ސަރުކާރުން ދޭންޖެހޭ ފައިސާ ހޯދަން އެސޯސިއޭޝަންތަކުން އާދޭސްކުރަނީ

ރާއްޖޭގެ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ދިވެހި ސަރުކާރުން ދޫކުރާ ފައިސާ ނުލިބި، ގިނަ އެސޯސިއޭޝަންތަކެއްގެ ހިންގުމަށް ދަތިވެއްޖެއެވެ. "ސަން"އަށް މައުލޫމާތު ދެމުން ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ އެ ފައިސާ ނުލިބި ދިގުލައިގެންދާތީ އެސޯސިއޭޝަނުގެ ހިންގުމުގެ ހަރަދުތަކާއި، މުސާރަ ދިނުމާއި ކުޅިވަރު މުބާރާތްތައް ހިންގުމަށް ދަތިވެފައިވާ ކަމަށް ބުނެފައެވެ. އެސޯސިއޭޝަންތަކަށް ސަރުކާރުން ފައިސާ ދޫކުރަނީ ހަތަރު ކުއާޓަރަކަށް ބަހާލައިގެންނެވެ. އޭގެތެރެއިން ފުރަތަމަ ކުއާޓަރުގެ ފައިސާ އެސޯސިއޭޝަންތަކަށް މިއަހަރުގެ ކުރީކޮޅު ދޫކޮށްފައިވެއެވެ. ދެވަނަ ކުއާޓަރުގެ ފައިސާ ނުލިބޭ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކެއް ވާއިރު، އެ ކުއާޓަރު ނިމި، މިހާރު ކުރިއަށް މިދަނީ ތިންވަނަ ކުއާޓަރެވެ. އަދިވެސް ތިންވަނަ ކުއާޓަރުގެ ފައިސާ އެސޯސިއޭޝަންތަކަށް ނުލިބޭކަމަށް އެ އެސޯސިއޭޝަންތަކުން ބުނެއެވެ. ނަން ހާމަނުކުރުމަށް އެދި ސްޕޯޓްސް މިނިސްޓްރީގެ އިސް އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، ފައިސާ ދިނުން ލަސްވަނީ މިނިސްޓްރީގައި އެ ފައިސާ ނެތުމުން ކަމަށެވެ. އަދި މިއަހަރުގެ ބާކީ ސްޕޯޓްސް ބަޖެޓްގައި މިނިސްޓްރީގައި އޮތީ ގާތްގަނޑަކަށް ތިން ލައްކައެއްހާ ރުފިޔާ ކަމަށާއި ފައިސާ މެނޭޖުކުރުމުގައި ދަތިތަކެއް އުޅޭކަމަށް ބައެއްް އެސޯސިއޭޝަންތަކުގެ އިސްވެރިން ގާތު ކުޅިވަރު ވަޒީރު ވިދާޅުވެފައިވާ ކަމަށެވެ. ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމުގެ ބޮޑުބައެއް ބަރޯސާވަނީ ސަރުކާރުން އެ އެސޯސިއޭޝަނަކަށް ދޭ ފައިސާއަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ފައިސާތަކެއް އަދިވެސް އެސޯސިއޭޝަންތަކަށް ނުލިބޭއިރު، އެސޯސިއޭޝަންތަކުން މި ވާހަކަ ތިލަނުކުރަނީ އެ ފައިސާ ލިބުމުގައި ދަތިތަކެއް ދިމާވެދާނެކަމުގެ ބިރަށެވެ. ކުޅިވަރު އެސޯސިއޭޝަންތަކަށް ފައިސާ ދިނުމުގެ އިތުރުން، އިނާމް ފައިސާ އާއި ރާއްޖެއިން ބޭރަށް ގައުމީ ޓީމުތައް ކުރާ ދަތުރުގެ ހަރަދު ވެސް ދެމުންދަނީ ސަރުކާރުންނެވެ. އެހެންނަމަވެސް މިހާތަނަށް ގިނަ ކުޅިވަރުތަކުން ރާއްޖެ އިން ބޭރަށް ކުރި ދަތުރުތަކުގެ ފައިސާ މިނިސްޓްރީން ޖަމާކޮށްދީފައި ނުވާއިރު އިނާމު ފައިސާ ވެސް ގިނަ ކުޅިވަރުތަކަށް ދޫކޮށްފައި ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ