ސްޓެލްކޯއަށް އިދާރާތަކުން ދަރައިފައި އޮތް ފައިސާ ނުލިބި، ދެން ދަނީ ތެޔޮ ގަންނަން ލާރި ނެތް ހިސާބަށް: ޔާމީން
އެއްވެސް ވުޒާރާއެއް ނުވަތަ ސަރުކާރުގެ މުއައްސަސާއެއް ހިންގާ ތަނަކުން، ފައިސާ ނުދެއްކި ނަމަވެސް، ސްޓެލްކޯއިން ކަރަންޓު ނުކަނޑާނެކަމަށާއި، އެންމެފަހުން ދާނީ ތެޔޮ ގަންނަން ފައިސާ ނޯންނަ ހިސާބަށް ކަމަށް ކުރީގެ ރައީސް ޢަބްދުالله ޔާމީން މިރޭ ވިދާޅުވެއްޖެއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ސަން'އިން ވަނީ ސަރުކާރުގެ އެކި އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ކުންފުނިތައް ހިމެނޭހެން ސްޓެލްކޯއަށް މިދިޔަ އޮކްޓޫބަރު 27 ގެ ނިޔަލަށް ނުލިބި ހުރި ފައިސާގެ ތަފުސީލު ހޯދަން އެދިފައެވެ. https://sun.mv/214855 އެކަމަކު، ސްޓެލްކޯއިން ނިންމާފައިވަނީ އެ މައުލޫމާތު ހާމަކުރުމުން ވިޔަފާރީގެ މަސްލަހަތަށް އަސަރުކޮށް، އުނިކަމެއް އަތުވެދާނެތީ ހާމަކުރެވެން ނެތް ކަމަށެވެ. އެހެންވެ، އެ ކުންފުނިން އެ މައުލޫމާތު ފޯރުކޮށްދީފައެއް ނުވެއެވެ. ހަމައެހެންމެ ސްޓެލްކޯއިން ވެސް ބައެއް ކުންފުނިތަކަށް ދައްކަން ޖެހޭ ބޮޑެތި ބިލްތަކެއް ނުދައްކާ އެބަހުއްޓެވެ. އެނގިފައިވާ ގޮތުގައި ބިލުތަކަށް ފައިސާ ނުލިބުމުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ސްޓެލްކޯއަށް ވެސް މާލީ ގޮންޖެހުންތައް އެބަހުއްޓެވެ. ޕީއެންއެފުން ބާއްވަމުންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވަނީ "ސަން"އިން ހާމަކުރި އެ މައުލޫމާތަށް އިޝާރާތްކުރައްވައިފައެވެ. ޔާމީން ވިދާޅުވީ ސްޓެލްކޯއަށް ދަރައިފައި އޮތީ ސަރުކާރުގެ ކުންފުނިތައް އެކަނި ނޫން ކަމަށާއި، އެ ކުންފުންޏަށް ދައުލަތުގެ ގިނަ މުއައްސަސާތަކާއި ވުޒާރާތައް ވެސް ދަރާފައިވާ ކަމަށެވެ. ޔާމީން ވިދާޅުވީ، ސްޓެލްކޯއަށް ވުޒާރާތަކާއި މުއައްސަސާތަކުން ދަރާފައިވާ އަދަދު ސިއްރުކުރި ސަބަބަކީ އެ ދަރަނީގެ ކުޑަބޮޑުމިން އާންމުންނަށް އެނގުމުން، ސްޓެލްކޯއިން އިންޖީނުތައް ހިންގުމަށްޓަކައި އެ ކުންފުނީގައި ކިހާ ފައިސާއެއް ހުރިތޯ ރައްޔިތުން ސުވާލު އުފައްދާނެތީ ކަމަށެވެ. "އެކަމަކު ސްޓެލްކޯއަކަށް ނޯވޭ މީގެން އެއްވެސް ތަނެއްގެ ކަރަންޓު ކަނޑާލެވޭކަށް، އެކަމަކު މި ދަނީ ސްޓެލްކޯއަށް ޓާބައިންތަކަށް ބޭނުންވާ ތެޔޮ ގަންނަން ސްޓެލްކޯގެ ލާރި ނެތް ހިސާބަށް،" ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެންމެފަހުން ސަރުކާރަށް ޖެހޭނީ ސްޓެލްކޯއަށާއި އެހެން ކުންފުނިތަކަށް ފައިސާ ޕަމްޕުކުރާށެވެ. ޔާމީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރު ކުންފުނިތަކުގެ ލިކުއިޑިޓީ ބޮޑުތަނުން ނަންގަވާފައިވާ ކަމަށް ތުހުމަތުކުރައްވައިފައެވެ. އާންމު ފަރާތްތަކުން ކަރަންޓު ބިލު ނުދައްކާނަމަ، ސްޓެލްކޯއިން އިންޒާރު ދިނުމަށް ފަހު، ކަރަންޓު ވެސް ކަނޑާލައެވެ. އެކަމަކު، ސަރުކާރު އިދާރާތަކާއި ބައެއް ކުންފުނިތަކުން އެތައް މިލިއަން ރުފިޔާއެއް ދައްކަންޖެހޭއިރު ވެސް އެ ފަދަ ފިޔަވަޅެއް ނާޅައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ