މާޅެންދޫ ހުޅަނގުފަރާތު ޖެޓީގެ މަސައްކަތާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހު ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިކަން އިޢުލާންކުރައްވާފައިވަނީ، މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. މާޅެންދޫ އަށް ވަޑައިގެން މިއަދު މެންދުރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މާޅެންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ހުޅަނގުފަރާތުން ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ބޭނުންވާ، ޖެޓީގެ މަސައްކަތްކަން ފާހަގަކުރައްވައި، ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ އެމަސައްކަތުގެ ޑިޒައިން ފައިނަލް ކުރެވި، މިހާރު ކުރިއަށްދަނީ އީ.އައި.އޭގެ ފަހުމަރުހަލާގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތް ނިމެންދެން، އެއްވެސް ހުއްޓުމެއްނެތި، ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މާޅޭންދޫއަށް ބިމުގެ ދަތިކަން ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ އެއީ ރައްޔިތުން ވަރަށް ބޮޑަށް އެދޭކަމެއްގެ އިތުރުން، އެއީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދެއްކަމަށެވެ. އެގޮތުން، ރަށުގެ އިޤްތިޞާދީ މަސައްކަތާއި ގެދޮރުވެރިކަމާއި އެހެނިހެން މަސައްކަތްތަކަށްވެސް ބިމުގެ ޖާގަ ބޭނުންވާކަން ފާހަގަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނީ ރަށުގެ ގުދުރަތީ ރީތިކަން ހަލާކުނުވެ، އެރީތިކަން ނުގެއްލޭގޮތަށް ކަމަށެވެ. އެ މަސައްކަތް ކަމާ ގުޅުންހުރި ވުޒާރާތަކާއި ކައުސިންލާއި ރައްޔިތުން ނިންމައި، ފައިނަލްވުމުން އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ބިންހިއްކުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމުހޫރިއްޔާ ދެއްވިއެވެ.
މީގެ އިތުރުން ނ. ތޮޅެންދޫ އަކީ މާޅެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް އެ މަނިކުފާނު ނިންމަވާފައިވީނަމަވެސް ކޯޓު މަރުޙަލާގައި މައްސަލައެއް އޮތުމުން، އެ މައްސަލައިގެ ޤާނޫނީ އިޖުރާޢަތްތަކުގެ ތެރެއިން މަގެއް ހޯއްދަވައި ދެއްވުމަށް އެޓާރނީ ޖެނެރަަލަށް މިހާރު ދަންނަވާފައިވާ ކަމަށްވެސް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.
ހަމަމިއާއެކު ރަށުގެ ޞިއްޙީ ޚިދުމަތް ރަނގަޅުކުރުމަށްޓަކާ ލެބޯޓްރީގެ ޚިދުމަތް ހަރުދަނާ ކުރުމުގެ މަސައްކަތާއި ރަށުގެ މަގުހެދުމުގެ އިތުރުން ރަށަށް ބޭނުންވާ ތަރައްޤީ ހާސިލުކޮށްދިނުމަށް، ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ނ. މާޅެންދޫގައި ޢިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ. މި ރަސްމިއްޔާތުުގައި ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވަޑައިގެންނެވިއެވެ.
މާޅެންދޫ ހުޅަނގުފަރާތު ޖެޓީ ގެ މަސައްކަތާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހު ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ