ހަތަރު ޑައިވަރުންގެ ހަށިގަނޑު މިރޭ ފަތިހު އިޓަލީއަށް ފޮނުވާލަނީ

ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައެއްގެ ތެރޭގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އިޓަލީވިލާތުގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު މިރޭ ފަތިހު އެ ގައުމަށް ފޮނުވާލުމަށް ނިންމައިފިއެވެ. މި ހިތާމަވެރި ހާދިސާގައި ޖުމްލަ ފަސް އިޓަލީ މީހުންނާއި ދިވެހި ސިފައިންގެ ޑައިވަރަކު ވަނީ މަރުވެފައެވެ. https://sun.mv/222283 "ސަން" އަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، އެ ހަތަރު މީހުންގެ ހަށިގަނޑު ވެސް މިރޭ ފަތިހު އިޓަލީވިލާތަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ގައުމުގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު، އޭގެ ރިޕޯޓް ރާއްޖޭގެ ތަހުގީގު ޓީމާއި ހިއްސާކުރާ ގޮތަށް ނިންމާފައިވާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ. "އެ ހަތަރު މީހުންގެ ހަށިގަނޑު ވެސް މިރޭ ފަތިހު އިޓަލީވިލާތަށް ފޮނުވާލުމަށް ވަނީ ހަމަޖެހިފަ. އަދި އެ ގައުމުގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު، އޭގެ ރިޕޯޓް ރާއްޖޭގެ ތަހުގީގު ޓީމާއި ހިއްސާކުރާ ގޮތަށް ވަނީ ނިންމާފައި،" މުންދު ވިދާޅުވިއެވެ. މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ކަނޑުގެ އަޑިން ނެގީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އަދި ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނަގާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. https://sun.mv/222348 މި މީހުންގެ ހަށިތައް ފެނިފައި ވަނީ އެމީހުން ޑައިވް ކުރި ކޭވްގެ ތެރެއިންނެވެ. މި އޮޕަރޭޝަންގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ އިތުރުން އިޓަލީ ސަރުކާރުން ހަމަޖެއްސި ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ބައިވެރިވިއެވެ. ޑޭން ޔޫރަޕުން ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަން ނިންމާލުމުގެ ގޮތުން އިއްޔެ ވަނީ އެންމެ ފަހު ޑައިވް ކުރިއަށް ގެންގޮސްފައެވެ. މި ޑައިވްގެ މައިގަނޑު ބޭނުމަކީ ހޮހަޅައިގެ ތެރޭގައި ހުރި ތަކެތި ސާފުކުރުމާއި، ތަޙުގީގަށް ބޭނުންވެދާނެ އިތުރު ހެކިތަކެއް ހުރިތޯ ބަލައި އެތަކެތި ހޯދުމެވެ. މިގޮތުން ހޯދި ހުރިހާ ހެކިތަކެއް މިހާރު ވަނީ ދިވެހި ފުލުހުންނާ ހަވާލުކޮށްފައެވެ. https://sun.mv/222371 މި ހާދިސާއާ ގުޅިގެން އިޓަލީ ސަރުކާރުން ވެސް ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު، ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ވެސް ދަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ