ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ކޭވް ތެރޭގައި އިޓަލީގެ ފަސް ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަން ނިންމާލައި، ތަހުގީގަށް ބޭނުންވާ މުހިންމު ހެކިތައް ދިވެހި ފުލުހުންނާ ހަވާލުކޮށްފިއެވެ.
މި އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވި ޑޭން ޔޫރަޕުން ވަނީ އޮޕަރޭޝަން ފެށިފަހުން މިހާތަނަށް ކުރި އެކި މަސައްކަތްތަކުން ހާމަކުރެވެން ހުރި މައުލޫމާތުތައް އާންމުކޮށްފަ އެވެ. އެގޮތުން ސޯޝަލް މީޑިއާގައި އެ އޮޕަރޭޝަނާއި ގުޅޭގޮތުން ޑޭން ޔޫރަޕުން ކުރި ޕޯސްޓެއްގައި ބުނީ، މަރުވި ޑައިވަރުންގެ ހަށިތައް ނެގުމަށްފަހު އެ ސަރަހައްދު ސާފުކުރުމުގެ ފަހު ޑައިވް އިއްޔެ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި ޑައިވްގެ ތެރެއިން، ހާދިސާ ހިނގި ސަރަހައްދުގައި ހުރި ތަކެއްޗާއި، ހަށިގަނޑުތައް ނެގުމަށް ބޭނުންކުރި ވަގުތީ އާލާތްތައް ވެސް މައްޗަށް ނަގާފައިވާކަމަށް ބުންޏެވެ.
މި ޑައިވްގައި ޑޭން ޔޫރަޕްގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޑައިވިންގ ޔުނިޓްގެ އިތުރުން މާލޭގައި ހުންނަ އިޓަލީގެ ކޮންސިއުލޭޓުން ވަނީ ބައިވެރިވެފަ އެވެ.
ޑޭން ޔޫރަޕުން ހާމަކުރި ގޮތުގައި، ކަނޑުއަޑިން ނެގި ހުރިހާ ސާމާނަކާއި، ތަހުގީގަކަށް ބޭނުންވެދާނެ ހެކިތައް މިހާރު ވަނީ ފުލުހުންގެ މުވައްސަސާއާއި ހަވާލުކުރެވިފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އޮޕަރޭޝަން ކުރިޔަށް ގެންދިއުމުގައި ބައެއް ގޮންޖެހުންތައް ދިމާވި ނަމަވެސް، ކާމިޔާބުކަމާއި އެކު ކޭވްގައި ގާތްގަނޑަކަށް ގަޑިއެއްހާއިރު ހޭދަކޮށް ޖުމްލަ ތިން ގަޑިއިރުގެ ޑައިވްއެއް ކުރިކަމަށް ޑޭން ޔޫރަޕުން ވަނީ ބުނެފަ އެވެ. އަދި ބުނެފައި ވަނީ އެހެން ދުވަސްތަކާއި ހިލާފަށް އިއްޔެ ވަރަށް ބޮޑަށް ކަނޑު ގަދަވުމާއި އެކު އޮއިވަރު ވެސް ބާރުވެ ޑިކޮމްޕްރެޝަން ކޮމްޕްލެކްސިޓީ ބޮޑުވިކަމަށެވެ.
ބަޔާނުގައި ބުނެފައި ވަނީ މި އޮޕަރޭޝަންގައި ބޭނުންކޮށްފައިވަނީ ޓެކްނިކަލް އަދި ކޭވް ޑައިވިންގައި ބޭނުންކުރާ އެންމެ މަތީ ފެންވަރުގެ އުސޫލުތައް ކަމަށެވެ. އެގޮތުން ކޭވްގެ ފުން ސަރަހައްދުތަކުގައި ގިނަވަގުތު ހޭދަކުރުމަށްޓަކައި ”ކްލޯސްޑް ސާކިޓް ރީބްރީދާސް“ އާއި ޑީޕީވީ ފަދަ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްފައިވާނެކަމަށް ވަނީ ބުނެފަ އެވެ.
ޑޭން ޔޫރަޕުން ވަނީ މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލުމުގައި އެހީތެރިވެދިން ސަރުކާރުގެ މުއައްސަސާތަކަށާއި، ބޭރުގެ ޓީމުތަކަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މި ހާދިސާއާ ގުޅޭގޮތުން ޑޭން ޔޫރަޕްގެ ސީއީއޯ ލޯރާ މަރޯނީ އިޓަލީގެ ނޫހަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ޑައިވަރުންނަށް މި ހާދިސާ ކުރިމަތިވީ ކޭވްގެ ތެރޭގައި އުޅުމުގެ ތެރޭގައި މަގު އޮޅި، ކޮޅުބެދިފައިވާ ހަނި ބަޔަކަށް ވަދެވުމުންކަމަށް ބެލެވޭ ކަމަށެވެ. ހަތަރު ޑައިވަރެއްގެ ހަށިގަނޑު ފެނިފައިވަނީ ކޭވްގެ ތިންވަނަ ބައިގެ ތެރެއިންކަމަށާއި، އެއީ ނުކުމެވޭނެ މަގު އޮޅި ހާސްކަމުގެ ތެރޭގައި ވަދެވުނު ތަނެއްކަމަށް ވެސް ލަފާކުރި އެވެ.
ޑޭންގެ އޮޕަރޭޝަން ނިންމާލައި، ތަހުގީގަށް ބޭނުންވެދާނެ ހެކި ދިވެހި ފުލުހުންނާއި ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ