ފަރުވާ ހޯދާ މީހުންނަށް ޑުރަގު ދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި އެންޑީއޭ މުވައްޒަފުގެ ބަންދަށް 15 ދުވަސް
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދޭ މައްސަލައެއްގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ، އެންޑީއޭގެ ޕިއާ މެންޓާގެ ވަޒީފާގައި ހުރި 51 އަހަރުގެ މުހައްމަދު ފަސީހު، ފްލޮރިޑާ/ސ. ފޭދޫއެވެ. ފުލުހުން އިއްޔެ ބުނީ އޭނާ ހައްޔަރުކުރީ އެންޑީއޭއިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް މަސްތުވާތަކެތިދީ، ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތުގައި ކަމަށެވެ. މި މައްސަލަ އެންޑީއޭއިން އެ މުއައްސަސާއަށް ހުށަހެޅީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފަައެވެ. އޭގެފަހުން މިއަދު ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. ރާއްޖޭގައި ޑުރަގުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހުންނަށް ފަރުވާ ދޭ މަރުކަޒުތަކުގައި ޑުރަގު ބޭނުންކުރާ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ. އަދި ފަރުވާ ހޯދާ މީހުން ތިބޭ ސެންޓަރުތަކަކީ މަސްތުވާތަކެއްޗާއި، އެހެނިހެން މަނާ ތަކެތި ނެތް ރައްކާތެރި ތަންތަންކަން ކަށަވަރުކުރަން އެންޑީއޭއިން އޮޕަރޭޝަންތައް ހިންގާ ކަމަށް އެ އޭޖެންސީން މީގެ ކުރިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ