މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަގީ ޑިމޮކްރެޓިކް ވެރިކަމެއްގެ މައިގަނޑު އަސާސް: ރައީސް

މައުލޫމާތު ހޯދައި ލިބިގަތުމުގެ އަސާސީ ހައްގަކީ ރައްޔިތުންގެ އިތުބާރު ދަމަހައްޓާ، ޑިމޮކްރެޓިކް ވެރިކަމެއްގެ މައިގަނޑު އަސާސް ކަމަށް މި ސަރުކާރުން ގަބޫލުކުރާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނު 2014 ވަނަ އަހަރު ވުޖޫދުވި ފަހުން ފުރަތަމަ ފަހަރަށް ދައުލަތުގެ ވުޒާރާތަކުން ވަނީ ގާނޫނުގެ ދަށުން ހާމަކޮށްފައި ހުންނަންޖެހޭ ހުރިހާ މައުލޫމާތެއް އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކާއި ރައީސް އޮފީސް ވެސް ހިމެނެ އެވެ.
ތަފްސީލް - މިކަމާ ގުޅުވާ ރައީސް މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ އެ މައުލޫމާތުތައް އާންމުކުރުމާ އެކު މީގެ ކުރިން އާންމުންނަށް ފަސޭހައިން ލިބެން ނެތް ގިނަ މައުލޫމާތުތަކެއް އާންމުކޮށްފައިވާ ކަމަށެވެ.
"މިއީ ދެފުށްފެންނަ ގޮތަށް ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ މައުލޫމާތުތައް ފޯރުކޮށްދީ، ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހާމަކަން ބޮޑު އަދި ޖަވާބުދާރީވާ ސަރުކާރެއް ބިނާކުރުމަށް ކުރާ ދަތުރުގައި މިއީ ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.
މި ލަނޑުދަނޑި ހާސިލް ކުރުމަށް މަސައްކަތްކުރި މުވައްސަސާތަކުގެ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. 
މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުކޮށްގެން ސަރުކާރުގެ މައުލޫމާތުތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގުތަނަވަސްކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ސަރުކާރުގެ ހަރަކާތްތަކާއި ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވި އެވެ.
އެނގުން މުހިންމު - އާރުޓީއައި ގާނޫނުގެ 37 ވަނަ މާއްދާގައި ރައްޔިތުންގެ މަސްލަހަތަށްޓަކައި، މަދުވެގެން އަހަރަކު އެއް ފަހަރު އަމިއްލަ އިސް ނެގުމަށް ޝާއިއުކުރުމަށް ކަނޑައަޅާފައިވާ މައުލޫމާތުތަކަކީ:
ދައުލަތުގެ އިދާރާގެ ދައުރާއި މަސްއޫލިއްޔަތުތަކާއި އޮނިގަނޑާއި ވާޖިބުތަކުގެ ތަފްސީލް
ރައްޔިތުންނަށް ސީދާ ގޮތުގައި ދީފައިވާ ނުވަތަ ދެމުންދާ ހިދުމަތްތަކާ ގުޅޭ ތަފްސީލް
ދައުލަތުގެ އެ އިދާރާއިން ހިންގާ ކަމަކާ ގުޅޭ ގޮތުން ޝަކުވާ އުފުލޭނެ އުސޫލު އަންގައިދޭ ތަފްސީލް އަދި އެހާ ތަނަށް ލިބިފައިވާ ޝަކުވާތައް އަންގައިދޭ ތަފްސީލް
ލިޔެކިޔުންތައް ބެލެހެއްޓުމުގައި އަމަލުކުރާ ގޮތް ފަސޭހައިން ވިސްނައިގަނެވޭނެ ތަފްސީލް
ދައުލަތުގެ އިދާރާއިން ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތާއި އާންމުކޮށް ޝާއިއުކުރާ މައުލޫމާތުގެ ބާވަތް އަދި މައުލޫމާތަށް އެދުމުގައި އަމަލުކުރަންވީ އުސޫލު
ދައުލަތުގެ އިދާރާގެ އިސްވެރިންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި އެ މީހުންނަށް ލިބިދޭ ބާރާއި އިހްތިޔާރުގެ ދާއިރާ އަދި ކަންކަން ނިންމުމުގައި އެ ދާއިރާގައި އަމަލުކުރާ އުސޫލުތައް
ދައުލަތުގެ އިދާރާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި އުސޫލުތަކާއި ހަމަތައް
ރައްޔިތުންނަށް އޭގެ އަސަރެއް ފޯރާގޮތަށް ނިންމާފައިވާ ނިންމުންތަކާއި އެ ނިންމުންތައް ނިންމާފައިވާ ސަބަބުތަކާއި އެ ނިންމުންތަކުން ދޭހަވާ މާނަކުރުންތަކާއި އެކަމާ ގުޅޭ ފަސްމަންޒަރު އަންގައިދޭ ތަފްސީލް
ދައުލަތުގެ އިދާރާއަކުން ހިންގާ ކަންކަމާ ގުޅޭ ސިޔާސަތުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހުށަހަޅައި ސިޔާސަތަށް ފާޑުކިޔައި ސިޔާސަތުތައް އެކަށައެޅުމުގައި ރައްޔިތުންނަށް ބާރު ފޯރުވޭނެ ގޮތް
ދައުލަތުގެ އިދާރާއަށް ކަނޑައެޅިފައިވާ ބަޖެޓާއި ކުރަން ރާވާފައިވާ މަސައްކަތްތަކާއި ކުރަން ރާވާފައިވާ ހަރަދާއި ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް
ދައުލަތުގެ އިދާރާގެ އެންމެހައި މުވައްޒަފުންނަށް ވަކިވަކިން ދެވޭ އުޖޫރައާއި އިނާޔަތް
ދައުލަތުގެ އިދާރާގެ މަސައްކަތް ކުރުމުގައި ތަބާވާ ހަމަތައް
ދައުލަތުގެ އިދާރާއިން ނިންމާ ނިންމުންތައް ނިންމުމަށް އޮންނަ މަރުޙަލާ ނުވަތަ ގޮތާއި ޒިންމާ އުފުލުމަށް އޮންނަ ހަމަތަކާއި ބެލެހެއްޓުމާއި ޒިންމާދާރުކުރުވުން ރޭވިފައިވާ ގޮތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ