މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ދައްކަމުންދާ މޮޅު ކުޅުމަށް އެޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީ ތައުރީފް ކޮށްފިއެވެ.
ސްކަލޯނީ މެސީއަށް ތައުރީފް ކޮށްފައިވަނީ ވޯލްޑް ކަޕް ގްރޫޕް ޖޭގައި ރޭ އޮސްޓްރިއާ އާއި ބައްދަލުކޮށް އާޖެންޓީނާ މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.
މިމެޗުގައި އާޖެންޓީނާއިން ކާމިޔާބު ކުރި ދެ ލަނޑުވެސް ކާމިޔާބު ކޮށްފައިވަނީ މެސީއެވެ. އަދި މިއާއެކު ވޯލްޑް ކަޕްގެ ތާރީހްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑްވެސް މިވަނީ ގާއިމް ކޮށްފައެވެ. ސްކަލޯނީ ބުނީ މެސީގެ ކުޅުމާއި މެދު އޭނާ އުފާ ކުރާ ކަމަށެވެ. އަދި މިމެޗުގައި އޭނާ އަނެއްކާ ލަނޑު ޖެހިޖެހުން ސްކަލޯނީ ފާހަގަ ކުރިއެވެ.
ސްކަލޯނީ ހާމަކުރިގޮތުގައި އޮސްޓްރިއާ މެޗު ވެގެންދިޔައީ އެޓީމަށް އުނދަގޫ މެޗަކަށް ކަމަށާއި މެޗުގެ ބައެއް ވަގުތު ތަކުގައި އެޓީމު ހާސްކަމުގެ ތެރޭގައި އުޅެން ޖެހުނު ކަމަށެވެ. އޭނާ ބުނީ އޮސްޓްރިއާގައި ތިބީ އިސްކޮޅުން ދިގު ވަރުގަދަ ކުޅުންތެރިން ކަމަށާއި އަދި އެކުޅުންތެރިން އެއްވެސް ބޯޅައެއްގައި ދޫދޭން ބޭނުން ނުވިކަމަށެވެ. އެހެންކަމުން އާޖެންޓީނާގެ ޓީމު މިމެޗުން މޮޅުވި ނަމަވެސް ގިނަ އުނދަގޫ ތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށް ސްކަލޯނީ ފާހަގަ ކުރިއެވެ.
އާޖެންޓީނާގެ ކޯޗު ވަނީ މެޗުގައި ބޯޅަ ނެތި ޓީމު ހާސްކަމުގެ ތެރޭގައި އުޅުނު ވަގުތު ތަކުގައިވެސް މެސީ ދެއްކި ލީޑަރޝިޕް ފާހަގަކޮށްފައެވެ. އަދި މެސީ ވަނީ ބޯޅަ ހޯދުމަށްވެސް ދަނޑު މަތީ ގިނަ މަސައްކަތް ތަކެއް ކޮށްފައިކަމަށާއި މިގޮތުން އާޖެންޓިނާއިން ކާމިޔާބު ކުރި ލަނޑުވެސް ޖަހާފައިވަނީ މެސީގެ މަސައްކަތުން ހޯދި ބޯޅައެއްގައިކަމަށްވެސް ސްކަލޯނީ ފާހަގަ ކުރިއެވެ.
ސްކަލޯނީ ބުނީ ފަހު މެޗުގައި އުރުދުން އާއި ދެކޮޅަށް ކުޅޭ މެޗުގައި މިފަހަރުގެ ވޯލްޑް ކަޕަށް ޓީމަށް ނަގާފައިވާ ކުޅުންތެރިންގެ ތެރެއިން މިހާތަނަށް ނުކުޅެތިބި ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ވިސްނުން އެބަހުރި ކަމަށާއި އެހެން ކަމުން އެމެޗުގައި އެފުރުސަތު ލިބިއްޖެނަމަ އެކުޅުންތެރިން ފެނިގެންދާނެކަމަށެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އޮސްޓްރިއާގެ ކޯޗު ރަލްފް ރަންގްނިކް ބުނީ އުމުރުން 39 އަހަރުގެ ކުޅުންތެރިޔަކު މިފަދަ މެޗެއްގައި 2 ލަނޑު ޖަހާ މިފަހަރުގެ ވޯލްޑް ކަޕްގެ މިހާ ކުރީކޮޅު ފަސް ލަނޑު ހަމަކުރުމުން އެފަދަ ކުޅުންތެރިޔެއްގެ ފަރާތުން މެޗަށް އަންނާނެ ބަދަލު ފެނިގެން ގޮސްފި ކަމަށެވެ.
ރަންގްނިކް ބުނީ މެސީއަކީ މުޅިން އެހެން ހަރުފަތެއްގައި ހަރަކާތްތެރިވަމުންދާ ކުޅުންތެރިއެއް ކަމަށެވެ. އަދި މެސީވަނީ އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެއް ކުޅުންތެރިޔާ ނުވަތަަ އެންމެ މޮޅު ކުޅުންތެރިޔާކަން ހާމަކޮށްދީފައެވެ. ނަމަވެސް ރަންގްނިކްވަނީ ދެވަނަ ލަނޑުގައި އޭނާގެ ކުޅުންތެރިންނަށް ގޯސް ހެދުނު ކަން ފާހަގަ ކޮށް އަދި ފުރަތަމަ ލަނޑުގެ ކުރިން އޭނާގެ ކުޅުންތެރިޔަކަށް ފައުލް ކުރިކަން ފާހަގަކޮށްފައެވެ.
މެސީ ދައްކަމުންދާ ކުޅުމަށް ސްކަލޯނީ ތަޢުރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ