ޔުނައިޓެޑާއި އާސެނަލަށް ވެސް މޮޅެއް ނުވެވި ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ ޔުނައިޓެޑާއި އާސެނަލަށް ވެސް މޮޅެއް ނުވެވި ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

ލަންޑަން (ނޮވެމްބަރު 8) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލުން ކުޅުނު މެޗުތަކުން މޮޅެއް ނުލިބި ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.
ޔުނައިޓެޑް ވަނީ ރަށުންބޭރުގައި ފަހު ވަގުތު ޖެހި ގޯލުން 2-2 އިން ޓޮޓެންހަމް ހޮޓްސްޕާސްއާ އެއްވަރުވެފަ އެވެ. މި ފަަހަރު ލީގަށް ޕްރޮމޯޓްވެ، މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަންޑަލެންޑުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލް މޮޅުވާން ދަނިކޮށް، ފަހު ވަގުތު ލަނޑު ޖަހައި، 2-2 އިން އެއްވަރުކޮށްފަ އެވެ.
ލީގުގެ އެއް ވަނައިގައި އާސެނަލް އޮތީ 11 މެޗުން 26 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި މެންޗެސްޓާ ސިޓީ އާއި ތިން ވަނައިގައި އޮތް ސަންޑަލެންޑަށް 19 ޕޮއިންޓް ލިބިފައިވާއިރު، ސިޓީން ކުޅެފައިވަނީ 10 މެޗެވެ. އަދި، ސަންޑަލެންޑުން ވަނީ 11 މެޗު ކުޅެފަ އެވެ.
ޓޮޓެންހަމް ހޮޓްސްޕާސް ދަނޑުގައި ޔުނައިޓެޑަށް ފުރަތަމަ ހާފުގައި ލީޑުނަގައިިދިނީ ބްރަޔަން އެމްބެއުމޯ ބޮލުން ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އަރައި، 83 ވަނަ މިނިޓްގައި މަތީސް ޓެލް ވަނީ ޓޮޓެންހަމް އަށް އެއްވަރުކޮށްދީފަ އެވެ. އަދި، އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި، ރިޗާލިސަން ޖެހި ގޯލުން ޓޮޓެންހަމް އިން ލީޑުނެގި އެވެ. އެކަމަކު، އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި، މަތައިސް ޑި ލިޓް ބޮލުން ޖެހި ގޯލުން ޔުނައިޓެޑުން ވަނީ އެއްވަރުކޮށްފަ އެވެ.
ޔުނައިޓެޑްގެ އެމްބެއުމޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ޔުނައިޓެޑާ ހަވާލުވި ކޯޗު ރުބެން އަމޮރިމްގެ ކޯޗުކަމުގައި އެ ޓީމުން ފުރަތަމަ ފަަހަރަށް ލީގުގައި ބަލިނުވެ ޖެހިޖެހިގެން ފަސް މެޗު ނިންމާލިއިރު، ޔުނައިޓެޑް އޮތީ 11 މެޗުން 18 ޕޮއިންޓާ އެކު ހަތް ވަނައިގަ އެެވެ. ޓޮޓެންހަމް އަށް ވެސް 11 މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ހަަތަރު ވަނައިގަ އެވެ.
އާސެނަލް ކޮޅަށް ސަންޑަލެންޑަށް ލީޑުނަގައިދިނީ، ސަންޑަލެންޑްގެ ޑަނިއަލް ބަލާޑް ޖެހި ގޯލުންނެވެ. އެ ލަނޑުން ސަންޑަލެންޑުން ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލި އެވެ. އެކަމަކު، ދެ ވަނަ ހާފަށް ކުޅެން އަރައި، އާސެނަލުން ދެ ލަނޑު ޖަހައި ނަތީޖާ އަނބުރާލި އެވެ. ސަންޑަލެންޑުން ހެދި ގޯހެއްގެ ފައިދާނަގައި، ބުކާޔޯ ސަކާ، އޭރިއާތެރެއިން ޖެހި ގޯލުން އާސެނަލުން އެއްވަރުކުރިިއިރު، އާސެނަލަށް ލީޑު ނަގައިދިނީ އޭރިއާބޭރުން، ލެއަންޑްރޯ ޓްރޮސާޑް ޖެހި ގޯލުންނެވެ.
އިތުރު ވަގުތުގެ ހަތް މިނިޓްގެ ތެރެއިން ހަތަރު ވަނަ މިނިޓްގައި ސަންޑަލެންޑަށް އެއްވަރުކޮށްދިން ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި، ބްރައިން ބްރޮބީ އެވެ. އާސެނަލްގެ ކީޕަރު، ޑޭވިޑް ރާޔާ އާއި ޑިފެންޑަރު، ގަބްރިއަލް މަގާޅައެސް މެދުތެރެއިން އަރައި، ބްރޮބީ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ފަހުން، އާސެނަލް މޮޅުކޮށްދޭން ކުޑައޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، މިކޭލް މެރީނޯ ޖެހި ބޯޅަ ސަންޑަލެންޑްގެ ބަލާޑް ވަނީ ބްލޮކްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ