އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ބޮޑުން ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ސ. ހިތަދޫ، ކޮންމުލި، އަލީ ނަދީމް ހިމެނޭކަން އެނގިއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި ހިތަދޫއިން ނަދީމްގެ އިތުރުން އޭނާ ނިސްބަތްވާ ކަމަށް ތުހުމަތު ކުރެވޭ ޑްރަގް ނެޓްވޯކުގައި ހިމެނޭ އިތުރު ތިން ބޮޑުން ފުލުހުން ހައްޔަރުކުރި އެވެ. އެ ހަތަރު މީހުންނާ ގުޅޭ ތަންތަން ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ.
ފުލުހުން ބުނީ ޑްރަގް ނެޓްވޯކުގެ ހަތަރު ބޮޑުން ހައްޔަރުކުރީ އެ މުއައްސަސާއިން މިހާރު ކުރިއަށްގެންދާ "އޮޕަރޭޝަން އަލިމަގު" ގެ ތެރެއިން ކަމަށެވެ. ނަމަވެސް އެ ހަތަރު މީހުންގެ ވަނަވަރެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
އެ ނެޓްވޯކުގެ އިސް މީހުންނަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ އިންވެސްޓިގޭޝަނެއް ފުލުހުން ފެށީ މިދިޔަ މާޗު މަހުން ފެށިގެން ކަމަށާއި އެ ނެޓްވޯކުން 2017 އިން ފެށިގެން މަސްތުވާތަކެތި ވިޔަފާރިކުރާ ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން އެ މުއައްސަސާއިން ބުނީ ފާއިތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ނެޓްވޯކުގެ އިސް ހަތަރު މީހެއްގެ އެކައުންޓުގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ދައުރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގައި މިހާރުވެސް މި އޮޕަރޭޝަނާ ގުޅޭ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި ތަފްސީލްތައް ލިބޭ މިންވަރަކުން ހާމަކުރާނެ ކަމަށެވެ.
ނަދީމް ވަނީ މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފަ އެވެ. އެގޮތުން މި ސަރުކާރުގައި އޭނާއަށް ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުވެސް ދިނެވެ.
އޮޕަރޭޝަން އަލިމަގު ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނުގައި 29 . ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 110 މީހުން ހައްޔަރުކުރިއިރު އޭގެ ތެރެއިން ކޯޓަށް ހާޒިރުކުރި 38 މީހެއްގެ ވަނަވަރު މިދިޔަ މަހުގެ 25، ގައި ހާމަކުރި އެވެ.
އެ އޮޕަރޭޝަނުގައި 500 ފުލުހުން ބައިވެރިވިއިރު މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 39 ރަށުގައި އޮޕަރޭޝަން ހިންގި އެވެ. އަދި 105 ތަނެއް ބަލައިފާސްކޮށް ނުވަ އެއްގަމު އުޅަނދާއި ކަނޑު އުޅަނދެއް ބަލައިފާސްކުރި ކަމަށް ފުލުހުން ބުނެ އެވެ.
މި ސަރުކާރުން ބުނާ ގޮތުގައި، ޑްރަގާ ދެކޮޅަށް ސަރުކާރުން ގެންގުޅެނީ ވަރަށް ހަރުކަށި ސިޔާސަތެކެވެ.
އައްޑޫއިން ހައްޔަރުކުރި ޑްރަގް ނެޓްވޯކުގެ ބޮޑުންގެ ތެރޭގައި ނަދީމް ހިމެނޭ އައްޑޫއިން ހައްޔަރުކުރި ޑްރަގް ނެޓްވޯކުގެ ބޮޑުންގެ ތެރޭގައި ނަދީމް ހިމެނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ