ތިލަފުށީގައި މީހަކު ލޮރީއެއް ދަށުވެ ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ކ. ތިލަފުށީގައި ބިދޭސީއަކު ލޮރީއެއް ދަށުވެ، ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގައިގެން ރިޕޯޓުކުރީ މިއަދު މެންދުރުފަހު 14:15 ހާއިރުކަމަށެވެ. މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނީ ސްރީލަންކާ ރައްޔިތަކަށެވެ. ފުލުހުން ބުނީ ހާދިސާ ހިނގަން މެދުވެރިވީ، އެކްސްކެވޭޓަރެއް ކައިރި އޭނާ މަސައްކަތް ކުރަން ހުއްޓައި ލޮރީއަކުން ޖެހި ވެއްޓި، ލޮރީ އޭނާގެ ގައިމަތިން ދިޔުމުން ކަމަަށެވެ. އޭނާއަށް ލިބުނު ސީރިއަސް އަނިޔާތަކަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. މި މައްސަލައާ ގުޅިގެން ލޮރީ ދުއްވި މިހާ މިހާރު ހުރީ ފުލުުހުންގެ ބެލުމުގެ ދަށުގައެވެ. އެއީ އުމުރުން 28 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ވިގްނޭޝް އަންނަޑުރާއީ އެެވެ. ފުލުހުން ވަނީ އޭނާ ދުއްވި ލޮރީ ވެސް ޓޯކޮށްފައެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. ކޮންސްޓްރަކްޝަން ސައިޓުތަކުގައި މިފަދަ ހާދިސާތައް މީގެކުރިން ވެސް، މަދުން ނަމަވެސް ރާއްޖޭގައި ހިނގައިފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ