ޖަޕާނުގެ މަތިގޭގެ ކޮންޓްރޯލް ޖަޕާނު ސަރުކާރަށް ގެއްލިއްޖެ

އެމެރިކާއާ އެކު ޓެރިފްގެ ސުންގަޑިތައް ގުނަގުނައި އޮތް، ބޮޑުވަޒީރު ޝިގެރޫ އިޝިބާގެ މަގުބޫލުކަން ދަށްވެ، ރައްޔިތުންގެ މަޖިލީހުގެ މަތިގޭގެ އަގުލަބިއްޔަތު އޭނާގެ ކޯލިޝަނަށް ގެއްލިއްޖެ އެވެ. 
އިޝިބާގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އާއި އެ ޕާޓީގެ ކޯލިޝަން ޕާޓްނަރު ކޮމެއިޓޯއަށް 47 ގޮނޑި ލިބިފައިވާ އިރު، މިއީ ދެ ބައިކުޅަ އެއް ބައި ގޮނޑިއަށް ވާދަކުރި އިންތިހާބެއްގައި 248 ގޮނޑީގެ މަތީ ޗެމްބަރުގެ އަގުލަބިއްޔަތު ހޯދުމަށް ބޭނުންވާ 50 ގޮނޑިއަށް ވުރެ ދަށް އަދަދެކެވެ.
އެކަމުގެ ސަބަބުން މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ތިރިގޭގެ އިންތިހާބުގައި ފާއިތުވި 15 އަހަރުގެ ތެރޭގައި އެ ޕާޓީއަށް ލިބުނު އެންމެ ދަށް ނަތީޖާއަަށް ފަހު، އިޝިބާގެ ސަރުކާރު އިތުބާރު ނެތްކަމުގެ މައްސަލަތަކާއި އަމިއްލަ ޕާޓީގެ ތެރެއިން ލީޑަޝިޕް ބަދަލުކުރުމަށް ހުޅުވޭނެ ދޮރަކަށެވެ.
ހިޔާލު ހޯދުމުގެ ވޯޓަށް ފަހު ރޭ ވާހަކަ ދައްކަވަމުން އިޝިބާ އެންއެޗްކޭއަށް ވިދާޅުވީ އެ "ހަރުކަށި ނަތީޖާ" ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން މި ތިބީ އެމެރިކާއާ އެކު ވަރަށް މުހިންމު ޓެރިފް ޑިސްކަޝަންތަކުގައި... އެހެންވީމާ އަޅުގަނޑުމެން މިމަޝްވަރާތަކަށް ނުރައްކަލެއް ކުރިމަތިކޮށްގެން ނުވާނެ. އަޅުގަނޑުމެންގެ ހަކަތަ އާއި އައުޒު އަޅުގަނޑުމެންގެ ގައުމީ މަސްލަހަތު ހާސިލުކުރުމަށް ޓަކައި ފުރިހަމައަށް ހާއްސަކުރުމަކީ ގުދުރަތީ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ބޮޑުވަޒީރުކަމުގެ މަގާމުގައި ދެމިހުންނެވުމުގެ ވިސްނުން ގެންގުޅުއްވަންތޯ ސުވާލު ކުރުމުން އޭނާ ވަނީ އެކަމަށް އާބަސް ވިދާޅުވެފަ އެވެ.
ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ބޮޑު އިގްތިސާދު އޮތް ޖަޕާނަށް އެމެރިކާއާ އެކު ވިޔަފާރީގެ އެއްބަސްވުމެއް ހެދުމަށް އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. ނޫނީ އެގައުމުގެ އެންމެ ބޮޑު އެކްސްޕޯޓް މާކެޓުގައި ބޮޑު ޓެރިފްތަކާ ކުރިމަތިލާން ޖެހިދާނެ އެވެ.
ދެވަނާގައި އޮތް މައި އިދިކޮޅު ކޮންސްޓިޓިއުޝަނަލް ޑިމޮކްރެޓިކް ޕާޓީއަށް ލިބިފައިވަނީ 22 ގޮނޑި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ