ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރަން ބައިނަލްއަގްވާމީ މުޖުތަމައުގައި އެދިވަޑައިގެންފި
ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފާއި، އިންސާނީ ކަރާމާތާއި، ސުލްހަ ގާއިމުކޮށްދިނުމަށް ވަކާލާތުކުރުމުގައި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ފަދަ ޖަމާއަތްތަކާއި ގައުމުތަކުން ގުޅިގެން މަސައްކަތް ކޮށްދިނުމަށް ރައީސް މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ޓިއަންޖިންގައި މިއަދު ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ނުވަތަ "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދު ކުރުމުގައި ދިވެހިން އަބަދުވެސް ސާބިތުކަމާ އެކު ދެމިތިބޭނެ ކަމަށް ވިދާޅުވެފަ އެެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބައިނަލްއަގްވާމީ މުޖުތަމައުތަކުން ވެސް އެކުގައި މަސައްކަތް ކުރުމަށް އެ މަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި އިންސާނީ ކަރާމާތާއި ސުލްހަ ގާއިމު ކޮށްދިނުމަށް ވަކާލާތު ކުރުމުގައި އެސްސީއޯ ފަދަ ޖަމާއަތްތަކާއި ގައުމުތަކުން ގުޅިގެން މަސައްކަތް ކޮށްދިނުމަށް ރައީސް އެދިވަޑައިގަތެވެ.ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ބައިނަލްއަގްވާމީ އެކި ފޯރަމްތަކުގައި އެ މަނިކުފާނު ވާހަކަފުޅު ދައްކަވާއިރު ގެންދަވަނީ ފަލަސްތީނުގެ މައްސަލައިގެ ސީރިއަސްކަން އެ ފޯރަމްތަކުގެ ބައިވެރިންނަށް އިއްވަވަމުންނެވެ.ޗައިނާގައި އެސްސީއޯ ބައްދަލުވުމުގައި ވެސް އެކި ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.ފާހަގަކޮށްލެވޭ ގޮތުގައި ހުޅަނގުގެ ގައުމުތަކާއި ހިލާފަށް ޗައިނާ އަކީ ފަލަސްތީނަށް ވާގިވެރިވާ ގައުމެކެވެ.އެސްއީއޯ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ ގައުމުގެ ރައީސް ޝީ ޖިންޕިން އާއި ބައްދަލުކުރައްވާ ދެ ގައުމު ދެމެދު ރަސްމީ މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.އެސްސީއޯ އަކީ ޔޫރޭޝިޔާ ސަރަހައްދުގެ ސިޔާސީ، އިގްތިސާދީ އަދި ދިފާއީ ކަންކަމަށް އަމާޒުކޮށްގެން، އެ ސަރަޙައްދުގެ ހަ ގައުމަކުން އެކުލަވާލާފައިވާ ސަރަހައްދީ ޖަމިއްޔާއެކެވެ.އެ ޖަމިއްއްޔާ އުފެއްދީ، ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ