އޭސީސީއަށް ބަޔަކު މައްސަލަ ހުށަހަޅަންދެން މަޑުކުރާކަށް ނުޖެހޭ: މެމްބަރު ރިޔާޟް

އެންޓި ކޮރަޕްޝަން ކޮމިިޝަން (އޭސީސީން) ބަޔަކު މައްސަލަ ހުށަހަޅަންދެން މަޑު ކުރަން ނުޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަހުމަދު ރިޔާޟް ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބޭނުމަކީ ކޮބައިތޯވެސް ސުވާލު އުފެދޭ ކަމަށެވެ.
މެމްބަރު ވިދާޅުވީ، އޭސީސީއަކީ ބަޔަކު މައްސަލައެއް ހުށަނޭޅިކަމުގައިވީނަމަވެސް އަމިއްލަ ޙައިސިއްޔަތުންވެސް މައްސަލަތައް ބެލުމުގެ ޒިންމާ އޮންނަ މުއައްސަސާއެއް ކަމަށެވެ. އެގޮތުން ނަހަމަ ގޮތުގައި މީހުން މުއްސަނދިވުމާއި، ސޯޝަލް މީޑިއާއިން ފެންނަ އެކި ތުހުމަތުތަކާއި، އާންމުން ކުރާ ޝަކުވާތަކާ ގުޅިގެން ފެންމަތިވާ މައްސަލަތައް އޭސީސީގެ އަމިއްލަ އިސްނެގުމުގެ މަތިންވެސް ބަލަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑު ހިތަށް އަރާ، އެންޓިި ކޮރަޕްޝަން ކޮމިޝަން މިއީ ކީއްކުރަން ހުންނަ ތަނެއްތޯއޭ، އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ކޮމިޝަނަކީ ކޮމިޝަނުގައި ތިއްބަވާ މެމްބަރުންނަށް ސޯޝަލް މީޑިއާއިން ފެނުނު ނަމަވެސް، ބަޔަކު ޝަކުވާއެއް ކޮށްގެން ނަމަވެސް، އަދި ނަހަމަ ގޮތުގައި މީހަކު މުއްސަނދިވާ މަންޒަރު ފެނުނުކަމުގައިވީނަމަވެސް، އެއްވެސް އެހެން ބަޔަކު އެ ތުހުމަތު ނުކުރިކަމުގައިވީނަމަވެސް އަޅުގަނޑު ޤަބޫލު ކުރަނީ އެބޭފުޅުންގެ ޒިންމާއެކޭ އެކަންކަން ބަލަން ފެށުން
ހަމައެއާއެކު، ބަޔަކު މައްސަލައެއް ހުށަހަޅަންދެން އޭސީސީން މަޑުކޮށްގެން ނުވާނެކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އެގޮތުން މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުން މަޤާމުގެ ޒިންމާ އަދާކުރަން ޖެހޭނެކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މިހާތަނަށްވެސް ޤައުމުގެ ކަންކަން ގޯހުން ގޯހަށް ގޮސްފައިވަނީ މިދިޔަ އަހަރުތަކުގައި މައްސަލަތައް ބަލަންތިބި އިދާރާތަކުން އެކަަށީގެންވާ ގޮތެއްގައި އެކަންކަން ބެލެވިފައި ނެތުމުންކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މިފަހުން ފެންމަތިވެގެން އައި ކޮރަޕްޝަނުގެ އެކި މައްސަލަތައް ފާހަގަކުރައްވައި ރިޔާޒް ވިދަޅުވީ، ސަރުކާރުން މިފަދަ މައްސަލަތަކަށް ދެނީ ބީރު ކަންފަތެއްކަމަށް ބައެއް މީހުންނަށް ހީވި ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށެވެ. އެގޮތުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ތެރޭގައި ހިޔާނާތަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ސީރިއަސް ގޮތެއްގައި މައްސަލަ ބަލައި ފިޔަވަޅު އެޅިގެންދާނެކަމަށް ރިޔާޒް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ