ބަޝާޝާ – އުފާވެރި މޫނު

ބަޝާޝާ އެއީ އުފާވެރި އަލި މޫނެވެ. ހިނިތުންވެ ހުންނަ އޯގާތެރި މީހާއެވެ. އެހެންކަމުން ބަޝާޝާއަކީ މީހެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނައުމާއި، މަރުޙަބާގެ ބީދައިން މީހުން ބަލައިގަތުމާއި ހިތްތިރިވެ އޯގާތެރިކަމާ އެކު ކަންކަމުގައި މުޢާމަލާތުކުރުމެވެ. ބަޝާޝަތު (بشاشة) - ބަޝާޝާ މިއީ ޢަރަބި ލަފުޒެކެވެ. އަޅުގަނޑުމެންގެ ދަރިންނަށް ކިޔަން ވަރަށް ރަނގަޅު ނަމެއް ވެސް މެއެވެ. މި ލަފުޒުން ކިޔައިދެނީ ހަމައެކަނި އުފާވެރި ކަމެއް ނޫނެވެ. އެއީ ހިނިތުންވުމާ އެކު އުފާވެރި މޫނެއްގެ ވެރިޔަކަށް މީހާ ވުމެވެ. އުނދަގޫކަމެއް ނެތި އެހެންމީހުންނާ ކުރިމަތިލައި އެމީހުންނަށް ވެސް އުފާވެރިކަން އިހުސާސްވާ ފަދަ ހިނިތުންވުމެއް މީހެއްގެ މޫނުގައި ހުރުމެވެ. މުސްލިމުންގެ ހައިޘިއްޔަތުން އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ވާންޖެހޭނީ ބަޝާޝާއަކަށެވެ. އުފާވެރި މޫނެއްގެ ވެރިއަކަށެވެ. މިއީ ވަރަށް މުހިންމު އަޚުލާޤީ ސިފައެކެވެ. އެ މީހެއްގެ މޫނުމަތިން ހިނިތުންވުން ފާޅުވާ މީހުންގެ ނިމުން ޤިޔާމަތްދުވަހު ވަނީ ހަމަ އެފަދަ އުފާވެރި ގޮތެއްގައެވެ. އެއީ ދުނިޔޭގައި ވެސް އޭނާ އުފަލުގައި އުޅެ އެހެން މީހުން ވެސް އުފާކޮށްދީ ހިނިތުންކުރުވީތީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ‎﴿وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ‎(٣٨) ضَاحِكَةٌ مُّسْتَبْشِرَةٌ‎(٣٩)﴾ (عبس) މާނައީ: "އެ ދުވަހުން އަލިވެ، ހިނިއައިސް، އުފާވެފައިވާ މޫނުތަކެއްވާނެއެވެ." އިންސާނުންގެ ޢަމަލީ ޙަޔާތުގައި ދިރިއުޅޭއިރު އުފާވެރިކަމާ އެކު ހިނިތުންވެ އުޅުމަށް މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ވަނީ އިރުޝާދުދެއްވައިފައެވެ. އަބުއްޛަރު رَضِيَ اللهُ عَنْهއަށް ޙަދީޘްކުރެއްވިއެވެ. "ހެޔޮކަމުގެ ގޮތުން، ކުޑަ ކަމެކޭ ހީކޮށް އެއްވެސް ކަމެއް ދޫކޮށް ނުލައްވައްޗެވެ. އެއީ ތިބާގެ އަޚާއާ ބައްދަލުވާ ހިނދު ހިނިތުންވާ މޫނެއް އޭނާއަށް ދެއްކުން ކަމުގައި ވިޔަސްމެއެވެ." (މުސްލިމް: 2626) އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވި ކަމަށް އައްތިރިމިޒީ ރިވާކުރައްވައިފައި ވެއެވެ. «تبسُّمُكَ في وجْهِ أخيكَ لَكَ صدقةٌ» (الترمذي: 1956) މާނައީ: "ތިބާގެ އަޚާގެ ކުރިމަތީ ހިނިތުންވުމަކީ ޞަދަޤާތެކެވެ." ކީރިތި ޤުރުއާނާއި ނަބަވީ އިރުޝާދުތަކުން މި އެނގެނީ އުފާވެރިކަމާއި ހިނިތުންވުން މޫނުމަތިން ފާޅުކުރުމަކީ މުސްލިމުންގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ އަޚުލާޤީ ރިވެތި ސިފައެއްކަމެވެ. އެއީ ޞަދަޤާތެކެވެ. އެއީ ސަވާބުލިބޭ ޢަމަލެކެވެ. މި އުންމަތުގެ އިސްވެދިޔަ މާތް ބޭކަލުން ވެސް ވަނީ މި ސިފަ އެބޭކަލުންގެ ކިބައިގައި ހިފެހެއްޓުމަށް މަސައްކަތް ކުރައްވައިފައެވެ. އަދި އެހެންމީހުންނަށް އެ ކަމަށް ނަސޭހަތް ވެސް ދެއްވައިފައެވެ. އަބްދުﷲ އަލްމުބާރަކް ސިފަކުރައްވަނީ އަންނަނިވި ފަދައިންނެވެ. "އެއީ އުފާވެރި އަލި މޫނަކައިގެން ހުރުމާއި ހެޔޮ ފެތުރުމާއި ނުބައިކަންކަން ދޫކޮށްލުމެވެ." (އައްތިރިމިޒީ 2005) އިޙްޔާ ޢުލޫމުއްދީން އެވެ ކިޔުނު ފޮތުގައި އަލްއިމާމް ޣަޒާލީ ލިޔުއްވައިފައިވެއެވެ. އަލްއައުޒާޢީއާ ސުވާލުވެވުނެވެ. "މެހެމާންދާރީ ދިނުމަކީ ކޮބައިހެއްޔެވެ؟" އެކަލޭގެފާނުވިދާޅުވިއެވެ. "މޫނުމަތި ހިނިތުންކުރުމާއި ރިވެތި ބަހުން ވާހަކަދެއްކުމެވެ." އެހެންކަމުން ބަޝާޝަތުންގެ ރިވެތި ސިފަ އަޅުގަނޑުމެން ކޮންމެ މީހެއްގެ ކިބައިގައި ވެސް އުފައްދައި އަށަގެންނެވޭތޯ ބަލަން ވާނެއެވެ. އޭގެ ފައިދާތައް ވަރަށް ގިނައެވެ. އޭގެތެރެއިން އެންމެ ބޮޑު ފައިދާއަކީ ތިމާގެ އަމިއްލަ ޙަޔާތް ހިތާމައިގެ ވަކިތަކުން ސަލާމަތްވުމެވެ. އުފާވެރި ބަޝާޝާއަކީ އުފާވެރި މޫނެވެ. އެއީ އެހެން މީހުންނަށް ވެސް އޭނާއާ ބައްދަލުވުމުން އުފާވެރިކަން ލިބޭނެ މޫނުގެ ވެރި މީހާއެވެ. އޭނާގެ އެ ރިވެތި އަޚުލާޤުގެ ސަބަބުން އެހެން މީހުންގެ ކުރިމަތީ އޭނާ ޝަރަފުވެރި މީހަކަށް ވެއެވެ. އޭނާގެ އެ ހިނިތުންވުމަކީ ޙަޤީޤަތުގައި އޭނާގެ އެތެރެފުށުން އަންނަ ހިނިތުންވުމެކެވެ. އެއީ އޭނާގެ ރޫޙުން ވާ އުފާވެރިކަމެކެވެ. ހަމައެކަނި މޫނުމަށްޗަށް ގެންނަ ދެއްކުންތެރިކަމެއް ނޫނެވެ. އޭނާގެ އެ ހިނިތުން ވުމުގެ އިޚްލާޞްތެރިކަމަށް ޓަކައި މާތް ﷲގެ ލޯބި އޭނާއަށް ލިބިގެން ވެއެވެ. ﷲ އެ މީހަކުދެކެ ލޯބިވެއްޖެ މީހާދެކެ ލޯބިވުމަށް އުޑުގެ އަހުލުވެރިންނަށް އަމުރުކުރައްވާނެއެވެ. އަދި އޭނާއަށް ޓަކައި ބިމުގެ އަހުލުވެރިންގެ ހިތްތަކުގައި ވެސް ލޯބި ލައްވާނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ