ކަންބޮޑުވުމަށް ނުބަލާ މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން ދުނިޔޭގެ ސަމާލުކަން

ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ ރައްޔިތުންގެ މަޖިލީހުން ނޫސްވެރިކަމާއި މީޑިއާ ކޮންޓްރޯލްކުރާ ބިލު އިއްޔެ ފާސްކުރުމާއެކު ބައިނަލްއަގްވާމީ ދުނިޔޭގެ ސަމާލުކަމަށް މި ކަން އައިސްފިއެވެ. ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ މަޖިލީހުން, ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ކޮންޓްރޯލް ބިލު އިއްޔެ ފާސްކުރީ ގިނަ އަދަދެއްގެ ނޫސްވެރިން ދެކޮޅު ހަދަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޚާއްސަ ޖަލްސާއެއް ބާއްވައިގެންނެވެ. ބިލު ފާސްކުރަން 60 މެންބަރުން ވޯޓުދެއްވިއިރު، ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނާއި ސަރުކާރުން އަންނަނީ މިއީ 'އަބުރު ރައްކާތެރިކޮށްދޭ' ބިލެއް ކަމަށް ބުނެ ބިލު ޕްރޮމޯޓުކުރަމުންނެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކަންޏެވެ. ފާހަގަކޮށްލެވޭ ގޮތުގައި 151 ނޫސްވެރިންގެ ސޮޔާ އެކު ހުށަހެޅި ޕެޓިޝަންގައި ހުރި ކަންބޮޑުވުންތަކަށް، ކޮމިޓީން ގެނައި އިސްލާހާ އެކު ފަރުވާ ލިބިފައިވާ ކަމަށް ބުނެ އެ ޕެޓިޝަން ވެސް މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ. https://sun.mv/211459 ބިލަށް އިސްލާހުތަކެއް ގެނައި ނަމަވެސް މިރޭ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވަނީ ނޫސްވެރިން ހުށަހެޅި އެއްވެސް ކަންބޮޑުުވުމަކަށް ބިލު ފާސްކުރިއިރު ހައްލެއް ނުދޭ ކަމަށެވެ. އިއްޔެ ބިލު ފާސްކުރުމާއެކު، ބައިނަލްއަގްވާމީ މީޑިއާއާއި، މުޅި ދުނިޔޭގެ ސަމާލުކަމަށް މިކަން ވަނީ އައިސްފައެވެ. ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީން ވެސް ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ނަގަހައްޓަން ގޮވައިލައިފައެވެ. https://www.aljazeera.com/news/2025/9/17/war-on-free-speech-outcry-after-maldives-passes-controversial-media-bill މީގެ އިތުރުން ބައިނަލްއަގްވާމީ ބޮޑެތި ނޫސްތައްކަމަށްވާ އަލް ޖަޒީރާ ފަދަ ނޫސްތަކުގެ ސުރުހީތަކަށް ވެސް މި ޚަބަރު ވަނީ އަރައިފައެވެ. އަދި އަވައްޓެރި އިންޑިއާގެ ނޫސްތަކުންނާއި، ލަންކާގެ ނޫސްވެރިންގެ ސަމާލުކަމަށް ވެސް ވަނީ މިކަން އައިސްފައެވެ. https://x.com/IndiaToday/status/1968003527340593372 މި ބިލުގެ ކަންބޮޑުވުން ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުން ވެސް އަންނަނީ ފާޅުކުރަމުންނެވެ. ބިލު ފާސްކުރުމާއެކު، މި ބިލު ތަަސްދީގު ނުކުރުމަށް ނޫސްވެރިންނާއި، ޖަމިއްޔާތަކުންނާއި، ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން އަންނަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ގޮވައިލަމުންނެވެ. މި ބިލު ތަސްދީގުކުރައްވައިފި ނަމަ، ކޯޓަށް މައްސަލަ ހުށަހަޅާނެކަމަށް ވެސް އެމްޖޭއޭއާއި، އިދިކޮޅު އެމްޑީޕީން ވަނީ ބުނެފައެވެ. މީގެ ކުރިން ވެސް ޚިޔާލު ފާޅުކުރުމާއި، ނޫސްވެރިކަން ފަދަ، އަސާސީ ހައްގުތަކަށް ހުރަސް އެޅޭ މިފަދަ ކަންކަން ރާއްޖޭގައި ހިނގައިގެން ދުނިޔޭގެ ސަމާލުކަމާއި ޕްރެޝަރު ވަރަށް ބޮޑަށް ލިބިފައިވެއެވެ. އޭގެ ތެރޭ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަބުރުގެ ގާނޫނު ފާސްކުރުމަށް ކުރި މަސައްކަތާއި، މިދިޔަ ވެރިކަމުގައި މަސްދަރު ހާމަކުރަން ޖެހޭ ފަދަ ބިލެއް ފާސްކުރަން މަސައްކަތްކުރި ދުވަސްވަރު ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ