އެލައިޑް ހުޅުމާލެ ރަން 2026 ކާމިޔާބުކަމާއެކު ނިންމާލައިފި

އެލީޓް ރަނާސް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ”އެލައިޑް ހުޅުމާލެ ރަން 2026“ ގިނަ އަދަދެއްގެ ދުވުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއަދު ބޭއްވި މި ދުވުމުގައި ދުވުންތެރިންނާއި، އާއިލާތަކާއި، އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރާ ގިނަ ބަޔަކު ބައިވެރިވެ، ވަރަށް ފޯރިގަދަ މާހައުލެއްގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ. ހުޅުމާލޭގައި ބޭއްވި މި އިވެންޓުގައި އެކި އުމުރުފުރާތަކާއި، ފިޓްނަސް ލެވެލްތަކުގެ މީހުންނަށް އަމާޒުކޮށްގެން އެއް މޭލުގެ ފެމިލީ ރަން، ފަސް ކިލޯމީޓަރުގެ ދުވުން، 10 ކިލޯމީޓަރުގެ ދުވުން، އަދި 21.1 ކިލޯމީޓަރުގެ ހާފް މެރަތަން ހިމެނުނެވެ.
ބައިވެރިންގެ ރައްކާތެރިކަމަށް އިސްކަންދީ، އެލައިޑް އިންސުއަރެންސްގެ ފަރާތުން ހުރިހާ ދުވުންތެރިންނަށް އެއްލައްކަ ރުފިޔާގެ ކޮމްޕްލިމެންޓްރީ ގްރޫޕް ޕާސަނަލް އެކްސިޑެންޓް ކަވާ ފޯރުކޮށްދީފައިވެއެވެ. މިއީ ބައިވެރިންނަށް އިތުރު ހިތްހަމަޖެހުމަކާއި ރައްކާތެރިކަމެއް ލިބިގެންދިޔަ ކަމެއްގެ ގޮތުގައި އެލައިޑުން ފާހަގަކުރެއެވެ.
މި އިވެންޓުގައި ވާދަވެރި ދުވުންތަކުން ވަނަވަނައަށް ދިޔަ ދުވުންތެރިންނަށް އިނާމު ހަވާލުކޮށްފައިވެއެވެ. 21.1 ކިލޯމީޓަރުގެ ހާފް މެރަތަންގެ ފިރިހެން ބައިން އެއްވަނަ މުހައްމަދު ޝިފާޒް، ދެވަނަ ޔޫސުފް އިބްރާހިމް، އަދި ތިންވަނަ ތިޓިވަޓް ކޫސަކުލް ހޯދާފައިވެއެވެ. އަންހެން ބައިން އެއްވަނަ ޕެޗަރަތް ޗްލާޑްޓޯއި، ދެވަނަ އައިޝަތު ޖިނާނީ އިބްރާހިމް، އަދި ތިންވަނަ އައިޝަތު ރިޝްމީ ހޯދާފައިވެއެވެ. މީގެ އިތުރުން 10 ކިލޯމީޓަރާއި ފަސް ކިލޯމީޓަރުގެ ދުވުންތަކުން ވަނަވަނައަށް ދިޔަ އެހެނިހެން ފަރާތްތަކަށް ވެސް ވަނީ އިނާމު ދީފައެވެ.
މި އިވެންޓް ނިންމާލާފައިވަނީ ހާއްސަ ރަސްމިއްޔާތަކާ އެކުއެވެ. މި ރަސްމިއްޔާތުގައި 10 ނަސީބުވެރި ފަރާތަކަށް ލަކީ ޑްރޯ މެދުވެރިކޮށް 2،000 ރުފިޔާގެ މަގުން އިނާމު ދީފައިވެއެވެ.
އެލައިޑް އިންސުއަރެންސުން ވަނީ މި އިވެންޓް ކާމިޔާބުކަމާއެކު ނިންމުމަށް އެހީތެރިވެދިން އެލީޓް ރަނާސް މޯލްޑިވްސް އާއި، ބައިވެރިންނާއި، ވޮލަންޓިއަރުންނާއި، ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ