ނޭޓޯ ކަހަލަ ރައްކާތެރިކަން ޔޫކްރައިން އަށް ދޭން އެމެރިކާއިން ހުށަހަޅައިފި

ޔޫރަޕަށް ނިސްބަތްވާ ނޭޓޯގެ ގައުމުތަކުން އެކުލަވާލައިފައި އޮންނަ މުއާހަދާގައި ބަޔާން ކުރާ ފަދަ ސެކިއުރިޓީ ގެރެންޓީއެއް ނުވަތަ ސަލާމަތާއި ރައްކާތެރިކަން ޔޫކްރައިން އަށް ދޭން އެމެރިކާއިން ހުށަހަޅައިފިއެވެ.
ނޭޓޯގެ މުއާހަދާގެ އާޓިވަލް 5 ގައި ބުނަނީ، މެންބަރު ގައުމަކަށް ރައްކާތެރިކަން ބޭނުންވާ ވަގުތުގައި އެހެން ގައުމުތަކުން އެހީވާން ޖެހޭނެ ނުވަތަ ރައްކާތެރިކަން ދޭން ޖެހޭނެ ކަމަށެވެ.
އެމެރިކާއިން ޔޫކްރައިން އަށް ހުށަހަޅަނީ، އެފަދަ ރައްކާތެރިކަމެއް އެމެރިކާއިން ޔޫކްރައިން އަށް ފޯރުކޮށްދިނުމަށެވެ.
ޖަރުމަނުގެ ބާލިންގައި ޔޫރަޕްގެ އޮފިޝަލުންނާއެކު ބޭއްވި މަޝްވަރާތަކަށް ފަހު އެމެރިކާގެ އޮފިޝަލް ވިދާޅުވި ކަމަށް ބީބީސީގައި ރިޕޯޓު ކޮށްފައި ވާ ގޮތުން، ޔޫކްރައިން އަށް ސެކިއުރިޓީ ގެރެންޓީއެއް ދިން ނަމަވެސް، ރަޝިއާއިން ހިފާފައި ވާ ޔޫކްރައިންގެ ބިންތަކާ ގުޅޭގޮތުން މާ ތަފްސީލު ވާހަކައެއް ހާމަކޮށްފައެއް ނުވެއެވެ.
އެމެރިކާއިން ބުނެފައި ވަނީ، ޔޫކްރައިން އަށް އެމެރިކާއިން 'ވަރުގަދަ' ރައްކާތެރިކަމެއް ދޭން ހުށަހެޅުމުން، ސުލްހަ ވެގެން ދާނެ ކަމަށް ދެކޭ ކަމަށާއި، އެމެރިކާގެ ހުށަހެޅުމަކީ ރަޝިއާއަށް ވެސް ބަލައިގަނެވޭނެ ހުށަހެޅުމަކަށް ވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވީ، އެއީ ކުރިއެރުންތަކެއް ލިބިގެން ދިޔަ ބައްދަލުވުމެއް ކަމަށެވެ. ނަމަވެސް ފަސޭހަ ނޫން ކަމަށް ވިދާޅުވެފައި ވެއެވެ.
ޒެލެންސްކީ ވިދާޅުވީ، ވަށައިގެން ހުރި އެހެން މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ކުރިން 'ސެކިއުރިޓީ ގެރެންޓީ ދޭނެ ގޮތް ވަރަށް ސާފުކޮށް އެނގެން" ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
ޔޫކްރައިން އިން ބުނީ، އެ ގައުމުން ބޭނުންވާ ސެކިއުރިޓީ ގެރެންޓީ އަކީ އެކަމުގެ ސަބަބުން ގާއިމުވާ ސުލްހަ އާއެކު ދެވަނަ ފަހަރަށް ރަޝިއާއިން ޔޫކްރައިން އަށް ހަމަލާ ނުދޭނެކަން ކަށަވަރުވާނެ ގެރެންޓީއަށް ވާން ޖެހޭނެ ކަމަށެވެ.
އެމެރިކާގެ އޮފިޝަލުން ވިދާޅުވަނީ، އެމެރިކާއިން ހުށަހަޅާ ސެކިއުރިޓީ ގެރެންޓީ އަކީ 'ޕްލެޓިނަމް ދަރަޖަ" އިގެ ގެރެންޓީއެއް ކަމަށާއި ނަމަވެސް އަވަހަށް ގޮތް ނުނިންމާނަމަ އެ ހުށަހެޅުން 'އަބަދު މޭޒުމަތީގައި ނޯންނާނެ' ކަމަށެވެ.
މި ވާހަކަތަކާއެކު ޒެލެންސްކީ ވަނީ، އެގައުމުން ނޭޓޯ އާ ގުޅެން ގެންގުޅޭ ސިޔާސަތު ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ.
ރަޝިއާއިން ޔޫކްރައިން ބިމުގެ 5 ޕަސެންޓް ހިފާ އަމިއްލަ ކޮށްފައި ވާ އިރު، ރަޝިއާ އާއި ޔޫކްރައިން އާ ދެމެދު އެންމެ ބޮޑަށް މިހާރު ހިޔާލު ތަފާތުވެފައި އޮތީ ޑޮމްބަސް ސަރަހައްދާ ގުޅޭގޮތުންނެވެ. އެ ސަރަހައްދުގައި ދެފަރާތުގެ ސިފައިން ގާއިމުވެ ތިބި އިރު، ރަޝިއާއިން ބޭނުންވަނީ ޑޮމްބަސް އެކީއެކުގައި ރަޝިއާއަށް އަތުލާށެވެ. އެމެރިކާއިން ބޭނުން ވަނީ، ޔޫކްރައިން ސިފައިން ޑޮންބަސް އިން ފައިބައި އެ ސަރަހައްދަކީ މިނިވަން ވިޔަފާރީގެ ސަރަހައްދެއް ކަމުގައި ޔޫކްރައިން އަދި ރަޝިއާއިން ބަލައިގަނެގެން ތިބޭށެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ، ސުލްހައާ ގާތަށް މީގެ ކުރިން ނުދެވޭ މިންވަރަށް މި މަޝްވަރާތަކުން ދެވިއްޖެ ކަމަށާއި މިއީ 'ވަރަށް ރަނގަޅު މަޝްވަރާތަކެއް' ކަމަށެވެ.
އެމެރިކާއިން މިހާރު މަސައްކަތް ކުރަނީ، އެގައުމުން ޔޫކްރައިން އަށް ހުށަހަޅާ ސެކިއުރިޓީ ގެރެންޓީގެ ޕެކޭޖަށް އެމެރިކާގެ ސެނޭޓު (ގާނޫނު ހަދާ މަޖިލީސް) ގެ ރުހުން ހޯދަން ހުށަހެޅުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ