އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ނުކުރެވި ދެ އަހަރު ވާން ކައިރިވެފައިވާތީ، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ ކަރަންޓު ނެތި އަނެއްކާ ވެސް އައްޑޫ ރައްޔިތުން މުސީބާތެއް ތަހައްމަލު ކުރަން ޖެހިފައިވާ ކަމަށެވެ.
"ގަޑިއަކުން ގަޑިއަކުން އައްޑޫގެ އެކި ހިސާބުތަކުން މިދަނީ ކަރަންޓް ކަނޑަމުން. ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ މުދަލަށް ބޮޑެތި ގެއްލުން ދަނީ ލިބެމުން. އާންމު ހިދުމަތްތަކަށް ދަނީ ހުރަސް އެޅެމުން،" ނިޒާރު ވިދާޅުވި އެވެ.
މިއަދު ވެސް އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުން ގަން އެއާޕޯޓުގެ އޮޕަރޭޝަނަށް ބުރޫ އެރި އެވެ. ސިޓީ ކައުންސިލް އިދާރާ އާއި ޕޮލިސް ސްޓޭޝަނާއި އިމިގްރޭޝަން އޮފީހުގައި ކަރަންޓު ނެތިގެން މަސައްކަތް ހުއްޓުނެވެ.
"މާލެއިން ފަސް ގަޑިއިރަށް ކަރަންޓް ކެނޑުމަކީ ކާރިސާގެ ހާލަތު ކަމަށް ނިންމަވައި އެކަން އަވަހަށް ހައްލު ހޯއްދަވައި ދެއްވުމުގެ ޔަގީންކަން ދެއްވި،" ރައީސް މުހައްމަދު މުއިއްޒު ޓެގްކުރައްވައި ނިޒާރު ލިޔުއްވާފައިވެ އެވެ.
އައްޑޫގެ ކަރަންޓު ހާލަތު ރަނގަޅު ކުރަން މަސައްކަތް ނުކުރާތީ، އައްޑޫ ރައްޔިތުންނަކީ ދެވަނަ ދަރަޖައިގެ ބައެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމުގައި މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ދަނީ ތަފާތު އެކި މައްސަލަތައް ދިމާވަމުންނެވެ.
މިކަަން ހައްލުކުރަން ސަރުކާރުން ތަފާތު އެކި ތާރީހުތައް ދިނަސް އަހަރަކަށްވުރެ ގިނަ ދުވަސް މި މައްސަލައަށް ވަނީ ވެފަ އެވެ. އަދި، މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭ އައްޑޫގެ ކަރަންޓުން ކެނޑުން ކޮންމެވެސް ވަރަކަށް މަދުވި އެވެ.
އައްޑޫ ކަރަންޓު މައްސަލަ ބޮޑުވެ ރައްޔިތުންގެ މަޖިލީހުގައި ބަހުސްތަކެއް ކޮށް ގަރާރުތަކެއް ހުށަހަޅާފައިވެ އެވެ. ސަރުކާރަށް ތާއީދުކުރާ މެންބަރުން މި ގަރާރުތަކާއި ކުއްލި މައްސަލަތަކަށް ބީރު ކަންފަތެއް ދީ ބޭރުކޮށްލީ އެވެ.
އައްޑޫ ކަރަންޓުގެ މައްސަލަ ހައްލުކުރަން ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް: މޭޔަރު އައްޑޫ ކަރަންޓުގެ މައްސަލަ ހައްލުކުރަން ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް: މޭޔަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ