ކުޑަރަށް ރިސޯޓް 17.25 މިލިއަން ޑޮލަރަށް ވިއްކާލަނީ

ސްރީ ލަންކާގެ ހޭލީސް ކުންފުނިން އެ ގްރޫޕުގެ ދަށުން ރާއްޖޭގައި ހިންގާ 'އެންއެޗު މޯލްޑިވްސް ކުޑަރަށް ރިސޯޓް' 17.25 މިލިއަން ޑޮލަރަށް (266 މިލިއަން ރުފިޔާ)އަށް ވިއްކާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.ކުޑަ ރަށް އައިލެންޑް ރިސޯޓު މޯލްޑިވްސްގެ ނަމުގައި ހިންގި އެ ރިސޯޓު ހޭލީސް އިން 2016 ވަނަ ގަތީ 23 މިލިއަން ޑޮލަރު (355 މިލިއަން ރުފިޔާ) އަށެވެ. އެހެންވެ، އެ ރިސޯޓު ވިއްކާލަން ހުށަހެޅި އަގަކީ ހޭލީސް އިން އެ ރިސޯޓު ގަތް އަގަށް ވުރެ ހަ މިލިއަން ޑޮލަރު (93 މިލިއަން ރުފިޔާ) ކުޑަ އަގެކެވެ.އެ ކުންފުނީގެ ފުރަތަމަ ކުއާޓާގެ މާލީ ހިސާބުތަކުގައިވާ ގޮތުން ހޭލީސްއިން އެ ރިސޯޓު ވިއްކާލަން ނިންމާފައިވަނީ ރާއްޖޭގައި ހިންގާ ބޮހީމިއަ ލަގްޒަރީ ރިސޯޓަށެވެ. އެކަމާ ގުޅޭ އެއްބަސްވުން އެ ދެ ކުންފުނިން ހެދީ މި އަހަރުގެ ފެބްރުއަރީ 3 ވަނަ ދުވަހު އެވެ.ހޭލީސް އިން ލަންކާގައި ހޮޓާ ހިންގާ 'އަމާޔާ' ބްރޭންޑުގެ ދަށުން ކުރިން ހިންގި ކުޑަރަށް މިހާރު ވަނީ ތައިލެންޑުގެ މައިނާ ހޮޓެލްސްގެ ޕޯޓްފޯލިއޯގެ ދަށަށް ބަދަލުކޮށް، 'އެންއެޗު ހޮޓެލްސް އެންޑް ރިސޯޓްސް' ބްރޭންޑުގެ ދަށުން 'އެންއެޗު މޯލްޑިވްސް ކުޑަރަށް ރިސޯޓު'ގެ ނަމުގައި ހިންގަން ފަށާފަ އެވެ.ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓް ހިންގާ މައިނާ ހޮޓެލްސް އިން މި ރިސޯޓު އެންއެޗު ބްރޭންޑުގެ ދަށުން ހުޅުވީ 1 ސެޕްޓެމްބަރު 2024ގަ އެވެ. މިއީ މި ބްރޭންޑް އިންޑިއާ ކަނޑުގެ ސަރަހައްދަށް ތައާރަފުވި ފުރަތަމަ ފަހަރެވެ.މިދިޔަ އަހަރު ހޭލީސްއަށް ޖުމްލަކޮށް ވެސް ވަނީ 3.7 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެފަ އެވެ. އެ ކުންފުނިން ލަންކާގެ އެކި ސަރަހައްދުތަކުގައި އަންނަނީ 11 ހޮޓާ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ