ފާޑުކިޔުން އަމާޒުވުމުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ މުސާރަ ކުޑަކޮށްފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސްގެ މަގާމު ފުރާ ބޭފުޅުންގެ މުސާރަ މިދިޔަ ބުދަ ދުވަހު ބޮޑު ކުރުމުން އަމާޒުވި ފާޑުކިޔުމަށްފަހު އެ މެންބަރުންގެ މުސާރަ ކުޑަކޮށްފި އެވެ. 
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ލިބޭ މުސާރަ ނެޝަނަލް ޕޭ ކޮމިޝަނުން ކަނޑައެޅީ މިދިޔަ ބުދަ ދުވަހެވެ. އެއިރު ނިންމީ ކޮމިޓީގެ ރައީސުންނަށް 21،000 ރުފިޔާ ދިނުމަށެވެ. އަދި ސިޓީތަކުގެ ހިމެނޭ ކޮމިޓީގެ ރައީސްއަކަށް 41،500 ރުފިޔާ ދިނުމަށް ވެސް ކޮމިޝަނުން ކަނޑައެޅި އެވެ. 
އެކަމަކު މިއަދު އެ ނިންމުން ބަދަލުކޮށް ރަށްރަށުގެ ކޮމިޓީގެ ރައީސުންނަށް 15،000 ރުފިޔާ އަދި ސިޓީތަކުގެ ކޮމިޓީގެ ރައީސުންނަށް 20،000 ރުފިޔާ ދިނުމަށް ޕޭ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. 
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށް ލިބޭނީ 5،000 ރުފިޔާ އެވެ. އަދި ސިޓީއެއްގެ ކޮމިޓީއެއް ނަމަ މެންބަރުންނަށް 6،000 ރުފިޔާ ދިނުމަށް ވެސް ޕޭ ކޮމިޝަނުން ވަނީ ހަމަޖައްސައިފަ އެވެ. އެ މުސާރަތަކަކަށް ބަދަލެއް ނުގެނެ އެވެ.
މީގެ ކުރިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރައަކީ މިހާރު އާންމު މެންބަރުންނަށް ހަމަޖެއްސި މުސާރަ އެވެ. އެ މުސާރަތައް ކުޑަވެގެން މީގެ ކުރިން ކޮމިޓީތަކުގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 
އެންމެ ބޮޑު މައްސަލައަކަށްވީ، ފުލްޓައިމް ވަޒީފާއެއްގެ ގޮތުގައި މަސައްކަތް ކުރެވޭ އަދަދަށް ކޮމިޓީ މެންބަރުންނަށް މުސާރަ ނުލިބުމެވެ. އެހެންވެ، ކޮމިޓީ މެންބަރުންގެ މުސާރަ ބޮޑުކުރަން ކުރިން ވެސް އޮތީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ