ފުލުހުން އެ ބުނީ ދެ ކޮންޓޭނަރުގެ ބައިތައް ހުރީ ތިލަފުށީގައޭ

އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ހުއްޓާ ވަގަށް ގެންދިޔަ، ޑިއުޓީއަށް 122 މިލިއަން ރުފިޔާ ޖެހޭ، ސިނގިރޭޓް ދެ ކޮންޓެއިނަރަށް 'ހަދާލި ގޮތް' ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖަކުން އެބަ އެނގެ އެވެ. ފުލުހުން ބުނީ:
"ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ."
މި ދައްކަނީ ކުޑަކުޑަ ދެ ފޮއްޓެއްގެ ވާހަކައެއް ނޫނެވެ. އެންމެ ބޮޑެތި ކޮންޓޭނަރު، 40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ވާހަކަ އެވެ.
ސަލާމަތީ ކަންކަން ވަރުގަދަ ކަމަށް ބުނާ އެމްޕީއެލްގެ ބަނދަރުގައި އެ ދެ ކޮންޓޭނަރު ބަހައްޓާފައި ހުރީ، ވީއައިއޭގެ އާ ޓާމިނަލްގެ މެއިން ކޮންޓްރެކްޓަރު ބިންލާދިން ގްރޫޕްގެ ނަމުގައި 1،360 ކޭސް ސިނގިރޭޓް ވަގަށް އެތެރެކުރި ތަނުން، މި އަހަރުގެ 26 އެޕްރީލްގައި ކަސްޓަމްސްއިން ހިފެހެއްޓުމަށް ފަހު އެވެ. މާލޭ ވިޔަފާރި ބަނދަރަށް ބޭލި ތަނުން އަތުލައިގަނެ، ހުޅުމާލޭ ބަނދަރުގައި އެ ދެ ކޮންޓޭނަރު ހުރީ، އެ މައްސަލައިގެ ތަހުގީގު ނިމެންދެން، އެމްޕީއެލްގެ ބެލުމުގެ ދަށުގަ އެވެ.
ދެ ކޮންޓޭނަރު ވަގަށް ގެންދިޔަ ސީދާ ދުވަހެއް ފުލުހުންނަށް އެނގުނު ކަމެއް ނުވަތަ ނޫން ކަމެއް އަދި ނުބުނެ އެވެ. ސިއްރު ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އެމްޕީއެލް އާއި ކަސްޓަމްސްއިން ލަފާކުރަނީ އެ ވައްކަން ހިންގާފައި ވަނީ މިދިއަ އޮގަސްޓްމަހު ކުރީކޮޅުގައި ކަމެވެ. ނަމަވެސް ސިނގިރޭޓްތައް ވަގަށް ނެގިކަން ރޭކާލީ، ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށް، ސްރީ ލަންކާގެ ނަންބަރަކުން ފޮނުވި މެސެޖަކުންނެވެ. އެ މެސެޖްގައި އޮތް ކަމަށް ވަނީ އެ ސިނގިރޭޓްތައް ކޮންޓޭނަރުގައި މިހާރު ނުހުންނާނެ ކަމެވެ.
ފުލުހުން ގޮސް ބެލިއިރު - އެ މެސެޖްގައި އޮތީ ތެދެކެވެ - 1،360 ކޭސް ސިނގިރޭޓް ނެތެވެ. އޭގެ ބަދަލުގައި ދެ ކޮންޓޭނަރުގައި ހުރީ ބައި ޓަޔަރުތައް ކަހަލަ ކުނިބުންޏެވެ. ދެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ޕީޕީއެމްގެ ކުރީގެ އޮފީހުގެ ފާރެއް ކައިރީގައި ހުންނެވި ފޮޓޯ އެވެ. އެ ފާރުގައި ދިވެހި ބަހުން އޮތީ 'ގރ ހަނޑާ ދެން' އެވެ.
މީގެ މާނައަކީ އެ ބޮޑު ވައްކަންކުރި ބަޔަކު މުޅި ދިވެހި ދައުލަތަށް، ހުތުރު ބަހުން ލިޔާ ނަމަ، ބޯންދިނީ އެވެ. އެމްޕީއެލް އާއި ކަސްޓަމްސް އާއި ފުލުހުންނަށް އެކަންޏެއް ނޫނެވެ. މި ރިޕޯޓް ކިޔާ ހުރިހާ އެންމެންނާއި އަޅުގަނޑާއި ހުރިހާ ދިވެހިން ވެސް ހިމެނޭ ގޮތަށް، 'ބޯން ދިނީ' އެވެ.
އިއްޔެ އަޅުގަނޑު ލިއުނު ރިޕޯޓްގައި ހިމެނި އެއް ވާހަކައަކީ، އެ ވައްކަން ކުރުމުގެ ކުރިން އޭގެ ރިހާސަލް ވެސް ބަނދަރުގައި ބޭއްވި ކަމަށް، ބައެއް މީހުން ބުނާ ބުނުމެވެ. ފުލުހުން އެންމެ ފަހުން ފޮނުވި މެސެޖުން އެކަމަށް ބާރު އެބަ ލިބެ އެވެ. އެއީ ދެ ކޮންޓޭނަރު ވަގަށް ގެންގޮސް، އެ އެއްޗެހި ހުރި ތަނުގައި އެ ވައްތަރުގެ އެހެން ދެ ކޮންޓޭނަރު ބަހައްޓާނެ ގޮތުގެ 'ފަރިތަކުރުންތަކެ'ވެ. އެ މެސެޖްގައި އެބުނަނީ 'ކޮންޓެއިނަރުގެ ބައިތައް' ފެނުނު ވާހަކަ އެވެ. އެހެންކަމުން ދެ ކޮންޓޭނަރު ވަގަށް ގެންދާށާއި އެކަން އޮޅުވާލާނެ ގޮތާ ބެހޭ ގޮތުން އަޅުގަނޑަށް ކުރިން ލިބުނު މައުލޫމާތުތަކުގެ ސައްހަކަން އެބަ ބޮޑުވެ އެވެ. އެ މައުލޫމާތުތަކަކީ މި އެވެ:
ދެ ކޮންޓޭނަރު ވަގަށް ގެންދިޔައީ ކަނޑު މަގުން
ދޯންޏަކަށް ކޮންޓޭނަރުތައް ބަރުކުރާ ވީޑިއޯ، އެމްޕީއެލްގެ ސީސީޓީވީ ފުޓޭޖްތަކުން ފެނޭ
އެއީ ބަނދަރުގެ ސީސީޓީވީއާ ކުޅުނު ބަޔަކަށް ގޮތެއް ނުހެދުނު ނުވަތަ ހަނދާނުން ކަައްސާލި ކެމެރާއެއް
ކޮންޓޭނަރުތައް ހުރި ހިސާބު ފެންނަ އެހެން ކެމެރާތައް ހުރީ ބިންމައްޗަށް އަޅުވާފައި
ދެ ކޮންޓޭނަރު ނަގާތަން ބަނދަރުގެ ވަކި ހިސާބަކަށް ނުފެންނާނެ ގޮތަށް، އެހެން ކޮންޓޭނަރުތައް މަތިމައްޗަށް އަތުރާފައި ވަންހަނާކުރޭ
ދެ ކޮންޓޭނަރު ގެންދިޔައީ ހުޅުމާލޭ ތިނަކަށް
ގެންދިޔަ ދެ ކޮންޓޭނަރުގެ ބަދަލުގައި އެހެން ދެ ކޮންޓޭނަރު ބަނދަރުގައި ބަހައްޓާ
ތިލަފުއްޓަށް ފުލުހުންގެ ޓީމެއް އަރާ ފާސްކުރުމުގެ އޮޕަރޭޝަން ހިންގީ މިދިއަ އާދިއްތަދުވަހު އެވެ. 
"މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، 2025 އޮކްޓޯބަރ 19 ވަނަ ދުވަހު ތިލަފުށީގައި ހިނގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށްފައިވެ އެވެ. މި އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ،" މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖްގައި ބުންޏެވެ.
ދެ ކޮންޓޭނަރު ހުޅުމާލޭ ތިނަކަށް ގެންދިއުމުގެ ބަދަލުގައި ގެންގޮސްފައި އެވަނީ ތިލަފުއްޓަށް ކަމަށް ވެސް ވެދާނެ އެވެ.
ހިޔާލަށް ގެނެސް ބަލާށެވެ! މިއީ ކިހާ ބޮޑު ވައްކަމެއް ހެއްޔެވެ؟ މިވަރުގެ ވައްކަމެއް ކުރެވޭނީ ބަނދަރުގައި ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތައް ގޯސްވެގެންނެވެ. އެމްޕީއެލް އާއި ކަސްޓަމްސްގެ އެތެރޭގައި ހިޔަނާތާއި މަކަރާއި ހީލަތް ބޮޑުވެގެންނެވެ. އެފަދަ އަމަލްތަކުގައި ބައިވެރިވާން ތައްޔާރަށް ތިބޭ މުވައްޒަފުންނާއި، އެހެން މީހުންގެ އަދަދު ވެސް ގިނަކަމުންނެވެ.
ފުލުހުން ބުނާ ގޮތުގައި ތަހުގީގު ކުރިއަށް ދާ ވަރަކަށް އިތުރުު މައުލޫމާތު ދޭނެ އެވެ. ރޭ ވަނީ 52 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އެއީ ކާކު ކަމެއް އަދިއެއް ނޭނގެ އެވެ.
ކުރިން ހައްޔަރުކުރީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ މުހައްމަދު ވަހީދު (ދިގަލި، އެޕޯލޯ ކުންފުނީގެ އެއް ހިއްސާދާރު) އާއި އަހުމަދު އާރިފް (ލޮޓަސް ފިހާރައިގެ ވެރިޔާ)، އާއި ކަސްޓަމްސްގެ ކުރީގެ ވެރިއެއް ކަމަށްވާ މުއާޒު އަލީ އަދި އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ހުންނަ ކަސްޓަމްސްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.
މި އެންމެންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10-15 ދުވަސް ޖަހައިދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ