ދޫ ބަންދެއް ނުކުރެވޭނެ، ކުރިއަށްވުރެ ވެސް ވަރުގަދައަށް ޖައްސާނަން: ލީވާން

ރައީސް މުހައްމަދު މުއިއްޒުއަށް ކުރެވޭ ޖިންސީ ތުހުމަތުތަކުގެ ވާހަކަ ދެއްކުން ކޯޓު މެދުވެރިކޮށް މަނާ ކުރި ހަބަރު ލިޔެގެން ޖަލަށްލި އަދަދުގެ ލީވާން އަލީ ނާސިރު މިއަދު ޖަލުން މިނިވަންވެ، ދެން ކުރިއަށްވުރެ ވެސް ވަރުގަދައަށް މަސައްކަތް ކުރާނެ ކަމަށް ބުނެފި އެވެ. 
ހުޅުމާލޭ ޖަލު ކުރިމަތީ ނޫސްވެރިންނާ ވާހަކަ ދައްކަމުން ލީވާން ބުނީ ސަރުކާރުގެ މަގުދަސަކީ މިނިވަން ނޫސްވެރިން ނެތިކޮށްލައި، ނޫސްވެރިންގެ ދޫތައް ބަންދު ކުރުން ކަމަށެވެ. އެކަމަކު، އެކަން ވިޔަ ނުދޭނެ ކަމަށް އޭނާ ބުންޏެވެ. 
"މިއީ އަހަރުމެން ކުރިން ވެސް ދެއްކި ވާހަކަ. މި ސަރުކާރު ވެރިކަމަށް އައިސް ކޮންޓްރޯލް ބިލު ފާސްކޮށްގެން ސަރުކާރުން މި އުޅެނީ އަހަރުމެންގެ ދޫތައް ބަންދުކުރަން. އަހަރުމެން އެކަން ވިޔަކަ ނުދޭނަން. ޖަލަށް 10 ދުވަހަށް ލާފައި މި ނެރުނީ، ދެން ކުރިއަށް ވުރެ ވެސް ވަރުގަދައަށް ޖައްސާނަން،" ލީވާން ބުންޏެވެ. 
މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރުމެން ގޮޅިއަށް މި ލީ ކީއްވެގެންކަން އެންމެނަށް ވެސް އެނގޭ، ހަބަރެއް ލިޔެގެން، ސުވާލެއްކޮށްގެން. މިއަދު އަހަރުމެންނަށް މި ފެންނަނީ އަނެއްކާ ވެސް ކުރީގަ އޮތް ކަންކަން އިއާދަވަމުން އަންނަ ތަން. ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި އޮތް މިންވަރު މި އިނގެނީ. މިއަދު އެއްވެސް މީހަކަށް ނެތް ޔަގީންކަމެއް ތިމަންނަ ލިޔާ އެއްޗަކުން ޖަލަކަށް ނުލާނެއޭ،" އޭނާ ބުންޏެވެ. 
ލީވާންއާއެކު އަދަދުގެ މުހައްމަދު ޝަހުޒާން ވެސް ވަނީ ޖަލަށްލައިފަ އެވެ. ޝަހުޒާން ޖަލަށްލީ މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ސުވާލު ކުރުމުންނެވެ. އޭނާ ޖަލަށްލީ 15 ދުވަހަށެވެ.
ލީވާން އާއި ޝަހުޒާން ޖަލަށްލުމުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދިފާއު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއްތިހާދުވެ މަސައްކަތް ކުރައްވަން ފަށްޓަވައިފަ އެވެ. 
އޭގެ އިތުރުން، އެ ދެ ނޫސްވެރިން ދޫކޮށްލަން ގޮވާލައި ވެރި ރަށް މާލޭގައި ކޮންމެ ރެއަކު ދަނީ މުޒާހަރާ ވެސް ކުރަމުންނެވެ. އެ މުޒާހަރާގެ ތެރެއިން ފުލުހުން އިއްޔެ ޝަހުޒާންގެ ކޮއްކަ އާއި ބޮޑުދައިތަ ވެސް ހައްޔަރު ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ