ފީފާ ވޯލްޑް ކަޕް 2026: ފްރާންސް - އިރާޤް

ފީފާ ވޯލްޑްކަޕްގެ ގްރޫޕް އައި ގައި މިރޭ ފްރާންސާއި ދެކޮޅަށް އިރާގު ނިކުންނައިރު މިއީ މި ދެ ޓީމު ފީފާ ވޯލްޑްކަޕްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.
އިރާގު ބަލިކޮށް މުބާރާތުގެ ގަދަ 32 ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ފްރާންސަށް އޮތް ނަމަވެސް އިރާގުން މި މެޗަށް ނިކުންނާނީ ފީފާ ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް ޕޮއިންޓެއް ހޯދުމުގެ ނިޔަތުގަ އެވެ. އިރާގު ވަނީ ގްރޫޕްގެ ފުރަތަމަ މެޗުގައި ނޯވޭ އަތުން 4-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.
މި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އިރާގުގެ ކޯޗު ގްރަހަމް އާނޯލްޑް ބުނެފައިވަނީ މި މެޗުގައި އޭނާއަށް ތިން ގޯލުކީޕަރުން ބޭނުން ކުރެވޭނެނަމަ އެކަންވެސް ކުރާނެ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރީ ފްރާންސްގެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ މޮޅު ކަމާއި އެކުޅުންތެރިން ހިފެހެއްޓުމަށް ކުރަން ޖެހޭނެ މަސައްކަތަށް ނަޒަރު ހިންގަމުންނެވެ.
ފްރާންސަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު އެޓޭކިން ކުޅުންތެރިން ތިބި ޓީމު ކަމުން އެ ކުޅުންތެރިން ހިފެހެއްޓުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށް ވެސް ގްރަހަމް އާނޯލްޑްވަނީ ބުނެފަ އެވެ.
ފްރާންސްގެ ކިލިއަން އެމްބާޕޭ ބުނެފައިވަނީ 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑްކަޕާއި އަޅާބަލާއިރު, ފްރާންސްގެ މިހާރުގެ ޓީމަކީ ކުރިއާ އަޅާބަލާއިރު އެޓޭކް އިތުރަށް ވަރުގަދަ ޓީމެއް ކަމަށާއި އެހެންކަމުން މި މެޗުގައި ބަލާނީ ރަނގަޅު ނަތީޖާއަކުން މޮޅުވުމަށް ކަމަށެވެ.
ފްރާންސް އިން ވަނީ ފުރަތަމަ މެޗުގައި 3-1 ގެ ނަތީޖާއަކުން ސެނެގާލް ބަލިކޮށްފަ އެވެ. އެ މެޗުގައި ފްރާންސްގެ ކިލިއަން އެމްބާޕޭ ޖެހި ދެ ލަނޑާއެކު އޭނާ ފީފާ ވޯލްޑްކަޕްގައި ޖެހި ލަނޑުގެ އަދަދު ވަނީ 14 އަށް އަރާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ