އަމާޒަކީ ރައްޔިތުންގެ އާމްދަނީ ދެގުނަ ކުރުން: ނަޝީދު

ސަރުކާރުން ނަގާފައިވާ ދަރަނިތައް ދެއްކުމަށް ދައުލަތުން ގެންގުޅޭ ވިސްނުމަކީ ރައްޔިތުންގެ އަތުން ނަގާ ފީތަކާއި ޓެކްސްތައް ބޮޑުކުރުން ކަމަށް ވިޔަސް، އެމްޑީޕީގެ އަމާޒަކީ ރައްޔިތުންގެ އާމްދަނީ ދެގުނަ ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނަށް މިއަދު ށ. ކަނޑިތީމަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ބުނީ ކީކޭ؟ - ދައުލަތަށް ނުކަތާ މިންވަަރަށް ބޭރުން ލޯނު ނެގުމުގެ ކަންބޮޑުވުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖެއިން ބޭރުން ލޯނު ނަގަމުން ގޮސް، ވަރަށް ގިނަ ހަރުމުދާ ރާއްޖޭގައި އުފެއްދިފައިވާ ކަމަށާއި މިއަދު އޮތީ އެ ލޯނުތައް ދެއްކުން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ:
އެ ލޯނު ދެއްކުމަށްޓަކައި ބޭނުންކުރަންޖެހިފައިވަނީ ލޯނު ނަގައިގެން އުފެއްދި މުދަލުގެ މަންފާ އާއި ފައިދާ
އެކަމަކު މިއަދު ރާއްޖެ މިއޮތީ އެ ހާލަތުގައި ނޫން ކަމަށާއި ލޯނު ނަގައިގެން ހިންގާ އުމްރާނީ މަޝްރޫއުތަކުން ވެސް ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް މާލީ މަންފާއެއް ނުލިބޭ
އާއްމު ގޮތެއްގައި އުމްރާނީ މަސައްކަތްތަކުން ފައިދާއެއް ލިބެން ހަތް ވަރަކަށް އަހަރު ނަގާއިރު، އެކަމަށްޓަކައި ނަގާ ލޯނު ފަސް އަހަރު ތެރޭ ދައްކަންޖެހޭތީ، އޭގައި ހަމަނުޖެއްސޭނެ ފަރަގުތަކެއް އުޅޭ 
އެ ފަރަގަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް؛ އޭގެ ސަބަބުން ރާއްޖެ އަނެއްކާވެސް ފަގީރު ގައުމުތަކުގެ ލިސްޓަށް ވެއްޓިދާނެ ކަމުގެ ބިރުވެރިކަން ބޮޑު
އެ ދަރަނިތައް ދައްކަން ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ޓެކްސް ނުވަތަ އެހެން ވެސް ފީތައް ބޮޑުކޮށްގެން ރައްޔިތުންނާއި ވިޔަފާރިވެރިންގެ އަތުން އެ ފައިސާ ހޯދުން؛ އެކަމުގެ ސަބަބުން ރައްޔިތުންނަށް ނިކަމެތިކަން ލިބޭ
މިއާ ހިލާފަށް، އެމްޑީޕީގެ ވިސްނުމަކީ ރައްޔިތުންނަށް ލިބޭ އާއްމުދަނީ ދެގުނަ ކުރުމުގެ ވިސްނުން
"އަޅުގަނޑުގެ އަމާޒަކީ، އެމްޑީޕީގެ ބޭނުމަކީ، މިއަދު ދިވެހި ރައްޔިތުންނަށް، ދިވެހި އާއިލާތަކަށް މިލިބޭ އާއްމުދަނީ ދެގުނަ ކުރުމުގެ ސިޔާސަތުތަކެއް ގާއިމުކުރުން. އެ ދެގުނަ ކުރުން ކޮންމެހެން ބޭނުންތެރި. އެއީ އެ ދެގުނަކޮށްގެން ލޯނު އަދާކުރެވޭނީ. އެހެން ބަސްތަކުން ބުނާ ނަމަ މި މަސައްކަތަށް ކިޔަނީ ޓެކްސް އިތުރުކުރުމުގެ ބޭނުމުގައި ޓެކްސްގެ ބޭސް އިތުރުކުރުން،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް މީގެ ކުރިން ކުރައްވާފައިވާ ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އެ މަސައްކަތް ކުރައްވަން ކަމަށާއި އެ މަނިކުފާނުގެ ޗެއާކަމުގައި އެމްޑީޕީގެ ތެރޭގައި ޕްރޮޖެކްޓު ޑިޕާޓުމަންޓެއް އުފައްދާނެ ކަމަށެވެ.
އެ ޑިޕާޓުމަންޓުން ކުރާނެ ކަމަކީ، ކައުންސިލުތަކާ އެކު ރަށްރަށަށް ބޭނުންވާ  މަޝްރޫއުތައް އެކުލަވާލައި ފީސިބިލިޓީ ހެދުން ފަދަ ކަންކަމުގައި ކައުންސިލުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވި ގޮތުން:
ސަރުކާރުން ކައުންސިލުތަކަކަށް އެއްޗެއް ނުދޭނެ؛ ލޯނު އަނބުރާ ދައްކާފައި ދޭނެ އެއްޗެއް ވެސް ނެތީ
ރައީސް މުހައްމަދު މުއިއްޒުގެ ކިބައިގައި ރާއްޖެ ބަގުރޫޓުނުވެ ސަލާމަތްކުރެވޭނެވަރުގެ ގާބިލުކަމެއް ނެތް އަދި އެފަދަ ވިސްނުމެއް ވެސް ނެތް؛ އެބާވަތުގެ ކަންކަމަށް ވިސްނާއުޅުނު މީހުން މިހާރު ތިބީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކު ސަރުކާރާ ދުރުވެފައި
އެކަން ކުރެވޭނެ ހަމައެކަނި ބަޔަކީ އެމްޑީޕީ؛ މި މަަަސައްކަތްކުރަން މުޅި އެމްޑީޕީ ނިކުމެ އެއް އަމާޒެއްގައި ތެދުވަންޖެހޭ
"މަންޒިލު އަޅުގަނޑުމެން މިތިބީ ކަނޑައަޅައިގެން. އެ މަންޒިލަކީ އާމްދަނީ ދެގުނަ ކުރުން. ހަގީގަތުގައި މަންޒިލަކީ ފަގީރުނުވުން. ތަނަވަންސްވާން މި ޖެހެނީ ތިބޭފުޅުންގެ ތަނަވަސްކަން ހޯދައިގެން. ނޫނީއްޔާ މި ދައުލަތަކަށް ފައިސާ އަނބުރައެެއް ނުދެއްކޭނެ. ފައިސާ އަނބުރާ ދެއްކެން އޮތް ގޮތަކީ ތިބޭފުޅުންގެ ތަަނަވަސްކަން،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ