ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަ ކުރާ ޖަރުމަނު ކޭމްޕްގައި ކޯޗު ހޫލިއަން ނާގެލްސްމަންގެ ލޯބިވެރިޔާ މާގިނަ ވަގުތު ހޭދަކުރާތީވެ މައްސަލަ ޖެހެން ފަށައިފި އެވެ.
ޖަރުމަނުގެ މީޑިއާތަކުން ބުނީ ކިއުރަސާއޯ އަތުން 7-1އިން ޖަރުމަނު މޮޅުވި މެޗަށް ފަހު އޮފިޝަލުންނާއި ކުޅުންތެރިންގެ އާއިލާތަކާއި ލޯބިވެރިންނަށް އެ މީހުންނާ ބައްދަލު ކުރަން އެއް ދުވަސް ދީފައިވާ ކަމަށެވެ. ނަމަވެސް ކޯޗުގެ ލޯބިވެރިޔާ ލީނާ ވޫޒެންބާގާ ކޮންމެ ދުވަހަކު ޓްރޭނިން ކޭމްޕްގައި ހޭދަކުރާތީވެ މައްސަލަ ޖެހިފައިވާ ކަމަށެވެ.
އުމުރުން 34 އަހަރުގެ ލީނާ އަކީ ކުރީގެ ނޫސްވެރިއެކެވެ. އޭނާގެ މައްސަލަ ބޮޑުވެފައިވަނީ މިއިން ދުވަހަކު ޖަރުމަނުގެ ކޯޗުގެ ލޯބިވެރިއަކު ނުވަތަ އަންހެނުން ޓީމުގެ ކޭމްޕަށް އައިސް ވަގުތު ހޭދަނުކުރާހާ ގިނައިން ލީނާ ޓީމާއެކު ހަރަކާތްތެރިވާތީ އެވެ. ކޯޗާއި ލީނާ އެންމެ ފުރަތަމަ ބައްދަލުކުރީ ކިއުރަސާއޯ މެޗަށް ފަހު ދަނޑުންނެވެ. އޭގެ ފަހުން ކުޅުންތެރިންނާއެކު އޭނާ ފުރަތަމަ ވެސް ދިޔައީ ޖަރުމަނު ޓީމު ތިބޭ ހޮޓަލަށެވެ. އަދި ޖެހިގެން އައި ދުވަހު ހެދުނު ލީނާ އާއި ނޭގެލްސްމަން ހެނދުނު ޓްރޭނިން ކޭމްޕް ތެރޭގައި ބައިސްކަލް ދުއްވި މަންޒަރު އޮފިޝަލުންނާއި ކުޅުންތެރިންނަށް ވެސް ވަނީ ފެނިފަ އެވެ.
މީގެ އިތުރުން އައިވަރީ ކޯސްޓް އަތުން ފަހު ފަގުތު ޖަރުމަނު މޮޅުވި މެޗުގައި ލީނާ އިނީ ޖަރުމަނުގެ ބެންޗާ ދިމާލު މަތީގައި ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.
ޖަރުމަނުގެ މީޑިއާތަކުން ބުނަނީ ލީނާގެ މައްސަލަ އެންމެ ބޮޑަށް ޖައްސަނީ ކުޅުންތެރިން ކަމަށެވެ. އަދި ކޯޗުގެ ކޮޓަރީގައި އަބަދު އޭނާގެ ލޯބިވެރިޔާ އަށް ހުރެވޭ ކަމަށްވާނަމަ މުޅި ޓީމުގެ މަސްލަހަތު ގެއްލިދާނެ ކަމަށް ވެސް ޖަރުމަނުގެ ބައެއް ނޫސްވެރިން ބުނެ އެވެ.
މި ކަމާ ހެދި ޖަރުމަނުގެ ކުރީގެ މިޑްފީލްޑަރު ލޮތާ މަތެއަސް ވަނީ ނާގެލްސްމަނަށް ފާޑުކިޔާފަ އެވެ. ގައުމީ ޓީމަށް 150 މެޗު ކުޅެދީފައިވާ ކުރީގެ ކުޅުންތެރިޔާ ބުނީ ކުޅުންތެރިންނާއި އޮފިޝަލުންގެ އާއިލާތަކާ ބައްދަލު ކުރަން ވަކި ދުވަހެއް ހަމަޖެއްސުން ރަނގަޅު ކަމަށެވެ.
"އަބަދު އޭނާ އައިސް އުޅޭނަމަ އެކަންވާނީ ވަރަށް ބޮޑު މައްސަލައަކަށް. ލީނާ އަށް ވެސް ކުޅުންތެރިންނާއި އާއިލާތަކަށް އޮންނަ ފަދަ ފުރުސަތު ލިބެންވާނެ. އެކަމަކު އޭނާ އަބަދު ޓީމާއެކު ހުންނަތަން އަމުދުން މީޑިއާތަކަށް ފެނިގެން ނުވާނެ. ދެން ކޯޗާއި ކުޅުންތެރިންގެ އުސޫލު ވެސް ތަފާތު ވާން ޖެހޭނެ،" މަތިއަސް ބުންޏެވެ.
ލީނާ އާއި ނާގެލްސްމަން ލޯބީގެ ގޮތުން ގުޅުނީ 2022 ވަނަ އަހަރު އެވެ. ގިނަ ބަޔަކު ބުޏާ ގޮތުގައި ޖަރުމަނުގެ އެންމެ ކާމިޔާބު ކުލަބު ބަޔާން މިއުނިކްގައި ނާގެލްސްމަން އަށް ކާމިޔާބު ނުހޯދުނީ ވެސް ކުރީގެ ކައިވެނި ރޫޅި، ލީނާއާ ގުޅިގެން އައު ހަޔާތެއް ފަށަން އުޅުނު ވަގުތު އެކަށީގެންވާ ވަރަށް ޓީމަށް ވަގުތު ނުދެވިގެންނެވެ.
ޖަރުމަނު ޓީމު ތެރެ "ފަނި" ކުރަނީ ކޯޗުގެ ލޯބިވެރިޔާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ