ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމު ރާއްޖެއަށް 2008ގައި ގެނައި ފަހުން ފަނޑިޔާރުންނަށް އެންމެ ގަދައަށް ނުފޫޒު ފޯރުވި ބަންޑާރަނައިބަކީ މިހާރު އެ މަގާމުގައި ހުންނެވި އަހްމަދު އުޝާމް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފައިވާ މަހާޒު އަލީ ޒާހިރު މިއަދު ތުހުމަތު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މަހާޒުގެ މައްޗަށް ތުހުމަތު ކުރެވޭ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ސަރުކާރުގެ ކޮންޓްރޯލް އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާ އެކު، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އޭނާ އެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މެއި މަހު އެވެ. އެގޮތުން:
ޖޭއެސްސީން މަހާޒު އާއި އެ ކޯޓުގައި އޭރު ތިއްބެވި އިތުރު ދެ ފަނޑިޔާރެއް މަގާމުން ކުއްލި ގޮތަކަށް ސަސްޕެންޑްކޮށްފައިވަނީ، މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައި އޮއްވާ
މަހާޒުއާ އެކު ދެން ސަސްޕެންޑްކުރީ ހުސްނުއްސުއޫދު އަދި ޑރ. އަޒްމިލަދާ ޒާހިރު؛ އެ ތިން ބޭފުޅުން ވެސް އޭރު ތުހުމަތު ކުރެއްވި ގޮތުގައި ސަސްޕެންޑްކޮށްފައިވަނީ ގާނޫނޫއަސަސީއަށް ގެނައި އިސްލާހުގެ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވުމުގެ ގޮތުން
އެ ތުހުމަތުތައް ސަރުކާރުގެ ފަރާތުން އަދި އުޝާމް ވެސް މީގެ ކުރިން ދޮގު ކުރައްވާފައި
މިއަދު މިކަމާ ގުޅޭ ގޮތުން އަނެއްކާވެސް މަހާޒު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައި
ތަފްސީލު - މަހާޒުގެ ޕޯސްޓުގައި އޭނާ ވަނީ ވަޓްސްއެޕްގެ ސްކްރީންޝޮޓެއް ވެސް ހިއްސާކުރައްވާފަ އެވެ. އެ ސްކްރީންޝޮޓަކީ، މަހާޒު ލިޔުއްވާފައިވާ ގޮތުގައި، ވަކީލަކާއި އޭނާއާ ދެމެދު ކުރި މުއާމަލާތެއްގެ ސްކްރީންޝޮޓެކެވެ.
މަހާޒު ވިދާޅުވި ގޮތުގައި، އެ ސްކްރީންޝޮޓުން ފެންނަ 8 މިނެޓުގެ ފޯނު ކޯލަކީ، މިދިޔަ 10 ފެބްރުއަރީގައި ވަކީލެއް މެދުވެރިކޮށް އުޝާމް އޭނާއަށް މެސެޖެއް ދިނުމަށް ގުޅުއްވި ގުޅުއްވުމެކެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ދައުލަތުގެ އިދާރާއަކުން ބަލަން ނޫޅޭ ކަމަށާއި 25 އޮކްޓޯބަރު 2022ގައި ހިނގާފައި އޮތް ހާދިސާއެއްގެ މައްސަލަ ވެސް ޖޭއެސްސީން ނުބަލާނެ ކަމަށް ވަކީލެއް މެދުވެރިކޮށް އޭޖީ [އުޝާމް] ގުޅުއްވި ގުޅުއްވުމެއް،" މަހާޒުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ވަކީލު މެދުވެރިކޮށް އުޝާމް ދެއްވަން ބޭނުންވެވަޑައިގެންނެވި އެ "މެސެޖް ސާފުވި ކަމަށާއި 2022ގެ ވާހަކަ މިހާރު ދައްކަނީ ކީއްވެގެންކަން އެނގޭ ކަމަށް އެ ވަކީލު ގާތުގައި ބުނިން" ކަމަށް މަހާޒު ވިދާޅުވި އެވެ.
"2008ގެ ފަހުން ފަނޑިޔާރުންނަށް މިވަރަށް ނުފޫޒު ފޯރުވި އޭޖީއެއް ނުދެކެން،" މަހާޒު އިތުރަށް ވިދާޅުވި އެވެ.
އުޝާމްގެ ބަސް - އެ ޕޯސްޓާ ގުޅިގެން މިރޭ 'ދައުރު'ން އުޝާމްއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ މަހާޒުގެ އެ ތުހުމަތުތައް މީގެ ކުރިން ވެސް ދޮގުކުރައްވާފައިވާނެ ކަމަށާއި މިވަގުތަށް އިތުރަށް އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ.
"އެހެން ނަމަވެސް، މިކަމުގައި އިތުރަށް ވާހަކަ ދައްކަން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ، އަޅުގަނޑު ވާހަކަ ދައްކާނަން،" އުޝާމް ވިދާޅުވި އެވެ.
އުޝާމް މީގެ ކުރިން އެކި އިންޓަވިއުތަކުގައި ވެސް އޭނާ ވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.
ގުޅުން ހުރި- ގާނޫނަށް އިސްލާހު ގެނެސް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަށްޓަކައި އެ ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް ބަދަލު ކުރުމަށް މަޖިލީހަށް އިސްލާހެއް ހުށަހެޅީ މިދިޔަ 23 ފެބްރުއަރީގަ އެވެ. އެ އިސްލާހާ ގުޅޭ ހަބަރު އެ ވަކީލަށް ފޮނުވުމަށް ފަހު، މަހާޒުގެ މެސެޖްގައި އޭނާ ލިޔުއްވާފައިވަނީ އެއީ "އޭޖީގެ ވައުދުފުޅު" ކަމަށެވެ.
ބެންޗު ކުޑަ ކުރާ އިސްލާހު މަޖިލީހުން ފާސް ކުރި ނަމަވެސް، ފަހުން އެ އިސްލާހު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.
މަހާޒުއާ އެކު ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވަނީ މިދިޔަ 26 ފެބްރުއަރީގަ އެވެ. އެއާ އެކު، ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަމުން އައި ގާނޫނުއަސާސީ އިސްލާހު ކުރި މައްސަލަ ވެސް ހުއްޓުނެވެ.
މަހާޒުއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލި މައްސަލައަކީ، އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ އޭރުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރު ކުރުމުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީއަށް މަހާޒު ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ. އެ ތުހުމަތު މަހާޒު ދޮގު ކުރައްވަ އެވެ.
2008ގެ ފަހުން ފަނޑިޔާރުންނަށް އެންމެ ގަދައަށް ނުފޫޒު ފޯރުވި އޭޖީއަކީ އުޝާމް: މަހާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ