އެމްޑީޕީގެ އެއްވުން ތާރީހެއް ނެތި ފަސް ކުރަން ނިންމައިފި
އިދިކޮޅު އެމްޑީޕީން މާލޭގައި މި މަހުގެ 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމަށް ސަރުކާރުން އެކި ހުރަސްތައް ކުރިމަތިކުރަމުންދާތީ އެ އެއްވުން އެހެން ތާރީހަކަށް ފަސްކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ.މުޒާހަރާގެ ކަންތައްތައް އިންތިޒާމު ކުރަން އެމްޑީޕީން ނަގާފައިވާ އެތެރޭގެ ކޮމިޓީން އެ ޕާޓީގެ ގައުމީ މަޖިލީހަށް މިރޭ ހުށަހެޅި ހުށަހެޅުމުގައި މުޒާހަރާ ފަސްކުރަން ޖެހޭ އެންމެ ބޮޑު ސަބަބެއް ކަމަށް ބުނީ، އެ މުޒާހަރާ ބާއްވާނެ ތަނެއް ނުލިބުމެވެ.އެ ކޮމިޓީގެ ފަރާތުން ގައުމީ މަޖިލީހަށް ލަފާ އިއްވަވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ ނޮވެމްބަރު 17 ގައި އެއްވުން ބާއްވާނެ އެއްވެސް ތަނެއް މާލެ އިން ނުލިބުނީ ސަރުކާރުން ހުރިހާ ތަނެއް "ބްލޮކްކޮށްފައި ވާތީ" ކަމަށެވެ."ސަރުކާރުން ވަނީ ހުރިހާ ތަނެއް ބްލޮކް ކޮށްފައި. އާޓިފިޝަލް ބީޗު، ކާނިވާ، ރަސްފަންނު މި ހުރިހާ ތަނެއް ބްލޮކް ކޮށްފައި. ދެން އަޅުގަނޑުމެންނަށް އާއްމުކޮށް މިި ލިބޭ ސަލްޓަން ޕާކް. ސަލްޓަން ޕާކްގައި ވެސް މަރާމާތެއް ކުރަން ބަންދު ކޮށްފައިވާ ކަމަށް އަންގައި އެ ތަން ވެސް [އޮތީ] ސިޓީ ކައުންސިލުން އަތުލާފައި،" އިބުރޭ ވިދާޅުވި އެވެ.އެމްޑީޕީން އެންމެ ފަހުން ބޭއްވި ކުރި މުޒާހަރާގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އެމްޑީޕީ ދެ މެންބަރަކާާ އެކު ޖުމްލަ އަށް މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ހަ މީހަކު ދޫކޮށްލީ، 15 ދުވަހު ޖަލުގައި ބޭއްވުމަށް ފަހު އެވެ.ގިނަ ބަޔަކު ބައިވެރިވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ. އެގޮތުން، މުޒާހަރާ ރޫލާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ އާއި ސޮނިކް ވެޕަން ވެސް ބޭނުންކޮށްފަ އެވެ.ފުލުހުން މުޒާހަރާ ރޫޅާލީ އަމީީނީ މަގުން ހިނގާލުން ކުރިއަށް ގެންދަން އަންގާފައިވަނިކޮށް ފުލުހުން ދިން ރޫޓަށް ބެލުމެއް ނެތި މަޖީދީ މަގުން މުޒާހަރާގެ ބައިވެރިން ދާން މަސައްކަތްކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ