މާލޭން ގޯތި ބެހުމުން 13 ބިލިއަން ގެއްލުންވި، ގޯތިތައް ދައުލަތަށް ނަގަންޖެހޭ: ފަލާހް
ބިންވެރިޔާ ސްކީމްގެ ދަށުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ހިލޭ ބިން ދޫކުރުމުން ދައުލަތަށް 13 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށް ވިދާޅުވެ، އެ ގޯތިތައް އަނބުރާ ދައުލަތަށް ނަގަން ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ޚިޔާލު ހުށަހަޅުއްވައިފިއެވެ. އެމްޑީޕީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފުލެޓުތައް ހަވާލުކުރުން ލަސްވާ މައްސަލައިގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ފަލާހު މިއަދު ވިދާޅުވީ، އެމްޑީޕީން ގޯތި ދޫކޮށްފައި ހުރީ ކަނޑު އަޑިން ކަމަށެވެ. މިދިޔަ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ހިލޭ ގޯތި ދޫކުރީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާ ދިމާކޮށް، އިންތިޚާބުގައި ވޯޓު ހޯދުމުގެ ބޭނުމުގައި ކަމަށް ފަލާހު ތުހުމަތުކުރެއްވިއެވެ. "ރާއްޖެ ފަދަ އިގުތިސާދީ ގޮތުން ނިކަމެތި ފަގީރު ގައުމެއްގައި ވެރިކަމުގެ ބޭނުމުގައި ދަހިވެތިކަމުގައި ވެރިކަމަށް އިންތިޚާބަށް ކެމްޕެއިންކުރަމުން ދިޔަ ދުވަސްވަރު މި އޮތީ ގާތްގަނޑަކަށް އެންމެ ގޯއްޗެއް ދެ ގޯއްޗެއް ވެސް ނޫން، 40 އަކަށް ހާސް ގޯތީގެ ރަޖިސްޓްރީ ބަހާލާފައި ވޯޓު ހޯދުމުގެ ބޭނުމުގައި،" އޭނާ ވިދާޅުވިއެވެ. https://sun.mv/210833 ބިންވެރިޔާ ސްކީމްގެ ދަށުން އެމްޑީޕީގެ ސަރުކާރުން ހިލޭ ގޯތި ދިނުމުގެ ސްކީމަކީ އެ ސަރުކާރުން ދިން އެންމެ ބޮޑު އެއް ގެއްލުމުގެ ގޮތުގައި ސިފަކުރައްވައި ފަލާހު ވިދާޅުވީ، ގޯތިތައް ހިލޭ ދޫކުރުމުގެ ސަބަބުން ސަރުކާރަށް 13 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ. ފަލާހު ވިދާޅުވީ، މާލޭގެ އެއްބައި ރައްޔިތުންނަށް ގޯތި ވިއްކާއިރު އަނެއް ބަޔަކަށް ގޯތި ދެނީ އެއްތަނަކުން އެކަމަކު ހިލޭ ކަމަށެވެ. އެހެންވެ، އޭނާ ހުށަހެޅުއްވީ ބަދަލު ދޭންޖެހޭ ފަރާތްތަކަށް ބަދަލު ދިނުމަށް ފަހު ހިލޭ ދޫކުރި ހުރިހާ ގޯއްޗެއް ދައުލަތަށް ނެގުމަށެވެ. "އަޅުގަނޑުގެ ޚިޔާލަކީ އަދިވެސް، ހިލޭ ދީފައި އެ ހުރި ބިންތައް، އެތާ ވަށާފާރެއް ރާނާފައި ހުރިއްޔާ ވަށާފާރުގެ ބަދަލުދީފައި، ގޯތި ރާނާފައި ހުރިއްޔާ ގޯތީގެ ބަދަލުދީފައި ހުރިހާ އެއްޗެއް ދައުލަތަށް ނެގުން،" އޭނާ ވިދާޅުވިއެވެ. މިއީ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ފާޅުކުރައްވާ ޚިޔާލެއް ނޫން ކަމަށް ވިދާޅުވެ، 90 ޕަސެންޓަށް ވުރެ ގިނަ މީހުން މި ޚިޔާލަށް ތާއީދުކުރައްވާނެ ކަމަށް ފަލާހު ވިދާޅުވިއެވެ. ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ނިންމާފައިވެއެވެ. އެ ގޯތިތައް ދޫކޮށްފައިވަނީ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ