އަވަށު ބައްދަލުވުމަށް ދަނީ ކުރިމައްޗަށް އަރާ ކުރުދޮށިންދޭން!

އޮފީހުގައި ކުރާނެ މަސައްކަތެއް ނެތި ވަގުތު ގިނަވެގެން އުޅޭ އެއްވެސް ވެރިއަކު މުއިއްޒު ނޫނީ ނޫޅެއެވެ. ވެރިކަމަށް 2 އަހަރުވެގެން ދިޔައިރު ނިސްބަތުން ގިނައީ އޮފީހަށް ނުވަންނަ ދުވަހެވެ. ދުވަސްތައް ދުއްވާލަނީ ރާއްޖޭން ބޭރުގައާއި ރާއްޖެތެރޭގައި ދަތުރު ކުރުމުގައެވެ. މާލޭގައި ހުރިއްޔާ ކޮންމެވެސް ޕަބްލިސިޓީ ހޯދުމުގެ ސްޓަންޓެއް ޖެއްސުމުގައެވެ. 
ނޫސްވެރިންނާ ބައްދަލު ނުކުރާތީ އެ ވާހަކަ ދެކެވެން ފެށުމުން ކުއްލިޔަކަށް އެއްދުވަހަކު ނޫސް ކޮންފަރެންސެއް ދޭނަމުގައި ނޫސްވެރިން ކުރިމަތީގައި ހެދުނުން ފެށިގެން ފަނަރަ ވަރަކަށް ގަޑިއިރު ކޮޅަށް ހުރެއްޖެއެވެ. ރެކޯޑް ހެދި ނޫސް ކޮންފަރެންސް ނިމުނީ ދޮގުމައްޗަށް އެތައް ދޮގެއް ހަދާ އަމިއްލަ ސޯޓު ބޭލިގެންނެވެ. ރެކޯޑް ހެދި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަވެގެން ދިޔަ އެއްވެސް މައްސަލައަކަށް ހައްލެއް އަދި އަދަށް ވެސް ނުލިބެއެވެ. 
ފޯނު މެދުވެރިކޮށް ވީޑިއޯ ކޯލުން ރައީސާ ސުވާލު ކުރުމުގެ ޕްރޮގްރާމެއް ވެސް ފެށިއެވެ. އެކަންވެސް ދިޔައީ ތޮޅިއަށެވެ. މަޝްހޫރު ޝަކީބްބެ ބޭނުންކޮށްގެން ޕޮޑްކާސްޓެއް ވެސް ހިންގަން ފެށިއެވެ. ކަން ނިމުނީ ޕީއެސްއެމްގެ އެމްޑީކަން ޝަކީބްބެއަށް ލިބިގެންނެވެ. 
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވުމުން ރައްޔިތުންނާ މާގާތުން ވެރިކަން ކުރެވޭ މީހެއްކަމަށް ދެއްކެންވެގެން އަނެއްކާވެސް އައު ކުޅިއެއް މުއިއްޒު މިވަނީ ފަށާފައެވެ. މުއިއްޒު މިފަހަރު މިކުޅޭ ކުޅިއަކީ ރައްޔިތުންގެ އަޑުއަހައިގެން ވެރިކަން ކުރާކަމަށް ހެދެން ހުޅުވާލައިގެން މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރުމެވެ. ތަރުތީބަކުން ހިންގާ ސަރުކާރެއް ނޫންކަމުން މާކަންކުރެވޭ ކަންދައްކަން މީހަކު ތެދުވެ ބުނާހާކަމެއް ހަމައެއް ލަމައެއް ނެތި ކުއްލިޔަކަށް ކޮށްލައިގެންވެސް ގިނަކަންތައް ގޮއްވާލަނީ އަތަށެވެ.
މާތްކަލާކޯއެވެ. މާލޭ އަވަށްތަކުގެ ގިނަ މީހުން ކަމާކަން ފަށަށް ބައްދަލުވުމަށް ދަނީ ކުރާ ތާއީދަކުން ވާ ލޯތްބަކުން ނޫނެވެ. ރީތިކަމުން ދެކިލާ ސަލާންކޮށްލާ ހިތަކުންވެސް ނޫނެވެ. މުއިއްޒު ބާއްވާ އަވަށު ބައްދަލުވުމަށް މީހުންދަނީ ސަރުކާރެއް ފޭލިވެ ދިރިތިބޭން ދަތިވެގެންނެވެ. ދިރިއުޅެން އުފުލަން ޖެހިފައިވާ ވޭނާ ކެކުޅުމާއި ތަކުލީފް ބޮޑުކަމުންނެވެ. ވަޒީރުންނާއި އެމްޑީން މެންބަރުންގެ ފުށުން ހައްލުވާ އެއްކަމެއް ނެތުމުންނެވެ. 
އަވަށު ބައްދަލުވުމަށް ގިނަ މީހުން ދަނީ ކަަމެއް ހައްލުވެދާނެ ކަމަކަށް ނޫނެވެ. ބޮޑުތަނުން މުޅި ސަރުކާރު ފޭލިވެފައި އޮތުމުން ކުރިމައްޗަށް އަރާ ކުރު ދޮށިން ދޭށެވެ. އެވަރުން ނުވެގެން މުއިއްޒުގެ މުސީބާތުން ސަލާމަތް ވުމަށް އެދި ޖަމާއަތް ހަދައިގެން ދުއާއަށް އަދި އަތްވެސް ނަގާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ