ވޯލްޑް ކަޕް 2026: ފޯޑަން، ޕާމާ އަދި މެގުއާއަށް އިންގެންޑުގެ ސްކޮޑުން ފުރުސަތެއް ނެތް

މިއަހަރުގެ ހޫނުމޫސުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް އެކުލަވައިލި އިންގްލެންޑްގެ 26 ކުޅުންތެރިންގެ ސްކޮޑުން ފިލް ފޯޑަން، ކޯލް ޕާމާ އަދި ޓްރެންޓް އަލެކްސަންޑާ އާނޯލްޑަށް ޖާގަ ނުދޭން ނިންމައިފިއެވެ. މީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ ތަޖުރިބާކާރު ޑިފެންޑަރު ހެރީ މެގުއާ ވެސް ވަނީ ސްކޮޑުން ބާކީކޮށްފައެވެ. މި ނިންމުމާ ގުޅިގެން އުމުރުން 33 އަހަރުގެ މެގުއާ ބުނީ އޭނާއަށް ލިބުނީ ބޮޑު ސިހުމެއް ކަމަށާއި، މިކަމާ ވަރަށް ބޮޑަށް ދެރަވެ މާޔޫސްވެފައިވާ ކަމަށެވެ. ސްކޮޑުން ފުރުސަތު ހޯދި ކުޅުންތެރިންގެ ތެރޭގައި އެސްޓަން ވިލާއަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ފޯވާޑް އޮލީ ވަޓްކިންސް ހިމެނެއެވެ. އޭނާއާއެކު ސައުދީ ލީގުގެ އަލް އަހްލީއަށް މި ސީޒަނުގައި ކުޅުނު 32 މެޗުން 32 ގޯލު ޖެހި އިވާން ޓޯނީއަށް ވެސް ވަނީ ސްކޮޑުން ޖާގަ ދީފައެވެ. ނަމަވެސް، މި ސީޒަނުގެ ޕްރިމިއާ ލީގުގައި 14 ގޯލާއެކު އެންމެ ގިނަ ގޯލު ޖެހި އިނގިރޭސި މިޑްފީލްޑަރު، ނޮޓިންގްހަމް ފޮރެސްޓްގެ މޯގަން ގިބްސް ވައިޓްއަށް ސްކޮޑުން ޖާގައެއް ނުލިބުނެވެ. މެންޗެސްޓާ ސިޓީގެ ފޯޑަން އަދި ޗެލްސީގެ ޕާމާ އަށް މި ފަހަރު ފުރުސަތު ނުލިބުނީ މި ސީޒަނުގައި އެ ދެ ކުޅުންތެރިންގެ ކުޅުން އެއް ފެންވަރެއްގައި ހިފެހެއްޓިފައި ނުވުމުންނެވެ. ފޯޑަން ސިޓީއަށް 32 މެޗުން 7 ގޯލު ޖަހާފައިވާއިރު، އަނިޔާގެ މައްސަލަތައް ކުރިމަތިވި ޕާމާ ވަނީ ޗެލްސީއަށް 25 މެޗުން 9 ގޯލު ޖަހާފައެވެ. ޓުޗެލްގެ ސްކޮޑުން ފާހަގަކޮށްލެވޭ ބައެއް ނިންމުންތަކުގެ ތެރޭގައި، ނިއުކާސަލްގެ ޑަން ބާން އަދި މެންޗެސްޓާ ސިޓީގެ ޒުވާން ލެފްޓް ބެކް ނިކޯ އޯރެއިލީ ހިމެނެއެވެ. މީގެ އިތުރުން އާސެނަލްގެ ވިންގް ނޯނީ މަޑުއޭކޭ، ބުކާޔޯ ސާކާ، ޑެކްލަން ރައިސް އަދި އެބެރެޗީ އެޒޭ ވަނީ ސްކޮޑަށް ނަގާފައެވެ. ޓޮޓްނަމްގެ ޑިފެންޑަރު ޖެޑް ސްޕެންސް އަށް ސްކޮޑުން ޖާގަ ލިބުނުއިރު، ރެއާލް މެޑްރިޑްގެ ތަރި އަލެކްސަންޑާ-އާނޯލްޑް ވަނީ ބާކީވެފައެވެ. އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 11 ގައެވެ. މުބާރާތުގެ ކުރިން އިންގްލެންޑުން ނިއުޒީލެންޑް އަދި ކޮސްޓަރިކާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅޭނެއެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންގްލެންޑް ފުރަތަމަ މެޗުގައި ޖޫން 17 ގައި ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. ގްރޫޕްގެ އަނެއް ދެ މެޗުގައި ބައްދަލުކުރާނީ ގާނާ އަދި ޕެނަމާއާއެވެ. އިންގްލެންޑްގެ ވޯލްޑް ކަޕް ސްކޮޑު: ގޯލްކީޕަރުން: ޑީން ހެންޑަސަން، ޖޯޑަން ޕިކްފޯޑް، ޖޭމްސް ޓްރެފޯޑް ޑިފެންޑަރުން: ޑަން ބާން، މާކް ގޭހީ، ރީސް ޖޭމްސް، އެޒްރީ ކޮންސާ، ޓީނޯ ލިވްރަމެންޓޯ، ނިކޯ އޯރެއިލީ، ޖަރެލް ކުއާންސާ، ޖެޑް ސްޕެންސް، ޖޯން ސްޓޯންސް މިޑްފީލްޑަރުން: އެލިއަޓް އެންޑަސަން، ޖޫޑް ބެލިންގްހަމް، އެބެރެޗީ އެޒޭ، ޖޯޑަން ހެންޑަސަން، ކޮބީ މައިނޫ، ޑެކްލަން ރައިސް، މޯގަން ރޮޖާސް ފޯވާޑުން: އެންތަނީ ގޯޑަން، ހެރީ ކޭން، ނޯނީ މަޑުއޭކޭ، މާކަސް ރެޝްފޯޑް، ބުކާޔޯ ސާކާ، އިވާން ޓޯނީ، އޮލީ ވަޓްކިންސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ