މާލޭ ޓެކްސީގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ ގޮތުން ތައްޔާރުކުރި ޚާއްޞަ މޯބައިލް އެޕްލިކޭޝަން " މާލެ ޓެކްސީ" އިފްތިތާޙުކޮށް، ބޭނުންކުރަން ފަށައިފިއެވެ.
މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ފެށި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ޚިދުމަތް ފެށީ ޓެކްސީ ބުކް ކުރުމުގެ އިންތިޒާމު ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހޯދޭ ގޮތަށެވެ. ނަމަވެސް، ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން މިހާރު ވަނީ "މާލެ ޓެކްސީ"ގެ ނަމުގައި ފަރުމާކޮށްފައިވާ މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ދަތުރުތަކަށް ހޯދުމުގެ އިތުރުން، ދުރާލާ ދަތުރުތައް ތާވަލު ކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވާ ގޮތުގައި، ދަތުރުތައް ކުރިއާލާ ތާވަލުކުރެވޭނީ އެ ދަތުރެއް ފެށުމުގެ މަދުވެގެން 3 ގަޑިއިރު ކުރިންނެވެ.
ދަތުރުތަކަށް ފައިސާ ދެއްކުމުގައިވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އެޕްލިކޭޝަންގައިވާ "ވޮލެޓް" އަށް ފައިސާ ޖަމާކޮށްގެންނާއި، ބޭންކް ގޭޓްވޭ މެދުވެރިކޮށް ކާޑުން ފައިސާ ދެއްކުމުގެ އިތުރުން، "ސްކޭން އެންޑް ޕޭ" ގެ ޚިދުމަތްވެސް ބޭނުންކުރެވޭނެއެވެ. އަދި ކޮށްފައިވާ ދަތުރުތަކާއި ތާވަލުކޮށްފައިވާ ދަތުރުތަކުގެ ތަފްޞީލުވެސް އެޕްލިކޭޝަނުން ފެންނަން ހުންނާނެއެވެ.
މީގެ އިތުރުން ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުން، ކުއްލި ޙާލަތްތަކުގައި ބޭނުންކުރެވޭނެ "އިމަޖެންސީ ފީޗަރ" އެއްވެސް މި އެޕްލިކޭޝަންގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން، އެޕްލިކޭޝަން މެދުވެރިކޮށް ޑްރައިވަރަށް ގުޅުމާއި މެސެޖުކުރުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ޓެކްސީ ތެރޭގައި އެއްޗެއް ބޭއްވިފައިވާނަމަ، އެޕްލިކޭޝަން މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
އެމްޓީސީސީން ވިދާޅުވީ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކުރި ނަމަވެސް، ކުރިއެކޭވެސް އެއްފަދައިން ވެބްސައިޓް މެދުވެރިކޮށާއި "މާލެ ޓެކްސީ" ގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ޓެކްސީ ބުކް ކުރުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލެވިފައިވާނެކަމަށެވެ.
"މާލެ ޓެކްސީ" އެޕް މެދުވެރިކޮށް މިހާރު ޓެކްސީ ހޯދޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ