މަޝްރޫއުތައް ބީލަމަށް ހުޅުވާނުލާ ދިނުމުން އެމްޑީޕީން ކޯޓަށް ދަނީ
ބީލަމަށް ނުލައި ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު އަމިއްލަ ކުންފުނިތަކަށް ދިން 206 މަޝްރޫއަށް ފައިސާ ދިނުން ހުއްޓުވުމަށާއި އެގޮތަށް މަޝްރޫއުތައް ކެބިނެޓުން ދޭން މަގުފަހިވާ ގޮތަށް ނިންމި ނިންމުން ބާތިލްކުރަން ކޯޓަށް ދާން އިދިކޮޅު އެމްޑީޕީން މިރޭ ނިންމައިފިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި މި ނިންމުން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ ރައީސް އަހްމަދު ސަލީމް ހުށަހެޅުއްވި ގަރާރެއް ފާސްކުރުމަށްފަހުގައެވެ. އެ ގަރާރު ހުށަހަޅުއްވަމުން ސަލީމް ވިދާޅުވީ، ސަރުކާރުން 206 ކުންފުންޏަކާ މަޝްރޫއުތައް ހަވާލުކުރީ އިއުލާނުކުރުމެއް ނެތި، ސަރުކާރާ ގުޅުންހުރި ފަރާތްތަކުގެ ކުންފުނިތައް ފިޔަވައި އެހެން ކުންފުނިތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދީ ކަމަށާއި، އެގޮތުން ސަރުކާރުން މަޝްރޫއުތައް ދިން ކުންފުނިތަކުގެ ތެރޭގައި ކޮންޓްރެކްޓަރުންގެ ދަފްތަރުގައި ނުހިމެނޭ، އުވާލުމުގެ މަރުހަލާގައިވާ ކުންފުނިތައް ހިމެނޭ ކަމަށެވެ. އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގައި ބައިވެރިވި މެންބަރުން: ގައުމީ މަޖިލިޙުން ވަނީ ސަލީމްގެ ގަރާރު ފާސްކޮށްފަ --- ސަން ފޮޓޯ: މޫސާ ނަދީމް އެގޮތަށް ކުންފުނިތަކަށް މަޝްރޫއުތައް ދިނީ ކުންފުނިތަކުގެ ފަންނީ އަދި މާލީ ގާބިލުކަން ހުރި މިންވަރަށް ނުބަލައި، އެއް ބާވަތެއްގެ މަޝްރޫއުތައް އެކި އަގުގައި ކަމަށް، ސަލީމް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފުވެފައިވާ ކަމަށާއި، ސަރުކާރުން ސޮއިކުރި އެއްބަސްވުންތައް ބާތިލުކަމަށް ވިދާޅުވިއެވެ. އަދި، ގައުމީ ބޭންކު ބީއެމްއެލްގެ އިސްވެރިންގެ އަތެއްވެސް އެބައޮތް ކަމަށާއި، އެ ބޭފުޅުންނަށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއާއެކު ސަލީމްގެ ގަރާރުގައި ގޮވާލި ކަންކަމަކީ: ސަރުކާރާއި، މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކުން އެއްބަސްވުންތައް ބާތިލްކުރުމަށް މިނިވަން މުއައްސަސާތަކުން މައްސަލަ ތަހްގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށާއި ކަމާބެހޭ ފަރާތްތަކަށް މި މައްސަލައިގައި އެމްޑީޕީން މައްސަލަ ހުށަހެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމާ ވަކި މަޝްރޫއުތައް ވާދަވެރި ބިޑަކާ ނުލައި، ސަރުކާރުން ބޭނުންވާ ކުންފުންޏަކަށް ދެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވައިދަށް ގެނައި އިސްލާުހު ބާތިލްކުރަން ކޯޓަށް ދިއުމަށް ސަރުކާރުން ސޮއިކުރި މަޝްރޫއުތކަށް ފައިސާ ދޫކުރުން ހުއްޓުވަން ކޯޓުގައި އަމުރަކަށް އެދުމަށް މި މައްސަލައިގައި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ އަދި މައްސަލަ ބަލަން އިންކާރުކޮށްފިނަމަ، އެމްޑީޕީގެ ދެން އަންނަ ސަރުކާރެއްގައި ފިޔަވަޅު އަޅައި ކޮރަޕްޝަންގެ ދައުވާކޮށް މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ބަހުސްކުރުމަށްފަހު ނިންމީ ސަލީމްގެ ގަރާރު ފާސްކުރުމަށެވެ. ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމާ ވަކި މަޝްރޫއުތައް ވާދަވެރި ބިޑަކާ ނުލައި، ސަރުކާރުން ބޭނުންވާ ކުންފުންޏަކަށް ދެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވައިދު ބަދަލުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 12 ގައެވެ. https://sun.mv/212591 މާލިއްޔަތު ގަވައިދު ބަދަލުކޮށް އަމަލުކުރަން ފެށިއިރު، "ސިންގަލް ސޯސް ޕްރޮކިއުމަންޓް"ގެ އުސޫލުން ތަކެތި ގަތުން ނުވަތަ ޚިދުމަތް ހޯދުމާ ގުޅޭ ގަވައިދުތަކަކަށް އިސްލާހު ގެނެސްފައިވެއެވެ. އެގޮތުން ގަވައިދުގެ 10.20 ވަނަ މާއްދާގެ (ށ-1)އަށް ގެނައި އިސްލާހުގައި ވަނީ އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއ،ި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫޢުތަކާއ،ި ސަލާމަތީ ޚިދުމަތްތަކަށް ޚާއްޞަ މަޝްރޫޢުތަކުގެ ގޮތުގައި ކަމާގުޅޭ ދައުލަތުގެ އޮފީހަކުން، ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހުށަހެޅުމުން، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫޢުތައް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ކުރިޔަށް ގެންދެވިދާނެ ކަމަށެވެ. މި އިސްލާހާއެކު، އެއީ އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއ،ި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫޢެއްގެ ގޮތުގައި ކަނޑައަޅައިގެން، ނުވަތަ ސަލާމަތީ ޚިދުމަތްތަކަށް ޚާއްޞަ މަޝްރޫއެއްގެ ގޮތުގައި ކަނޑައަޅައިގެން، ސަރުކާރުން ބޭނުން ކޮންމެ މަޝްރޫއެއް ވެސް ބޭނުން ކޮންމެ ކުންފުންޏަކަށް ބިޑަށް ހުޅުވައިނުލައި ދެވޭނެއެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، މި ހިނގައިދިޔަ މުއްދަތުގައި ސަރުކާރުގެ މަޝްރޫއުތައް ހަވާލުކުރަމުން އަންނަނީ ވާދަވެރި މާހައުލެއް ނެތި ސަރުކާރު ކުންފުނިތަކާއެވެ. އެހެންވެ އަމިއްލަ ކުންފުނިތަކުން އެކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ