އެންމެ ރަނގަޅު އޭޝިއާގެ މުއާސަލާތީ ކުންފުނީގެ އެވޯޑެއް ދިރާގަށް

'ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2026'ގައި، 'ޓެލްކޯ އޮފް ދަ އިޔާ، ސްމޯލް މާކެޓްސް'ގެ އެވޯޑު ދިރާގުން ކާމިޔާބުކޮށްފި އެވެ.
ތަފްސީލް - މިއީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނީގެ ގޮތުގައި ދިރާގުން ދަމަހައްޓަމުން އަންނަ މަގާމު އިތުރަށް ކަށަވަރުވެ، އެ ކުންފުނީގެ ހިދުމަތުގެ ފެންވަރު ބައިނަލްއަގުވާމީ މައިދާނުގައި ހާމަވެގެންދިޔަ ކާމިޔާބީއެކެވެ.
މި އެވޯޑަކީ ޑިޖިޓަލް އީޖާދުތަކާއި ނެޓްވޯކްގެ ފެންވަރު ރަނގަޅުކުރުމާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ތަޖުރިބާ ހަރުދަނާކުރުމުގެ އިތުރުން، ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ބައްޓަންކުރުމަށް ދިރާގުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު މުހިންމު ކާމިޔާބީއެކެވެ.
އޭޝިއާގެ ކުރިއަރަމުން އަންނަ އަދި ކުދި މާކެޓްތަކަށް ހިދުމަތް ދޭ މުއާސަލާތީ ގިނަ ކުންފުނިތަކާ ވާދަކޮށް ދިރާގަށް މި އެވޯޑު ހާސިލުކުރުމަކީ، ދިރާގުން މި ސިނާއަތުގައި ކުރަމުންދާ މުހިންމު މަސައްކަތްތައް ހާމަކޮށްދޭ ކަމެކެވެ.
ބުނީ ކީކޭ؟ - ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ މި އެވޯޑުން ރަމްޒު ކޮށްދެނީ ދިރާގުން ރާއްޖޭގެ މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގައި ސާބިތުކަމާ އެކު ހޯދަމުން ގެންދާ ކުރިއެރުންތަކާއި ކަސްޓަމަރުން ކުރާ އިތުބާރާއި ދިރާގު ޓީމުގެ މިންނަތް މަސައްކަތް ކަމަށެވެ.
"ވަކިން ހާއްސަކޮށް ވޭތުވެދިޔަ އަހަރު ދިރާގުން ރާއްޖޭގެ މުއާސަލާތީ ތާރީހުގައި މުހިންމު ލަނޑު ދަނޑިއެއް ހާސިލްކޮށް، މީހުން އުޅޭ ހުރިހާ ރަށެއްގައި ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީ ނިންމުމާ އެކު މިއަދު މިވަނީ ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް މޯބައިލް އަދި ހައިސްޕީޑް ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ފައިބަ މެދުވެރިކޮށް ހުރިހާ ޑިޖިޓަލް ހިދުމަތްތަށް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދެވިފައި،" އޭނާ ވިދާޅުވި އެވެ.
"މި އެވޯޑް މިއަހަރު ލިބުމަކީ އަޅުގަނޑުމެންގެ މި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ތަރުހީބެއް އަދި އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް.''
އެނގުން މުހިންމު - ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްއަކީ އޭޝިއާ ސަރަހައްދުގެ މުއާސަލާތީ އަދި ޓެކްނޮލޮޖީގެ ދާއިރާގެ ކުންފުނިތަކަށް އީޖާދީ އާ ކަންކަމާއި މާލީ ކުރިއެރުމާއި ކަސްޓަމަރުންގެ ތަޖުރިބާ ފުރިހަމަކުރުމުގެ އިތުރުން ޑިޖިޓަލް ކުރިއެރުންތަކުގައި ހޯދަމުންދާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމަށް ދޭ އެވޯޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ