ވަކި ކޯޓެއްގެ ވަކި ފަނޑިޔާރަކަށް އަމާޒުކޮށް މައްސަލަތައް ބަލަމުންނުދާ ކަމަށާއި ހުށަހެޅޭ މައްސަލައެއްގެ މައުލޫމާތު ސާފުކޮށް، ބަލަންޖެހޭ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް ބެލުމަށް ފަހުގައި ނޫނީ އެއްވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިނުވާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޖޭއެސްސީން މިހެން ބުނީ، ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަމުންދާތީ، ސޯޝަލް މީޑިއާގައި އެ ކޮމިޝަަނަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށެވެ.
ޖޭއެސްސީން ސުލޫކީ މައްސަލައެއް ބަލަން ފަށައި ސަސްޕެންޑުކުރުމުން، ސުޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ވިދާޅުވެ، އެ ކޯޓުގެ ފަނޑިޔާރުކަމުން މިފަހުން އިސްތިއުފާދެއްވި ހުސްނުއްސުއޫދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހައި ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބަލާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ސުއޫދު ވިދާޅުވިގޮތުގައި ފަނޑިޔާރުންނާ ގުޅުވައި ބަލަމުންދަނީ އެއްވެސް އަސާސެއް ނެތް ސިޔާސީ މައްސަލަތަކެކެވެ. އަދި އެއީ އަދުލު އިންސާފުގެ ނިޒާމުގެ ފުރިހަމަ ކޮންޓްރޯލު ހޯދުމަށް ރާވައިގެން ކުރާ މަސައްކަތްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
ތަފްސީލް - ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރާ ކަމަށް ދޭހަވާ ގޮތަށް އާންމުގެ މެދުގައި މައުލޫމާތު ފެތުރުމަކީ އެންމެ ޒިންމާދާރު ގޮތް ކަމަށް ނުދެކޭ ކަމަށެވެ.
ބުނީ ކީކޭ؟ - "ކޮމިޝަނުން ސަމާލުކަން ދެނީ ހުށަހެޅިފައިވާ ޝަކުވާއާއި އެ ޝަކުވާއަކާ ގުޅިގެން ހުށަހަޅާ ހެކީގެ މައްޗަށެވެ. ވަކި ފަނޑިޔާރަކަށް، ވަކި ކޯޓަކަށް ނިސްބަތްވުމުން ތަހުގީގުކުރުމަކަށް ނޫނެވެ،" ބަޔާނުގައިވެ އެވެ.
ރާއްޖޭގެ ފަނޑިޔާރުގެއަކީ ރައްޔިތުން އިތުބާރުކުރާ، އަދުލުއިންސާފު އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭ ތަނަކަށް ހެދުމަކީ އެ ކޮމިޝަންގެ ޒިންމާއެއް ކަމަށާއި އަދުލުވެރިކަމާ އެކު ޝަރީއަތް ހިންގާ، އަވަސްކަމާ އެކު އިންސާފު ފޯރުކޮށްދޭ ބަޔަކަށް ޝަރުއީ ކޯޓުތަކުގައި މަސައްކަތްކުރާ އެންމެހައި ފަނޑިޔާރުން ވާންޖެހޭ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެ އެެވެ.
ޖޭއެސްސީން ބުނީ މި މަގުސަދު ހާސިލުކުރުމަށް، ފަނޑިޔާރުންނާމެދު ހުށަހެޅޭ ޝަކުވާތައް ބަލައި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބަލައި، ތަމްރީން ދީ، ވަކިން ހާއްސަކޮށް ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، ފަނޑިޔާރުންގެ މަސައްކަތާއި ގުޅޭ އިދާރީ އިންތިޒާމްތަކާއި ކަންކަން ހަމަޖެހިފައިވޭތޯ އެ ކޮމިޝަނުން ދުވަހުން ދުވަހަށް ކަށަވަރުކުރަމުންދާ ކަމަށެވެ.
"ކޮމިޝަނަށް ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި ކޮމިޝަނުން ސަމާލުކަންދެނީ ވަކި ކޯޓެއްގެ ފަނޑިޔާރަކަށްވީތީ، ވަކި ގޮތަކަށް އަމަލުކުރުމަކަށް ނޫން. އެއީ ކޮންމެ ކޯޓެއްގެ ފަނޑިޔާރަކަށް ވީނަމަވެސް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އަލީގައި މައުލޫމާތު ސާފުކޮށް، ބަލަންޖެހޭ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް ބެލުމަށް ފަހުގައި ނޫނީ އެއްވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަކަށް ކޮމިޝަނުން ނިންމާފައެއް ނުވާނެ އެވެ،" ބަޔާނުގައި ބުންޏެވެ.
އެކަން ކޮމިޝަންގެ ތަފާސްހިސާބުތަކުން ކަށަވަރުކޮށްދޭ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ. އެގޮތުން ބުނީ:
ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 176 ޝަކުވާ ކޮމިޝަނަށް ހުށަހެޅިފައިވޭ
އޭގެ ތެރެއިން ތަހުގީގު ކުރަން ނިންމާފައިވަނީ 57 ޝަކުވާ
ސުލޫކީ މައްސަލަ ބެލުމަށް ފަހު، ސާބިތުވެ، ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ހަ ފަނޑިޔާރުންނަށް
އެއީ ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން %3.4؛ މިއީ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގެ ނިސްބަތުން ބަލާ ނަމަ މަދު އަދަދެއް
އެނގުން މުހިންމު - ސަރުކާރުގެ ކޮންޓްރޯލު އޮތް ޖޭއެސްސީން ސުލޫކީ މައްސަލަ ބަލަމުންދާ ފަނޑިޔާރުންގެ ތެރޭގައި ޖޭއެސްސީގެ ނައިބު ރައީސްކަމުން މިފަހުން އިސްތިއުފާ ދެއްވި ފަނޑިޔާރު މުހައްމަދު ނިޔާޒު ހިމެނެ އެވެ. ހައި ކޯޓުގައި މި ވަގުތު ހުންނެވި އެންމެ ދުވަސްވީ ފަނޑިޔާރު ނިޔާޒް މިހާރު ވަނީ ރިޓަޔާކުރައްވަން ހުށަހަޅުއްވާފަ އެވެ.
ދެން ސުލޫކީ މައްސަލަ ބަލަމުންދާ ފަނޑިޔާރުންނަކީ:
ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުން މި ފަހުން އިސްތިއުފާ ދެއްވި ފަނޑިޔާރު މުހައްމަދު ފައިސަލް
ފަނޑިޔާރު ފާތިމަތު ފަރްހީޒާ
ފަނޑިޔާރު ހުސައިން މަޒީދު
ފަނޑިޔާރު ދީބާނާޒު ފަހުމީ
ފަނޑިޔާރުންގެ މައްސަލަ ބަލަނީ ބަލަންޖެހޭ ކަންކަން ފުރިހަމައަށް ބަލާފައި: ޖޭއެސްސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ