ކެރަމް ވޯލްޑް ކަޕުން ރާއްޖޭގެ އަންހެން ޓީމަށް ތާރީހީ ކާމިޔާބެއް ކެރަމް ވޯލްޑް ކަޕުން ރާއްޖޭގެ އަންހެން ޓީމަށް ތާރީހީ ކާމިޔާބެއް

މިހާރު ރާއްޖޭގައި ކުރިއަށްދާ ހަތް ވަަނަ ކެރަމް ވޯލްޑް ކަޕްގެ ޓީމު އިވެންޓްގެ ފައިނަލުގައި ވާދަކޮށް، ރާއްޖޭގެ އަންހެން ކެރަމް ޓީމުން ރިހި މެޑަލް ހޯދައި ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ.
ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ ކެރަމް ވޯލްޑް ކަޕްގައި މިރޭ ރާއްޖޭގެ އަންހެން ކެރަމް ޓީމުން މި ހޯދީ، ކެރަމް ވޯލްޑް ކަޕްގެ ތާރީހުގައި ޓީމް އިވެންޓްގައި ރާއްޖޭގެ ޓީމަކުން ހޯދި އެންމެ ބޮޑު ކާމިޔާބެވެ. މިދިޔަ އަހަރު އެެމެރިކާގެ ކެލިފޯނިއާގައި ކުރިއަށްދިޔަ ހަ ވަނަ ކެރަމް ވޯލްޑް ކަޕްގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމު ވެސް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. މި ފަހަރު އަންހެން ޓީމުން އެ ދަރަޖަ މައްޗަށް ޖެހިލައި ރިހި މެޑަލް ހޯދިިއިރު، ފިިރިހެން ޓީމުން ލޯ މެޑަލް މެޗުގައި، ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ.
ރާއްޖޭގެ އަންހެން ޓީމު ވަނީ މުބާރާތުގެ ޓީމް އިވެންޓްގެ ފައިނަލުގައި ކުޅުނު ޑަބަލްސް މެޗުގައި އިންޑިއާގެ މިތްރާ އާއި ކާޖަލް ކުމާރީގެ ޕެއާ ވަނީ، ރާއްޖޭގެ އައިޝަތު ނަހުފާ އާއި ފާތިމަތު ރަޔާނާ އަތުން 2-1 ސެޓުން މޮޅުވެފަ އެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-8 އިން އިންޑިއާގެ ޕެއާ ގެންގޮސްފައިވަނިކޮށް، 17-13 އިން ނަހުފާ އާއި ރަޔާނާ ވަނީ ކުރިހޯދައިފަ އެވެ.
އެ އަށް ފަހު، ދެން ކުޅެވުނު ތިން ވަނަ ސެޓުގައި އިންޑިއާގެ ޕެއާ ވަނީ 25-5 އިން ކާމިޔާބުކޮށްފަ އެވެ. ސިންގަލްސް ފުރަތަމަ މެޗުގައި އިންޑިއާގެ ހާޒިމާ ވަނީ 24-8، 25-8 އިން ރާއްޖޭގެ އައިމިނަތު ވިދާދް އަތުން މޮޅުވެފައެވެ. ސިންގަލްސް ދެ ވަނަ މެޗުގައި އިންޑިއާގެ ކީރްތަނާ ވަނީ ރާއްޖޭގެ އައިޝަތު ފައިނާޒް ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. މި މެޗުން ކީރްތަނާ މޮޅުވީ 24-6، 25-1 އިންނެވެ.
އަންހެން ޓީމުން ވަނީ، ސެމީ ފައިނަލުގައި، އެމެރިކާއާ ދެކޮޅަށް ކުޅުނު ތިން ގޭމުގެ ތެރެއިން ފުރަތަމަ ދެ ގޭމް ކާމިޔާބުކޮށްފަ އެވެ. އެ ގޮތުން، މި މެޗުގައި، ކުޅުނު ސިންގަލްސް ފުރަތަމަ މެޗުގައި، ފައިނާޒް ވަނީ ސީދާ ދެ ސެޓުން އެމެރިކާގެ ވައިދެހީ ކަދަމް ބަލިކޮށްފަ އެވެ. މި މެޗުން ފައިނާޒް މޮޅުވީ 25-11، 25-0 އިންނެވެ. ޑަބަލްސް ފުރަތަމަ މެޗުގައި ނަހުފާ އާއި ރަޔާނާގެ ޕެއާ ވަނީ ފަސޭހަކަމާ އެކު އެމެރިކާގެ އުމާމަހޭޝްވަރީ އާއި ތޭޖަސްވީގެ ޕެއާ ބަލިކޮށްފަ އެވެ. މި މި މެޗުން ނަހުފާ އާއި ރަޔާނާގެ ޕެއާ މޮޅުވީ 23-4، 25-0 އިންނެވެ.
މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި 17 ގައުމަކުން 150 އަށް ވުރެން ގިނަ ކުޅުންތެރިން ވާދަކުރެ އެވެ. ރާއްޖޭން އެންމެ ފުރަތަމަ ކެރަމް ވޯލްޑް ކަޕް ހޯސްޓްކުރީ، 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ