ޕީއެންސީގެ ސެނެޓުން އެޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހުށައެޅުން ބޭރުކޮށްލި ކަމަށް ބުނާ ވަހަކަތައް ޕީއެންސީގެ މެމްބަރުން ދޮގުކުރައްވައިފިއެވެ.
ޕީއެންސީގެ ސެނެޓުން ރައީސްގެ ހުށައެޅުމެއް ބޭރުކޮށްލެއްވި ކަމަށް ބުނާ ވާހަކަތަކެއް އަންނަނީ ސޯޝަލް މީީޑިއާގައި ދައުރުވަމުންނެވެ. އެގޮތުން ރައީސްއަށް މިހާރު ޕީއެންސީގެ ސެނެޓުގެ ކޮންޓްރޯލް ގެއްލެމުންދާ ކަމަށްވެސް ބައެއް ފަރާތްތައް ދަނީ ބުނަމުންނެވެ. ކުރިއަށް އޮތް ޕާޓީގެ ކޮންގްރެސްގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިޔުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށާއި، ލީޑަޝިޕުން ބޭނުންވާ ގޮތަކަށް އެ ކަންކަން ނިންމުމަށް ރައީސް ހުށައެޅުއްވި ކަމަށް ބައެއް މީޑިއާތަކުންވެސް ވަނީ ރިޕޯޓް ކޮށްފައެވެ.
މި ބައްދަލުވުމުގައި ސެނެޓުން ނިންމީ ކޮންގްރެސްގެ ކަންކަން ނިންމުމުގައި ހަމައެކަނި ލީޑަޝިޕަށް ބާރު ދިނުމުގެ ބަދަލުގައި، އާންމު މެންބަރުންގެ ބައިވެރިވުން އޮންނަ ގޮތަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ނިންމި ކަމަށް ވަނީ ބުނެފައެވެ. މިވާހަކަތަކަށް ރައްދުދެއްވާ އެ ޕާޓީގެ ލީޑަރޝިޕްގައި ތިއްބަވާ ބޭފުޅުންނާއި އަދި ޕީޖީ ގްރޫޕުގެ މެމްބަރުން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓު ހިއްސާކޮށްފައެވެ.
އެގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފުވާހަކައެއް ކަމަށެވެ. މެންބަރުންގެ މަޖިލީހުން ވަކި ގޮތަކަށް ކަމެއް ނިންމާކަށް ރިޔާސަތުން ހުށައަޅުއްވާފައި ނުވާކަމަށް ވަނީ ބުނެފައެވެ. ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުޞޫލުން ހިންގާ ޕާޓީއެއް ކަމަށާއި ފިތުނަ ފަސާދަ އުފައްދައިގެން ޕީއެންސީ ބައިބައެއް ނުކުރެވޭނެ ކަމަށެވެ.
މިކަމާއި ގުޅިގެން ޕީޖީ ލީޑަރު ފަލާހު ވިދާޅުވީ ރައީސް މުޢިއްޒު ބޭނުނުންފުޅުނުވާ އެއްވެސްކަމެއް ޕީއެންސީ ސެނެޓްގައި އަދި ލީޑަރޝިޕްގައި ވެސްނުހިނގާނެ ކަމަށެވެ. އެއަށްވުރެ ރައީސް މުޢިއްޒު ދެކެ މެމްބަރުން މާލޯބިވާ ކަމަށާއި އަދި އިތުބާރުވެސް ކުރާ ކަމަށެވެ.
ފަލާހު ވިދާޅުވީ އެހެންނަމަވެސް ރައީސް އަބަދުވެސް އިސްކުރައްވަނީ ޕާޓީގެ އަސާސީޤަވައިދާއި ހެދިފައިވާ އުސޫލުތަކާއި މަޝްވަރާގެ ރީތި ސިފަ ކަމަށެވެ. ނިމިގެންދިޔަ ޕީއެންސީ ސެނެޓް ބައްދަލުވުމުގައި ވަކިކަމެއްވަކި ގޮތަކަށް ކުރައްވަން ހުށަނާޅުއްވާ ކަމަށްވެސް ފަލާހުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ މުޅިބައްދަލުވުމުގައިވެސް ހުރިހާކަމެއްވެސް ހުށަހެޅުއްވީ ސެނެޓް މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށްނިންމުމަށް ކަމަށެވެ. މިކަމާއި ގުޅިހެން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ރައީސް ވަކިގޮތަކަށް ނާންގަވާ ކަމަށާއި އެންގެވި ނަމަވެސް ސެނެޓުން ރުހުން ދެއްވާނެ ކަމަށެވެ.
މިމައްސަލައިގައި ”ސަންގުން“ ޕީއެންސީގެ ތަރުޖަމާނާއި ސުވާލުކުރުމުން ތަރުޖަމާނު ވިދާޅުވީ ޕީއެންސީގެ ސެނެޓު މެމްބަރުންނާއި އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމްވެސް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައިވާ ވާހަކަތަކަކީ ކަން ހިނގައި ދިޔަގޮތް ކަމަށެވެ.
ޕީއެންސީގެ ސެނެޓުން ރައީސްގެ ހުށައެޅުން ބޭރުކުރި ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކައެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ