ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރާ މަސައްކަތަށް ބައެއް މެމްބަރުންގެ ފަރާތުން ހުރަސްތަކާއި، އުނދަގޫތައް ކުރުމަތި ކުރުވުމުން އެކަމާ ހިތާމަ ކުރައްވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފޮއްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މެމްބަރުންގެ ފަރާތުން އެއްބާރުލުމެއް ނުލިބޭކަމަށް ރައީސް އެ ފާހަގަކުރެއްވީ، މަޖިލީހުގެ އިދިކޮޅު މެމްބަރުންނާއި ގުޅޭގޮތުންނެވެ. އަދި ނ. އަތޮޅަށް ބަލާއިރު ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްއާއި ގުޅޭގޮތުންނެވެ.
ރައީސްގެ ވާހަކަފުޅުގައި އެންމެ ފުރަތަމަ އަލިއަޅުއްވާލެއްވީ، ރަށުގެ ތަރައްގީއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެވެ. އެއަށް ފަހު ބައެއް ދަތިތައް ދިމާވާތީ އެކަން ފާހަގަކުރެއްވި އެވެ.
ފޮއްދޫއަކީ އަތޮޅުގެ އެހެން ރަށްތަކާއި ބަލައި އާބާދީ ކުޑަ ރަށެއް ނަމަވެސް، އަޅާނުލައި ދޫކޮށްލަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރުން ބޭނުން ވަނީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއި އެކު ހިދުމަތް ދިނުމަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއަދު ރަށުގައި އެކިއެކި މަޝްރޫއުތައް ފެށިގެން ދިއުމަކީ އޭގެ ހެއްކެއްކަމަށެވެ.
ރަށަށް ދިމާވެފައި އޮތް ބަނދަރުގެ މައްސަލައަށް އަހަރުތަކެއް ވެގެން ދިޔައިރު ވެސް އެއްވެސް ސަރުކާރަކުން ހައްލު ކުރުމަށް މަސައްކަތްކޮށްފައި ނެތުމުން އެކަމާ ހިތާމަކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް މިއަދު ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފެށިގެން ދިއުމަކީ ޒަމާންތަކެއް ވަންދެން ރައްޔިތުން އުފަލަމުން އައި ތަކުލީފުތައް ނިމުމަކަށް އައުންކަމުގައި ރައީސް ވިދާޅުވި އެެވެ.
ފޮއްދޫގެ ސިއްހީ މަރުކަޒު ތަރައްގީވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން އައުމަކީ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެދުންކަމަށް ރައީސް ވިދާޅުވި އެވެ. ބޭސްފަރުވާއަށް ރަށުން ބޭރަށް ދާން ޖެހުމަކީ، އުނދަގޫކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއަދު އައު އިމާރާތުގެ ބިންގާ އެޅުމާއި އެކު ބޭނުންވާ ވަސީލަތްތައް ވެސް ގެނެވޭނެކަމަށެވެ. އަދި އެ މަސައްކަތް ކުރިޔަށްދާ މުއްދަތުގެ ތެރޭގައި ވެސް ބޭސްފަރުވާގެ ރަނގަޅު ހިދުމަތެއް ދެވިގެންދާނެކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސްގެ ނ. އަތޮޅުގެ ދަތުރުފުޅުގެ ތެރެއިން ފުލުހުންގެ މަރުކަޒު ގާއިމުވެފައި ނެތް ރަށްތަކުގައި، ސްޓޭޝަންގެ ބިންގާ އަޅުއްވާދެއްވައިވެއެވެ. އެގޮތުން މިއަދު ފޮއްދޫގައި ވެސް ފުލުސް ސްޓޭޝަންގެ ބިންގާ އެޅިއިރު އެކަން ފާހަގަކޮށް ރައީސް ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ 2026 ގެ ނިޔަލަށް ހުރިހާ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ގާއިމުވެފައި ހުރުމެވެ.
ރަށެއްގެ ފެންވަރުން ތަރައްގީ ގެނެވޭ އެންމެ ބޮޑު އެއް ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާކަމަށްވުމާއި އެކު ސަރުކާރުން ކުރަން ޖެހޭ މަސައްކަތްތައް ހުންނާނެކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ރަށުގެ ރައްޔިތުންނަށް ވެސް ދަތުރުފަތުރު ކުރުމުގެ ލުއިފަސޭހަތައް ލިބެން ޖެހޭކަމަށް ގަބޫލު ކުރައްވާތީ ނ. އަތޮޅުގެ ފަޅެއްގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އިއުލާނު ކުރައްވާފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ދެން ރައީސް ފާހަގަކުރެއްވީ ސަރުކާރުން ކުރަމުން ގެންދާ ބައެއް މަސައްކަތްތަކަށް އެ ދާއިރާގެ މެމްބަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބުމެވެ. ސަރުކާރުގެ ނިންމުންތަކަށް ހުރަސްތައް ކުރުމަތި ކުރުވައި މެމްބަރުގެ ފަރާތުން އެކި އުނދަގޫތައް ދިމާވާކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގުޅިގެން މަސައްކަތް ކުރުމަށް ބޭނުންވީ ނަމަވެސް، ދާއިރާތަކުގެ ކަންކަމުގައި އެމަނިކުފާނު އަރިހަށް އެމްޑީޕީގެ މެމްބަރުން ވަޑައިނުގަންނަވާ ކަމަށެވެ. އެކަމުގައި މައްސަލައެއް ނެތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ މެމްބަރުންގެ ފަރާތުން ގިނަ ފަހަރަށް އުނދަގޫތައް ދިމާނުވާތީ މަސައްކަތް ކުރުމަށް ފަސޭހަކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ވެސް އެ ރަށްރަށުގައި ތަންފީޒު ކުރެވޭކަމަށް ރައީސް ވިދާޅުވި އެވެ.
އައްބާސް އިސްކުރަނީ ސިޔާސީ ހިޔާލުތަފާތުވުން، ދާއިރާގެ ކަންކަމުގައި އެއްބާރުލުން ނުލިބޭ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ