"ކުޅުދުއްފުށީ ފައިވް ކޭ" މިހާތަނަށް އެ ސިޓީގައި ބޭއްވި އެންމެ ކާމިޔާބު ދުވުން

ކުޅުދުއްފުށީ ސިޓީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމަށްވާ "ކުޅުދުއްފުށީ ރަނާސް" އިން އިންތިޒާމް ކޮށްގެން، އެ ސިޓީގައި ބޭއްވި "ކުޅުދުއްފުށީ 5 ކޭ" ރޯޑް ރޭސް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
މި ރޭސް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހުކުރު (5 ސެޕްޓެމްބަރ) ދުވަހުގެ ހެނދުނުއެވެ. މި ރޭހުގެ 5 ކިލޯ މީޓަރު ދުވުމުގެ ފިރިހެން ކެޓަގަރީން އެއްވަނަ ހޯދީ މުހައްމަދު މިރާސް އެވެ. ދެވަނައަށް މުހައްމަދު ފަސީލް ރޭސް ނިންމިއިރު ތިންވަނައަށް ރޭސް ނިންމާފައި ވަނީ ހުސެއިން މުހައްމަދެވެ.
އަންހެން ކެޓަގަރީގެ އެއްވަނަ ހޯދީ މަރިޔަމް އާޝާ މޫސާއެވެ. ފާތިމަތު މިންހާލް މުހައްމަދު ދެވަނަ އަށް ރޭސް ނިންމިއިރު ތިންވަނައަށް ރޭސް ނިންމާފައި ވަނީ ސައިލާ އާދަމްއެވެ.
މި ދުވުމުގައި ކުޅުދުއްފުށީގެ ދުވުންތެރިންގެ އިތުރުން، އެންމެ އުތުރުގެ ތިން އަތޮޅުގެ ރަށްތަކުން ދުވުންތެރިން ވަނީ ބައިވެރިވެފައެވެ. އަދި މި ދުވުމުގައި ބައިވެރިވާން މާލެއިން ވެސް ބައެއް ދުވުންތެރިން ވަނީ އެ ރަށަށް އައިސްފައިވެއެވެ. ހަތަރު ސަތޭކައަށްވުރެ ގިނަ މީހުން މި ދުވުން ވަނީ ފުރިހަމަ ކޮށްފައެވެ. މި އިވެންޓް ކުރިއަށް ގެންގޮސްފައި ވަނީ ރަނގަޅު އިންތިޒާމް ތަކަކާއިއެކުއެވެ. އެ ހިތަހަމަޖެހުން ދުވުންތެރިން ވަނީ ވަރަށް ބޮޑަށް ފާޅުކޮށްފައެވެ.
ކުޅުދުއްފުށީ ރަނާސް، ކްލަބެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ވަނީ މި އަހަރުއެވެ. ރަޖިސްޓަރީކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭ ވަރަށް ރަނގަޅު އިންތިޒާމް ތަކަކާއިއެކު "ކުޅުދުއްފުށީ 5 ކޭ" އިވެންޓް ކުރިއަށް ގެންގޮސްފައިވާތީ ގިނަ ދުވުންތެރިން ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަ ކޮށްފައެވެ.
މީގެކުރިން ވެސް ތަފާތު ދުވުންތައް ކުޅުދުއްފުށީގައި ވަނީ ބާއްވާފައެވެ. ފަހަކަށް އައިސް ކުޅުދުއްފުށީގައި ދުވާ މީހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރާއްޖޭގައި ބާއްވާ ފާހަގަ ކޮށްލެވޭ ބައެއް ދުވުމުގެ މުބާރާތްތަކުގައި އެ ރަށުގެ ދުވުންތެރިން އަންނަނީ ބައިވެރިވަމުންނެވެ.
މީގެއިތުރުން ދުވުމުގެ ގައުމީ ޓީމުގައި މިހާރު ވެސް އެ ސިޓީއަށް ނިސްބަތްވާ ދުވުންތެރިން ހިމެނެއެވެ. އިންޓަ ސްކޫލް ދުވުމުގެ މުބާރާތްތަކުގައި ވެސް އެ ސިޓީގެ ސްކޫލްތަކުގެ ދުވުންތެރިން އަންނަނީ ރަނގަޅު ނަތީޖާތައް ނެރެމުންނެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ