއްޖޭގެ ޚާރިޖީ ދާއިރާގެ އޮޑީގެ މާލިމީކަން ކުރެއްވިއިރު ދުނިޔޭގައި ރާއްޖެއަށް ލިބެމުން އައި ގަދަރު އޮތީ އިތުރުވެފައެވެ. މޫސުމީ ބަދަލުތަކާއި އެ ނޫން ވެސް މުހިންމު އެތައް މައްސަލައަކަށް ރާއްޖެއިން އޮތީ ބޮޑެތި ގައުމުތައް ހޭލައްވައިދީފައެވެ. ރާއްޖެ ބޮޑެތި ބާރުތަކުން ލޯ އަޅާ ތަނުގައި ދުނިޔޭގެ ބާރުތަކަށް ރާއްޖެ އޮތްކަން އެންގުމަށް އެއިރު ހޯދީ ބޮޑެތި ގައުމުތަކުގެ ރުހުމެވެ. މަސައްކަތް ކުރީ ވަކި ގައުމުތަކެއް ރާއްޖެ ބަލައިގަންނަހާ ހިނދަކު އެކަމަށް ރުހިގެންނެވެ. ނަމަވެސް މީގެ 60 އަހަރު ކުރީގެ މާޒީއާއި، މިއަދާ ވަރަށް ތަފާތެވެ. މިއަދު ބައެއްގެ ރުހުމާއި ބަލައިގަތުން ހޯދުމަށް، ބާރުގަދަ ބޮޑު ގައުމެއް ރުއްސަން އުޅުމަކީ ނުރައްކާތެރި ކަމެކެވެ. ސަބަބަކީ ރާއްޖެ މިއަދު ދުނިޔޭގެ ބޮޑެތި ހުރިހާ ބާރުތަކަކަށް ވެސް މުހިންމުވާތީއެވެ. "މިހާރު އިންޑިއާ ކަނޑަށް މި އޮންނަ ސަމާލުކަން ފޯކަސް މިހާރު ކުރިއާ އަޅައިބަލައިރު ވަރަށް ތަފާތު. ފަސްދޮޅަސް، ހަތްދިހައިގެ އަހަރުތަކުގައި ވެސް ފޯކަސްއެއް އޮތް. އެކަމު އޭރުގައި އެ އޮތް ފޯކަސްއެއް ނޫން، ސަމާލުކަމެއް ނޫން އެއީ،" ޝިއާން ވިދާޅުވިއެވެ. އިންޑިއާ ކަނޑުގައި ރާއްޖެ -- ރާއްޖެ އިންޑިއާ ކަނޑުގެ މެދުގައި، އޮތް އޮތުމަކީ އިންޑިއާ ކަނޑުގެ އަމާންކަމާއި ސުލްހަ ދެމެހެއްޓުމުގެ އެންމެ މައިގަނޑު ޒިންމާ ރާއްޖޭގައި އެޅޭ ސަބަބެކެވެ. އެހެންވެ އިންޑިއާ ކަނޑުގެ މަސްހަލަތު ހިމާޔަތްކުރެވެން އޮތް މަގަކީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމެވެ. އެ ކަން ވާން އޮތީ ރާއްޖެއިން ބޭނުންވާ ކަންކަން ވެސް ވެގެންނެވެ. ރާއްޖޭގެ މިނިވަންކަމާއި ސަރަހައްދު ހިމާޔަތް ކުރެވިގެންނެވެ. މިއީ ވަކި ގައުމަކަށް މާ ބޮޑަށް ބަރޯސާ ނުވެ ރާއްޖޭގެ ސިޔާސަތުތައް އެކުލަވައިލަން ޖެހޭ މައި ސަބަބެވެ. ރާއްޖެ އޮތް ސަރަހައްދަށް ބަލާނަމަ ދުނިޔޭގެ އިރުމައްޗަށް އުފުލާ 80 އިންސައްތަ ތެޔޮ އުފުލަނީ ރާއްޖެ ހުރަސްކޮށެވެ. ޗައިނާއަށް ފޮނުވާ މުދާ ދަނީ ރާއްޖޭގެ ސަރަހައްދުގެ ކައިރިންނެވެ. އިންޑިއާއިން ގަބޫލުކުރާ ގޮތުގައި އިންޑިއާ ކަނޑުގައި ހިނގާ ކަންކަމަކީ އެ ގައުމުގެ މަސްލަހަތާ ގުޅޭ ކަންކަމެވެ. އެ ގައުމުގެ ރަތްރޮނގުތަކާ، މި ކަނޑުގައި ހިނގާ ކަންކަން ފުށު އަރައިގެން ނުވާނެއެވެ. އެހެންކަމުން ރާއްޖެ މި އޮތް ސަރަހައްދަކީ މިއަދު ގިނަ ގައުމުތަކެއްގެ ޝައުގު އޮތް ދިމާއެއް ކަން އެބަ އެނގެއެވެ. ޝިއާން ވިދާޅުވި ގޮތުގައި މިއީ ވަކި އަތަކަށް ނުޖެހި ޚާރިޖީ ސިޔާސަތު ދަމަހައްޓަން މުހިންމުވާ ސަބަބެކެވެ. '"އެހެންވީމާ އެމެރިކާ މީހުން އައިސްފައި ވެސް އަޅުގަނޑުމެންނާއެކު ކަމެއް ކުރަން ބޭނުންވެއްޖެޔާ އަޅުގަނޑުމެން ކުރާނެ. ޗައިނާއާއެކީ ވެސް ކުރާނެ، އިންޑިއާއާއެކީ ވެސް ކުރާނެ. ޔޫރޮޕް އިއްތިހާދާއެކީ ކުރަން ޖެހިއްޖެޔާ ޔޫރޮޕް އިއްތިހާދާ އެކީ ވެސް ކުރާނެ. ޖަޕާނާއެކީ ވެސް ކުރާނެ. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރަން ބޭނުންވާ ކޮންމެ ގައުމަކާ އެކީ ވެސް ކުރާނެ ގައުމެއް،" ޝިއާން ވިދާޅުވިއެވެ. އިގްތިޞާދީ ގޮތުން ރާއްޖެ އިނދަޖައްސަން ބޭނުންނަމަ އެއީ ވެސް ބޮޑެތި ބާރުތަކަށް ދަތިކަމަކަށް ނުވާނެއެވެ. ގައުމެއްގެ ސިޔާދަތީ ބާރާއި، މިނިވަންކަމާ ފުށުއަރާ، އެ ގައުމެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ކަމެއް އޮޅުމެއްގެ ތެރެއިން ވެސް ކުރެވިގެން ނުވާނެއެވެ. ޝިއާން ސަންއަށް ދެއްވި އިންޓަވިއުގެ ތެރެއިން -- އަދިވެސް މިނިވަންކަމުގައި؛ ޚާރިޖީ ސިޔާސަތު މޮޅީތަ؟ ނުފޫޒާއި، ބާރު، ރާއްޖެ ވަށައިގެން އޮތްއިރު، ރާއްޖޭގެ މިނިވަންކަމަށް ނުރައްކަލެއް ނެތި، މިހާ ހިސާބަށް އާދެވުމުގެ އަސްލަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތަންފީޒުކުރުމުގައި، ޚާރިޖީ ސިޔާސަތު ބިނާވާ މައި އަސާސްތަކުގެ މަތީގައި ތަންފީޒުކޮށްފައިވުމެވެ. އެހެން ނޫންނަމަ މިއަދު ދިވެހީން މިނިވަންކަން މަތީ ނުތިބީހެވެ. "ކޮންމެ ދުވަހަކީ އަޅުގަނޑުމެން އެ ކާމިޔާބު ފާހަގަކުރަން ޖެހޭ ކާމިޔާބެއް. މިހާރު އަޅުގަނޑުމެން މި މަސައްކަތްކުރާ މާހައުލަކީ ފަސޭހަ މާހައުލެއް ނޫން. އެކި ގައުމުތަކާ އެކީގައި ގޮސް ބަހުސްކޮށް އެކި ވާހަކަދައްކާލާއިރު އެ ގައުމުތަކުން ބޭނުންވާ ކަންތައްތައް ހުރޭ. އަދި އެ ކަންތައްތަކުގައި އާންމު ރައްޔިތުންނަށް މީޑިއާއަށް ތިލަނުވި ނަމަވެސް އޭގައި ވަރަށް ގިނަ ކަންތައްތަކެއް އެކުލެވިގެންދޭ. ޚާރިޖީ ވުޒާރާ މި ހިމެނެނީ އޭގެ އެންމެ ފުރަތަމަ ފަށަލައިގައި. އޭގެ އެންމެ ފުރަތަމައިނޫން އެ ހަންމަތަކުރުމަށް ނުވަތަ ކުރިމަތިލާން ތިބޭ ބައެއްގެ ގޮތުގައި،" ޝިއާން ވިދާޅުވިއެވެ. ގައުމުތަކުގެ ޚާރިޖީ ސިޔާސަތަކީ އަބަދުއަބަދު ބަދަލުވާ އެއްޗެއް ނޫނެވެ. އެއީ ވަކި ހަމައެއްގެ ތެރެއިން ދުނިޔޭގެ މަސްރަހާއި، އެ ގައުމެއް ބޭނުންވާ ކަންކަމާއި، ސަރަހައްދީ މަސްރަހަށް އަންނަ ބަދަލާއެކު، ބޮޑެތި ދިރާސާތަކެއް ކޮށްފައި ނޫނީ ނުކުރާނެ ކަންކަމެވެ. ޝިއާން ވިދާޅުވި ގޮތުގައި ދިވެހި ހުރިހާ ސަރުކާރަކުން ވެސް އިސްކޮށްފައިވަނީ ދިވެހި ޚާރިޖީ ސިޔާސަތުގެ މައި އަސާސްގެ ގޮތުގައި ދިވެހީންގެ މަސްލަހަތު ހިމާޔަތްކުރުމެވެ. "އަޅުގަނޑުމެން ޚާރިޖީ ސިޔާސަތު ބައްޓަން ކޮށްފައި މި އޮންނަނީ ދިވެހީންގެ އިންޓަރެސްޓު ނޫނިއްޔާ މަސްހަލަތު ދެމެހެއްޓުން އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުން އަދި ރާއްޖޭގެ ޓެރިޓޯރިއަލް އިންޓެގްރިޓީ އިނގިރޭސި ބަހުން ބުނާނަމަ، ރާއްޖޭގެ ސަރަހައްދީ އިން އޮންނަ ގޮތަށް ހިމާޔަތްކުރުން،" ޝިއާން ވިދާޅުވިއެވެ. މިހާރަށް ބަލައިނަމަ، ރާއްޖެއަށް މާލީ އެހީ ހޯދުމާއި ލޯނު ހޯދުމުގައި ލުއި ލޯނާއި އެ ނޫން ވެސް ދަރަނި އަދައިކުރުމުގެ ފަސޭހަ މަގުތައް ހޯދޭތޯ ބެލުމަށް އިސްކަން ދިނުމަކީ ޚާރިޖީ ސިޔާސަތުގެ ބައެކެވެ. ފަސްދޮޅަސް އަހަރުގެ މިނިވަންކަން ހިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ވަރަށް ގިނައެވެ. މިހާރުގެ ދުނިޔެއަށް ރާއްޖެއިން ހޭލައި، ދުނިޔެ ގަބޫލުކުރާ ކަންކަމަށް ދިވެހީންގެ ލޯތައް ހުޅުވަން ޖެހެއެވެ. ކޮންމެ ކަމެއްގައި ވެސް މަޝްވަރާގެ އުސޫލު، ނުވަތަ ޑިޕްލޮމަސީ އިސްކުރަން ޖެހެއެވެ. މަޝްވަރާގެ އުސޫލު ފެއިލްވާ ހިސާބަކީ ޚާރިޖީ ސިޔާސަތު ފެއިލްވިކަން ބުނެދޭ ރަތުގެ އިންޒާރެވެ. އެ ފަދަ ގައުމުތަކަށް އިގްތިޞާދީ، އަދި އަސްކަރީ ދަތިކުރުންތަކާ ކުރިމަތިލާން ޖެހޭކަން ދުނިޔޭގެ މަސްރަހުން ވެސް އެބަ އެނގެއެވެ. އެހެންކަމުން ކޮންމެ ސިޔާސީ ފިކުރެއްގެ، ކޮންމެ ވެރިއަކު ވެރިކަން ކުރިކަމުގައިވީ ނަމަވެސް ޚާރިޖީ ސިޔާސަތަކީ "ކުޅޭކުޅޭ" އެއްޗެއް ނޫންކަން ދަންނަން ޖެހެއެވެ. އަދި ގައުމަކާ ދިމާއަށް ބަހެއް ބުނާއިރު، އެއީ އެތައް ނަތީޖާއެއް، ރަނގަޅަށް ވެސް އަދި ނުރަނގަޅަށް ވެސް ނިކުމެދާނެ ކަމެއްކަން ވިސްނަންޖެހެއެވެ. އަދި މިނިވަންކަން ދެމެހެއްޓުމަށް 'ދިވެހި މޮޅު ޚާރިޖީ ސިޔާސަތު' ދިވެހީންގެ މަސްލަހަތު އިސްކޮށް ދިފާއުކުރަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ