ދެ ދުވަސްތެރޭ ހުޅުމާލެއާއި މާލޭގެ 571 ސަރަހައްދު ޗެކުކޮށް، ފަސް އުޅަނދެއް ޓޯކުރި
މިދިޔަ ދެ ދުވަސް ތެރޭގައި މާލެއާއި ހުޅުމާލޭގެ 571 ސަރަހައްދެއް ޗެކުކޮށް، ފަސް އުޅަނދެއް ފުލުހުން ޓޯކޮށްފިއެވެ. ފުލުހުން މިއަދު ހިއްސާކުރި ހިސާބުތަކުގައިވާ ގޮތުން، މިދިޔަ ދެ ދުވަހުގެ ތެރޭގައި ފުލުހުން ވަނީ، ހުޅުމާލެއާއި މާލޭގައި 117 މީހުންނާ ސުވާލުކޮށްފައެވެ. އޭގެއިތުރަށް، ހުޅުމާލެއާއި މާލެގައި ޖުމުލަ 24 އުޅަނދެއް ޗެކުކޮށް، ފުލުހުން ވަނީ، ފަސް އުޅަނދެއް ޓޯކޮށްފައެވެ. މިދިޔަ ދެ ދުވަހު 571 ސަރަހައްދު ޗެކުކޮށްފައިވާއިރު، ހިނގާފައި 668 މިނެޓު ފުލުހުން ވަނީ ޕެޓްރޯލްކޮށްފައެވެ. ފުލުހުން ބުނީ، މިއީ، މާލެއާއި ހުޅުމާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ މުއައްސަސާގެ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާޓުމަންޓުން ކުރާ މަސައްކަތެއް ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، މާލެއާއި ހުޅުމާލޭގެ އެކި ހިސާބުތައް ބެލެހެއްޓުމަށް ކުރާ މަސައްކަތުގެ ތަފްސީލުތައް ފުލުހުން ދޭތެރެއަކުން އާންމުކުރެއެވެ. އެ މަސައްކަތުގެ ތެރެއިން، ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ވެސް ފުލުހުން ޓޯކުރެއެވެ. ނުގަވައިދުން ދުއްވުމާއި ނުގަވައިދުން ޕާކުކުރުމުގެ އިތުރުން ޕާކުކުރުމުގެ ޖާގަ ނެތް މައްސަލައަކީ ވެސް މާލެއާއި ހުޅުމާލެއަށް ދިމާވެފައިވާ ވަރަށް ބޮޑު ދެ މައްސަލައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ